ދުނިޔެ

ސަރަހައްދީ ވިއްސާރަ: މިލިއަނަކަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް

ދެކުނު އޭޝިއާގެ އެކި ގައުމުތަކަށް މިހާރު ކުރަމުންދާ ވިއްސާރާއާ ގުޅިގެން މިލިއަނަކަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނޭޕާލާއި ބަންގްލަދޭޝް އަދި އިންޑިއާ ވަނީ ގަދަ ވިއްސާރައިގައި ޖެހިފަ އެވެ. އޭގެ ތެރެއިން ވިއްސާރާގައި އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ނޭޕާލަށެވެ. އެ ގައުމަށް ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެ މިހާތަނަށް 67 މީހަކު ވަނީ މަރުވެފަ އެވެ. އަދި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކޯރުތައް ފުރި ބަންޑުވެ 31 މީހަކު ގެއްލިފައިވާއިރު އެތަކެއްހާސް ބަޔަކު ސަލާމަތީ ގޮތުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައި ވެއެވެ.

މޫސުމާބެހޭ ރިޕޯޓްތައް ބުނާ ގޮތުން ކޮންމެ އަހަރެއްގެ ޖޫން މަހަކީ ދެކުނު އޭޝިއާގެ ގައުމުތަކަށް ބޯކަށް ވާރޭ ވެހި އުދަ އަރާ ދުވަސްވަރެކެވެ. ރާއްޖޭގެ ބައެއް ރަށްރަށަށްވެސް އިއްޔަ ވަނީ އުދަ އަރާފަ އެވެ.

ވިއްސާރައިގައި އިންޑިއާގެ އިމާރާތެއް ވެއްޓި 13 މީހަކު މަރުވެފައިވާިރު 1.9 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ސަލާމަތީ ގޮތުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ. ބަންގްލަދޭޝްއަށް ވެސް ބޯކަށް ވާރޭ ވެހެމުން ދާއިރު 500،000 މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.

މި ގައުމުތަކުގެ މޫސުމާބެހޭ އިދާރާތަކާއި ހަވާލާދީ ބޭރު ނޫސްތަކުން ބުނެފައިވަނީ، ކުރިއަށް އޮތް ދެތިން ދުވަހު ވެސް ބޯކަށް ވާރޭ ވެހުމުގެ އިތުރުން ކަނޑު ގަދަވެ އުދަ އެރުން އެކަށީގެންވާ ކަމަށެވެ. ނޭޕާލާއި އިންޑިއާ އަދި ބަންގްލަދޭޝްގައި ވެސް މިހާރު ދަނީ ސަލާމާތީ ރިލީފް ކޭޕްމުތައް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

ބަންގްލަދޭޝްގައި ތިބި މިޔަންމާ ރެފިއުޖީން ވެސް ވަނީ ބޯ ވާރޭގެ ސަބަބުން އެހެން ހިސާބުތަކަށް ބަދަލު ކޮށްފަ އެވެ.