ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

މިފަހަރު ފޯމްތައް ފުރިހަމަ، 163 ޖާގައަށް ލޯނު ދެވުނު

މިފަހަރު ސްޓޫޑެންޓް ލޯނަށް އެދުނު ފަރާތްތަކުން ރަނގަޅަށް ފޯމް ފުރިހަމަ ކޮށްފައިވުމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ތައުރީފު ކުރައްވައިފި އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިބްރާހީމް ހަސަން ވިދާޅުވީ، މިފަހަރު ލޯނަށް އެދުނު ފަރާތްތަކުން ފޯމް ފުރިހަމަކޮށްފައި ވަނީ ރަނގަޅަށް ކަމަށެވެ. އަދި އެހެން ކަންކަން ވެސް ފުރިހަމަކޮށްފައި ހުރީ ރަނގަޅަށް ކަމަށެވެ. މިފަހަރު ލޯނަށް އެދި ހުޅުވާލި 163 ޖާގައަށް ލޯނު ހަމަޖެހުނީ ފޯމް ފުރިހަމައަށް ފުރާފައި ވުމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މިފަހަރު ލޯނަށް އެދެން ފުރުސަތު ހުޅުވާލިއިރު، ފޯމް ފުރިހަމަ ކުރަންވީ ގޮތުގެ މައުލޫމާތު ވަރަށް ގިނަ ފަރާތްތަކާއި ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިފަހަރު ލިބުނު އެޕްލިކޭޝަންތަށް ހުރީ ވަރަށް ރަނގަޅަށް، އަޅުގަނޑުމެން ރައްޔިތުންނަށް ލޯނަށް އެޕްލިކޭޝަން ފުރިހަމަކުރަންވީ ގޮތުގެ ވަރަށް ގިނަ މައުލޫމާތު ހިއްސާކުރިން، އެއީ އަޅުގަނޑުމެންނަށް އިއުލާނު ކުރެވުނު 163 ޖާގައަށް ލޯނު ދެވުނު ކަމަކީ" މިނިސްޓަރު ވިދާޅުވި އެވެ.

މިފަހަރު ލޯނަށް އެދި ހުށަހެޅި ފަރާތްތަކުން ފޯމް ރަނގަޅަށް ފުރިހަމަ ކުރިނަމަވެސް، މިދިޔަ މާޗު މަހު ލޯނަށް ހުޅުވާލި 242 ޖާގައަށް 993 ފަރާތަކުން ކުރިމަތިލިއިރު ލޯނު ލިބުނީ 79 ފަރާތަކަށެވެ. މިކަމަށް ޖަވާބުދާރީވެ ވަޑައިގަންނަވަމުން މިނިސްޓަރު ވިދާޅުވީ، މަދު ބަޔަކަށް ލޯނު ހަމަޖެހިފައިވަނީ ފޯމް ރަނގަޅަށް ފުރިހަމަކޮށްފައި ނުވުމުން ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިތުރަށް ވިދާޅުވީ، މިދިޔަ ފަހަރާއި އެއްގޮތަށް މިއަހަރު ފަހުކޮޅު ލޯނާ ހުޅުވާލާ ފުރުސަތުގައި އިސްކަން ދޭނީ ހަމަ އެއް ދާއިރާތަކަށް ކަމަށެވެ. އެ ދާއިރާތަކަކީ ސައިކޮލޮޖިކަލް އެޑިޔުކޭޝަނާއި އޮކިއުޕޭޝަނަލް ތެރަޕީ އާއި ސްޕެޝަލް އެޑިޔުކޭޝަނާއި ސްޕީޗް ތެރަޕީ އާއި ސްޕޯޓްސް މެނޭޖްމެންޓް އާއި ރިނުއުބަލް ގްރީން އެނާޖީ އާއި ކަލްޗަރަލް އެންޑް ހެރިޓޭޖްގެ ދާއިރާ އެވެ.