ދުނިޔެ

ނޭޕާލްގައި ފެން ބޮނޑުވެ 45 މީހުން މަރުވެއްޖެ

ނޭޕާލަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ފެން ބޮނޑުވުމާއި ގުޅިގެން 45 މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ފާއިތުވި ތިން ދުވަހު ހުއްޓާނުލާ ނޭޕާލަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކޯރުތައް ފުރިގެން ބަންޑުވެ 31 މީހަކު ގެއްލިފައި ވެސް ވެއެވެ.

ނޭޕާލްގެ ނޭޝަނަލް އިމެޖަންސީ އޮޕަރޭޝަން ސެންޓާ (އެންއެންއޯސީ) އިން މިދިޔަ ހުކުރު ދުވަހު ބުނީ ގެއްލިފައިވާ 31 މީހުން ކިސަޑުތަކުގެ ތެރޭގައި ނުވަތަ ކޯރު ބަންޑުވި ވަގުތު އޮޔާ ގޮސްފައިވާ ކަމަށް ބެލެވޭ ކަމަށެވެ. މޫސުން އިތުރަށް ގޯސްވަމުން ދާތީ ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ނުކުރެވޭ ކަމަށްވެސް އެންއެންއޯސީ އިން ބުންޏެވެ.

ނޭޕާލްގެ އެކި ސަރަހައްދުތަކުން ބޮޑެތި މަގުތަކުގެ ތެރެއިން ނުވަ މަގެއް ވަނީ ދަތުރު ނުކުރެވޭ ވަރަށް ފެންބޮނޑުވެ ކިސަޑު ހެދިފަ އެވެ. ކިސަޑު އުފެދިފައިވާ އެހެން މަގުތައް ސިފައިންނާއި ފުލުހުންގެ އެހީތެރިކާމާއިއެކު މިހާރު ވަނީ ބޭނުންކުރެވޭވަރު ކޮށްފަ އެވެ.

މޫސުން ރަނގަޅު ނުވެ ކުރިއަށް ދުވަސްތަކުގައި އިތުރަށް ގޯސްވާނެ ކަމަށް ނޭޕާލްގެ މޫސޫމާ ބެހޭ އިދާރާއިން ވަނީ ބުނެފަ އެވެ. ނޭޕާލުގައި ފެން ބޮނޑުވުމުގެ ސަބަބުން މިހާތަނަށް 10،000 މީހުން ސަލާމަތީ ހިސާބުތަކަށް ބަދަލު ކޮށްފައިވާއިރު 1،100 މީހުނަށް އަނިޔާ ވުމުގެ ސަބަބުން ފަރުވާދޭން ޖެހިފައި ވެއެވެ. -- އޭޕީ