އިރާންގެ އިގްތިސޯދަށް ދަތިވާ ގޮތަށް އެމެރިކާއިން އަޅައިފައިވާ ފިޔަވަޅުތައް އުވާލައިލާ، އެމެރިކާ އަލުން ނިއްކުލިއާ އެއްބަސްވުމުގައި ސޮއި ކުރާނަމަ މަޝްވަރާ ކުރަން ތައްޔާރު ކަމަށް އިރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެެވެ.
އިރާނަށް އަޅައިފައިވާ ދަތިކުރުމުގެ ސަބަބުން ގައުމުތަކުން ވަނީ އީރާނުގެ ތެޔޮ ގަންނަ މިންވަރު މަދުކޮށްފަ އެވެ. އެއީ އިރާންގެ މައިގަނޑު އިގްތިސޯދެވެ. ފާއިތުވި ދުވަސްތަކުގައި ޔަމަންގެ ކަނޑުގެ ސަރަހައްދުން ތެޔޮ ޓޭންކަރަކަށް ހަމަލާދިން މައްސަލައިގައި އިރާނާއި އެމެރިކާއިން ވަނީ ހަނގުރާމައެއް ފަށާ ހިސާބަށް ބަސްމަގު ގެންގޮސްފަ އެވެ.
އަދި ލުބުނާނުގައި ހަރަކާތްތެރިވާ ހިޒުބުﷲ ޖަމާއަތް މައްސަލައިގެ ތެރެއަށް ވަނުމުގެ ސަބަބުން މަސްރަހު ވަނީ އިތުރަށް ގޯސްވެފަ އެވެ.
ޓޭންކަރަށް ހަމަލާދިން މައްސަލައިގައި އިރާނުގެ ކަނޑު ހިމެނޭ ގޮތަށް އަރަބި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ބޭނުމުގައި ޕެންޓަގަން އިން ދަނީ އަސްކަރީ ކޯލިޝަނެއް ހަދަން ތައްޔާރު ވަމުންނެވެ.
"އަޅުގަނޑުމެން އަބަދުވެސް ގަބޫލު ކުރަނީ މަޝްވަރާ ކުރުމަށް، ދަތިކުރުމުގެ ފިޔަވަޅުތަށް އުވާލައި އެއްބަސްވުމަށް އަލުން އެމެރިކާ އެނބުރި އަންނަނަމަ ވާހަކަ ދައްކަން ތައްޔާރުވާން. އެގޮތަށް އެމެރިކާ ބޭނުންތާކު މަޝްވަރާތަށް ކުރިއަށް ގެންދިޔުމަށް ތައްޔާރު" ރޫހާނީ ވިދާޅުވި އެވެ.
ނިއްކްލިއާ އަދި ޔޫރޭނިއަމް އުފައްދާ މިންވަރު މަދުކުރުމުގެ ގޮތުން 2015 ވަނަ އަހަރު ދުނިޔޭގެ ބާރުތައް ގުޅިގެން ހަދައިފައިވާ ނިއްކްލިއާ އެއްބަސްވުމުން އެމެރިކާވަނީ ވަކިވެފަ އެވެ. އެއަށްފަހު ދިޔައީ އިރާންގެ އިގްތިސޯދަށް ދަތިކުރުމުގެ ފިޔަވަޅު އަޅަމުންނެވެ.
އިރާނުން މިހާރުވެސް ދަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ އިތުރަށް ޔޫރޭނިއަމް ވެސް ފައްކާ ކުރަމުންނެވެ. މިކަމާއި ގުޅިގެންވެސް އެމެރިކާ އާއި އިރާނުން ދަނީ ބަހުގެ ހަމަލާތަަށް ބަދަލު ކުރަމުންނެވެ.