ބާސެލޯނާ

ކުޓީނިއޯގެ އެޖެންޓްގެ ތުހުމަތުތައް ބާސާއަށް

ބާސެލޯނާގެ ފޯވަޑް ބްރެޒިލްގެ ފިލިޕޭ ކްޓީނިއޯއާ މެދު، ބާސާއިން އަމަލު ކުރަނީ ވަރަށް މަކަރުވެރިކޮށް ކަމަށް ކުޓޫނިއޯގެ އެޖެންޓް ކިއާ ޖުރަބްޗިއަން ބާސާގެ މައްޗަށް ތަހުމަތު ކޮށްފި އެވެ.

އޭނާ ބުނީ ކުޓީނިއޯ ބާސާގައި ބަހައްޓާނެ ކަމަށް، އެ ކުލަބުގެ ރައީސް ޖޯސްފް މާރިއާ ބާޓެމައު ވިދާޅުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ބާސާއިން ދަނީ ސިއްރިޔާތުގައި ނޭމާ އަލުން ބާސާއަށް ގެނައުމަށާއި އެ ޑީލްގައި ކްޓީނިއޯ ހިމެނުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

އޭނާ ބުނީ، ބާޓެމެއު އާއި ކުލަބުގެ އެގްޒެކެޓިވް ބޯޑް މެންބަރު ޕެޕް ސެގޫރާގެ ފަރާތުން ކްޓީނިއޯ މެދު ޔަގީންކަން ދީފައިވީ ނަމަވެސް އެ ކުލަބުން އަމަލު ކުރަމުން ދާ ގޮތުން ކުޓީނިއޯއަށް އިހްތރިާމް ނުކުރާކަން އެނގޭ ކަމަށެވެ. ކިއާ ޖުރަބްޗިއަން ބުނީ ބާސާއަށް ދިން ޔަގީން ކަމާއެކު، ކުޓީނިއޯ ގުޅޭ އެއްވެސް މަޝްވަރާއެއް އެހެން ފަރާތަކާއެކު ނުކުރާ ކަމަށެވެ.

"އެކަމަކު އަހަރެމެންނަށް އެނގިފައި އެބައޮތް ކަމެއް، އަދި އެއީ ހަގީގަތެއްވެސް މެ، ބާސާގެ އެޑްވައިޒަރު އެންޑްރޭ ކްރީ ދައްކަމުން މި ދަނީ މުޅިން ތަފާތު ވާހަކަ އެއް،" ކިއާ ޖުރަބްޗިއަން ބުންޏެވެ. "އެންޑްރޭ ކްރީ ދަނީ، ނޭމާގެ ޓްރާންސްފާގައި ކުޓީނިއޯ ހިމެނުމަށް ބާރު އަޅަމުން."

"އަހަރެމެން އަދި އެއްވެސް ވާހަކައެއް ނުދައްކަން، އަހަރެމެން މި ތިބެނީ މި ވަގުތު މަޑުން، އެހެންނަމަވެސް ކުޅުންތެރިޔާ ބެހޭގޮތުން ދޮގު ހެދުމަކީ އަހަރެމެންނަށް ބަލައި ގަނެވޭނެ ކަމެއް ނޫން، އެ މީހުން ތެދު ބަހުން ވާހަކަ ދައްކަން ޖެހޭ."