ހަބަރު

ނޭޕާލްގައި ތިބި ދިވެހިންގެ ހާލު ރަނގަޅު: ފޮރިން

Jul 14, 2019
1

ނޭޕާލުގެ އެކި ހިސާބުތަކުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔަ ހާދިސާތަކުގައި އެތަނުގައި ތިބި ދިވެހި ދަރިވަރުންނަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށާއި އެންމެންގެ ހާލު ރަނގަޅު ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ވޭތުވެދިޔަ ހަތަރު ދުވަހު ނޭޕާލަށް ކުރި ބޯ ވިއްސާރާގައި އެގައުމުގެ އެކި ހިސާބުތަކުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔަ ހާދިސާތަކުގައި އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ވަނީ ގެއްލިފަ އެވެ.

އެހާދިސާއާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ، ނޭޕާލްގައި ތިބި ދިވެހި ދަރިވަރުންގެ ހާލު ރަނގަޅު ކަަމަށާއި އެއްވެސް ދިވެއްސަކަށް ގެއްލުންނުވާ ކަމަށެވެ. އަދި ނޭޕާލްގައި ތިބި ކުދިންގެ ހާލު ވަރަށް ގާތުން މިނިސްޓްރީން ބަލަމުންދާ ކަމަށެވެ.

ނޭޕާލުގައި ފެންބޮޑުވެ މިހާތަނަށް 34 މީހުން މަރުވެފައިވާއިރު، 24 މީހުން ގެއްލިފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވަނީ އެގައުމުގެ ފޮރިން މިނިސްޓަރު ޕްރަދީޕް ކުމާރް ގިޔަވާލީ ތައުޒިޔާ ފޮނުވާފަ އެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ، އެހަބަރު އެއްސެވީ ފުން ހިތާމަޔާއިއެކުގައި ކަމަށާއި މިހިތާމަވެރި ވަގުތުގައި ނޭޕާލް ރައްޔިތުންނާއި ސަރުކާރާއި ހާރިޖީ ވަޒީރަށާއި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.