ވިޔަފާރި

ސްޓެލްކޯގެ އެއްބައިވަންތަކަމުގެ ދުވަސް!

Sep 1, 2019
1

ޓީޝާޓު ލައިގެން "ކެޝުއަލް" ޔުނީފޯމުގައި އޮފީހަށް ދާ އޮފީސްތައް ގިނަ އެވެ. ގިނަ އޮފީސް ތަކުން މިގޮތަށް ހަމަޖައްސާފައިވަނީ ހަމަ ކެޝުއަލް ދުވަހެއް ފާހަގަކޮށްލުމުގެ ބޭނުމުގަ އެވެ. ނަމަވެސް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ޓީޝާޓު ޑޭ ތަފާތެވެ. މަގުސަދުވެސް ތަފާތެވެ. އެ ކުންފުނިން ޓީޝާޓު ދުވަސް ފާހަގަ ކުރަނީ އެއް ބައިވަންތަކުގެ ދުވަހެއްގެ ގޮތުގަ އެވެ. މިއަދަކީ ސްޓެލްކޯގެ އެއްބައިވަންތަކަމުގެ ދުވަހެވެ.

މާލެ އާއި އަތޮޅުތަކުގައި ގާތްގަނޑަކަށް ހާހެއްހާ މުވައްޒަފުން މަސައްކަތް ކުރާ ސްޓެލްކޯގެ ޓީޝާޓު ދުވަހަކީ ކޮންމެ މަހެއްގެ ފުރަތަމަ މަސައްކަތު ދުވަހެވެ. މިއަދަކީ އެ ދުވަހެވެ. މި ދުވަހު ހުރިހާ މުވައްޒަފުން ތިބޭނީ ސްޓެލްކޯގެ ނޫކުލައިގަ އެވެ. ކުންފުނީގެ އެންމެ މަތީ ފަންތިން ހުރިހާ މުވައްޒަފުން ތިބޭނީ ނޫކުލައިގެ ޓީޝާޓުލައިގެންނެވެ. ކެޝުއަލްކޮށެވެ.

ސްޓެލްކޯ އިން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި ގޮތުގައި މި ދުވަހުސް ފާހަގަ ކުރުމުގެ މަގުސަދަކީ ކުންފުނީގެ އެއްބައިވަންތަކަން ވަރުގަދަ ކުރުން ކަމަށެވެ.

"އާއްމުކޮށް އޮފީސް އެޑްމިން މަސައްކަތްތަކުގައި އުޅޭ މުވައްޒަފުން ޓީޝާޓްލައިގެން ނުދާނެ. އެކަމަކު މަހަކު އެއް ފަހަރު މި އަންނަ ދުވަހު އެންމެން ތިބޭނީ ޓީޝާޓުގެ. ބޭނުމަކީ އެއްބައިވަންތަކަން ދިރިވުން،" އޮފިޝަލް ވިދާޅުވި އެވެ.

މިއީ ރާއްޖޭގައި މިހާރު ނެތެމުންދާ އެއްބައިވަންތަކަން ދެމެހެއްޓެނިވިގޮތެއްގައި ކުރި އަށް ގެންދިއުމަށް ރަސްމީ ސިފައެއްގައި ކުންފުންޏަކުން އެޅި މުހިއްމު ފިޔަވަޅެކެވެ.

ސްޓެލްކޯ މުވައްޒަފުންގެ ޓީޝާޓު ޑޭގެ އިތުރުން އެ ކުންފުނިން ދަނީ ކުލަ ހެދުމުގެ ދުވަހެއް ވެސް ފާހަގަ ކުރަމުންނެވެ. މި ދުވަހު ކުންފުނީގެ މުވައްޒަފުން އާއްމުކޮށް ގޭގައި ލައިއުޅޭ ކެޝުއަލް ހެދުމުގައި އޮފީހަށް ގޮސް އުޅޭނެ އެވެ. މި ދުވަސް ފާހަގަ ކުރަނީ އޮފީސް ތެރެ ސާފު ކުރާ ދުވަހެއްގެ ގޮތުގަ އެވެ. އެ މުވައްޒަފަކު މަސައްކަތް ކުރާ މާހައުލު އެ މުވައްޒަފަކު ބޭނުން ގޮތަކަށް ޒީނަތްތެރިކޮށް ހިތް ހަމަޖެހޭ މާހައުލެއް ގާއިމްކުރުމަށް ކެޝުއަލް ޑޭގެ ބޭނުން ހިފަ އެވެ.


ސްޓެލްކޯގެ ބައެއް މުވައްޒަފުން ބުނިގޮތުގައި ޓީޝާޓް ޑޭ އަދި ކެޝުއަލް ޑޭ ކޮންމެ މަހަކު ވެސް އައުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

"ނަފްސާނީ ގޮތުން މިހާ އަށް ވަރަށް ބޮޑު ލުއިކަމެއް ގެނެސްދޭ މި ދެ ދުވަސް ހާއްސަކޮށް، ކެޝުއަލް ޑޭއަކީ. މިއީ އަސްލު ސްޓެލްކޯ އަށް ކުންފުނީގެ މުވައްޒަފުންގެ އިހްސާސްތައް އިނގޭކަމުގެ ވަރަށް ބޮޑު ހެއްކެއް" ސްޓެލްކޯގެ މުވައްޒަފަކު ބުންޏެވެ.

ސްޓެލްކޯ އިން މި ދެ ދުވަސް ފާހަގަކުރުމުގެ މަގްސަދު އެ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތް ތަކުން ފެންނަމުން ދެ އެވެ. މި ދެ ދުވަސް ފާހަގަ ކުރަމުން އަންނަތާ ދެ އަހަރުވެފައިވާއިރު ސްޓެލްކޯ ވެފައިވަނީ ބަދަހި މުވައްޒަފުން ތަކެއް މަސައްކަތް ކުރާ މަސައްކަތަށް ފަރުވާ ބަހައްޓާ ކުންފުންޏަކަށެވެ.