ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ކުރީގެ ނައިބު ރައީސް އަދީބު މިނިވަން ވެއްޖެ

Jul 14, 2019

ކޯޓުގެ ހުރުމަތް ކަނޑައިގެން އިއްވާފައިވާ 15 ދުވަހުގެ ޖަލު ހުކުމްގެ މުއްދަތު ހަމަވުމާއެކު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިނިވަންވެއްޖެ އެވެ.

އަދީބުގެ މައްޗަށް ތިން މައްސަލައެއްގައި އޮތް 33 އަހަރުގެ ޖަލު ހުކުމް ވަނީ ބާތިލްކޮށްފަ އެވެ. ފިސްތޯލަ ގެންގުޅު ކަމަށް ބުނާ މައްސަލާގައި އިއްވި 10 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާއިރު ފިނިފެންމާ ލޯންޗުކޮޅު މައްސަލަ އާއި މާބިންހުރާ ހިޔާނާތުގެ މައްސަލާގެ ހުކުމް ހައިކޯޓުން ބާތިލްކޮށް އެ މައްސަލާގެ ޝަރީއަތް އަލުން ހިންގަން ކުރިމިނަލް ކޯޓަށް ވަނީ އަންގާފަ އެވެ.

ނަމަވެސް، ކުރިމިނަލް ކޯޓުން ވަނީ އެ ދެ މައްސަލަ ހިމެނޭ ގޮތަށް އަދީބުގެ 15 މައްސަލައެއް އެ ކޯޓުން ނުބަލަން ނިންމައި ބޭރުކޮށްލާފަ އެވެ. އެހެންކަމުން އަދީބުގެ އެއްވެސް މައްސަލައެއް މިވަގުތަކު އެއްވެސް ކޯޓަކު ނެތެވެ.

އެ ހުކުމްތައް ބާތިލު ކުރުމުން، އަދީބު ތަންފީޒު ކުރައްވަންޖެހިވަޑައިގެންފައި އޮތީ، ކުރިމިނަލް ކޯޓުގެ ހުރުމަތް ކަނޑައިގެން އޭނާގެ މައްޗަށް އިއްވި 15 ދުވަހުގެ ޖަލު ހުކުމެވެ. ނަމަވެސް ބަލި ހާލަތު ހުރި ގޮތުން، މިދިޔަ މާޗް މަހުން ފެށިގެން އަދީބު ހުންނެވީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.

ކޯޓުގެ ހުރުމަތްކެނޑުމުގެ ހުކުމްގެ މުއްދަތު ހަމަވެ އަދީބު މިހާރު ހުންނެވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ނޫންކަމަށް އެ އިދާރާއިން މިއަދު ވަނީ ބުނެފަ އެވެ. ނަމަވެސް، އަދީބަށް ގައުމުން ބޭރަށް ނުދެވޭގޮތަށް އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމް ކޯޓުން ވަނީ މިދިޔަ މަހު ހުކުމްކޮށްފަ އެވެ.