(10 ޖުލައި 2019 އާ ގުޅޭ)
"އައިއެމް ރިއަލީ ސަޕްރައިޒްޑް، ހިއެއްނުކުރަން ޒާރާ ތިހާ ކުޅަދާނެވާނެ ކަމަކަށް، އަދިވެސް އޭނައަށް އަންގާލާ ދާއިންއަކީ ޒާރާގެ މީހެއްކަން، ދާއިން އޭނަދެކެ ލޯތްބެއްނުވާކަންވެސް އަންގާލާ، އަދި ދަރިފުޅު ދީފައި ދާންޖެހޭ ދުވަސް ގާތްވެއްޖެކަން އަންގާލާ" ފަލަކް ހިނިއައިސްފައި އިނދެ ބުނެލިއެވެ.
"ހޫމް....މިރޭވެސް ނުކެރޭނެ އޭނައަކަށް މަންހާ ގާތަށް ދާކަށް، ދޮންތައަށް އެނގޭތަ، އަހަރެން ހައިރާންވޭ މިވަރު ކުރާއިރުވެސް އޭނަ އެއްޗެއް ނުބުނާތީ.......އަހަރެން ބޭނުންވަނީ އޭނަލައްވާ އެއްޗެއް ބުނުވަން" ޒާރާ ސޯފާގެ ކުރިމަތީގައި ހުރި ކުޑަމޭޒުމަތީ އަތުގައި އޮތް ތަށި ބަހައްޓަމުން ބުނެލިއެވެ.
"އަދި ބުނާނެ، އެވެސް އަންހެނެއް.......މާ ރަނގަޅުކަމަށް ހެދެންވެގެން އެއްޗެކޭ ނުބުނަން އެހުންނަނީ، އަދި ބުނާނެ، ކެތްނުކުރެވޭ ހިސާބަށް ކަންތައްތައް ދިޔައީމަ ނުބުނެއެއް ނުހެރެވޭނެ" ފަލަކް ބުންޏެވެ.
ހަވީރު ފަސްގަޑިބައިކަންހާއިރު ދާއިން އޮފީހުން ނުކުންނަމުން މަންހާއަށް ގުޅާލިއެވެ. އޭނަގެ ހާލު ބަލާލުމަށެވެ. އަދި ދަރިފުޅު ކޮބާތޯ ކީއްތޯ ކުރަނީ ބަލާލުމަށެވެ. މަންހާ އެފަދަ ކުދިކުދި ވާހަކަތަކުން ހިތްހަމަޖައްސާލިއެވެ. ދާއިން އެދެމައިންގެ ހާލު ބަލާލީތީވެސް އޭނަ އުފާވެއެވެ. ދަރިފުޅުދެކެ އިންތިހާއަށް ލޯބިވާކަން އެނގޭކަމީވެސް މަންހާގެ ހިތަށް ފިނިކަން އިޙްސާސްކޮއްދޭ ކަމެކެވެ. ދާއިން މަންހާގެ ގާތަށް ދިއުމަށް ލިފްޓަށް އެރުމައްޓަކައި ފާރުގައިވާ ފިތަށް އޮބާލިއެވެ. ކުޑަހިނދުކޮޅެއްގެ ތެރޭ ލިފްޓުގެ ދޮރުހުޅުވިގެން ދިޔައެވެ.
"ދާއިން..........." ލިފްޓުގެ ތެރޭގައި ހުރި ވިޝާލްއަށް ދާއިން ފެނުމާއިއެކު ބުނެލެވުނެވެ.
"ވިޝާލް" ދާއިންވެސް ބުނެލިއެވެ. އިތުރަށް ބުނާނެ އެއްޗެއް އެކަކަށްވެސް ނުވިސްނުނެވެ. ދެމީހުންވެސް އެކުގައި ގޮސްވަނީ މަންހާގެ އެޕާޓްމެންޓަށެވެ. އޭރު ސިޓިންރޫމުގައި ހުރި ކުޑައުނދޯލީގައި ނެހާ ބާއްވާލާފައިއޮތްއިރު އެއްވަރަކަށް ހެލިލަ ހެލިލާ ހުއްޓެވެ. އުނދޯލީގައި އެލުވާފައިވާ ކުޅޭއެއްޗެހީގައި އަތްޖެހޭތޯ ތުއްތު ނެހާ މަސައްކަތްކުރަމުންދިޔައެވެ. މަންހާ ބަދިގެ ފަރާތުގައި އުޅޭތަން ދާއިން އާއި ވިޝާލްއަށްވެސް ފެނުނެވެ. ގޭތެރޭގައިވަނީ ފޮނި ފޮނި މީރުވަހެއް ހަރުލާފައެވެ.
"މަން........ހާދަ ވަސްރަނގަޅޭ........" ދާއިންގެ އަޑުއިވުމާއިއެކު މަންހާގެ މޫނު އުޖާލާވެގެންދިޔައެވެ. އަވަސް އަވަހަށް ސިޓިންރޫމުގައި ހުރި ދާއިން ދެކިލުމަށް ނުކުމެވުނެވެ.
"ވިޝާލްވެސް ގޮވައިގެންތަ ތިއައީ" ދާއިންގެ ފަހަތުގައި ކަހަލަ ގޮތަށްހުރި ވިޝާލް ފެނުމުން މަންހާ ބުނެލިއެވެ. ދާއިން އާއި ވިޝާލް އެކުއެކީހެން ހިނިތުންވެލިއެވެ. ދާއިން ކަރުގައި އޮތް ޓައީ ދޫކޮއްލުމާއިއެކު ކަރުން ނައްޓާލައިފިއެވެ. އަދި ނެހާ އުރާލާ ދަރިފުޅަށް ލޯބިކޮއްލިއެވެ. އެހިނދު ނެހާގެ ހުނުމުގެ އަޑުއިވިގެންދިޔައެވެ.
"ވިޝާލް، ދެން އާވެފަ ނުހުރެބަލަ، ކޮންމެވެސް ތަނެއްގަ އިށީނދެބަލަ؟ ކޮބާ ކިހިނެއްވީ، ކާކަށް ޗާންސް ލިބުނީ؟" މަންހާ ވާހަކަދެއްކިއެވެ.
"ކޮން ޗާންސްއެއް؟" ދާއިންވެސް މަންހާމެންގެ ވާހަކައިގައި ބައިވެރިވެލުމަށް އަހާލިއެވެ.
"އެއީ ވިޝާލްމެން އޮފީހުން ކޮންމެވެސް އެއް މުވައްޒަފެއް އޮފީސް ކަމަކު ރާއްޖޭން ބޭރަށް ފޮނުވަން އުޅެތީ، އެޗާންސް ލިބުނީ ކާކަށްތޯ މިއަހާލީ........" މަންހާ ބުނެލިއެވެ. އޭރުވެސް އޭނަގެ އަތުގައި އަވަންގައި ހުރި ޓްރޭނަގަން އަތަށްލެއްވި ފޮތި އަންގި ލައްވާފައި އޮތެވެ.
"އެހެންތަވަނީ، އެކަމަކުވާ މަން، ހާދަ މީރުވަހެކޭ އެދުވަނީ، އެވަހުގެ ސަބަބުންވެސް ބަނޑުހައިވެއްޖެ، ކޯއްޗެއްތަ ތިތައްޔާރުކޮއްލަނީ" ދާއިން ނެހާ ގޮވައިގެން މަންހާގެ ގާތަށް ހިނގައިގަންނަމުން ބުނެލިއެވެ.
"މަފިންސް ހަދަނީ، މިހާރުމި ސައިހަދަނީ، ދާއިންއަށް ކޮފީއެއްތަ؟" މިހެން ބުނެ މަންހާ ބަދިގެއާއި ދިމާލަށް އެނބުރިލިއެވެ.
"ވިޝާލްއަށްވެސް ސައިދޭންވާނެއެއްނު، އޭނަ ކައިރީވެސް އަހާބަލަ ކަމުދަނީ ކޮފީތޯ ނޫނީ ސައިތޯ" ދާއިން ވިޝާލްއަށް ބަލާލަމުން ހިނިއައިސްފައި ބުނެލިއެވެ.
"ވިޝާލް ކައިރީ އަހާކަށް ނުޖެހޭނެ، ދޯ ވިޝާލް، އޭނަ ބޯނީ އަބަދުވެސް ކޮފީ........." މަންހާ ހިނިތުންވެލާފައި ވިޝާލްއަށް ބަލާލިއެވެ. ދާއިންއަށް މަންހާގެ ވާހަކައިން އެދެމީހުންގެ ގާތްކަން އިޙްސާސްކުރެވުނެވެ. ސައިހެދުމުގައި ހަރަކާތްއަވަސްކޮއްލާފައި މަންހާ އުޅޭއިރު އޭނައަކީ އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅެމުންދާ އަންބެކޭ އެއްވެސް ތަފާތެއް ނެތެވެ. ދާއިންއަށް ކުރިމަތިލާއިރު އަބަދުވެސް ފެންނާނީ ހިތުންވުމަކުން ދިއްލާލެވިފައިވާ ރީތި މޫނެކެވެ.
ކާމޭޒުކައިރީ ދާއިން އާއި ވިޝާލް ސައިބޯންއިނެވެ. އެމީހުންގެ ގާތުގައި ނެހާ އުރާލައިގެން މަންހާ ހުއްޓެވެ. ދޭތެރެއަކުން ނޭގޭކަމަށް ހަދާލާފައި މަންހާ ދާއިންގެ ކޮނޑުގައި އަތްބާއްވާލައެވެ. ނޫނީ ދާއިންގެ ބޮލުގެ އިސްތަށިގަނޑާ ފަހަތުން ކުޅެލައެވެ. ތިންމީހުންވެސް އެކިއެކިވާހަކަތައް ދައްކަމުންދިޔައެވެ. ވިޝާލްގެ އޮފީހުން ފުރުމުގެ ފުރުޞަތު ލިބުނީ އޭނައަށް ކަމުގައިވެސް ބުންޏެވެ. އަދި ކުރިއަށް އޮތް ދެހަފްތާތެރޭ ފުރުން ހަމަޖެހޭނެ ކަމުގައި ބުންޏެވެ. ބައެއް އޮފީސްވާހަކަތައްވެސް ވިޝާލް އާއި ދާއިންގެ މެދުގައި ދެކެވުނެވެ. ސައިބޮއެ ނިމިގެން ވިޝާލް މާގިނައިރު އެގޭގައި މަޑުކުރުމަށް ގަސްދެއްނުކުރިއެވެ. ދާއިންވެސް އޮފީސް ނިންމާފައި އައިވަގުތަށްވެފައި މަންހާ އާއި ދާއިންއަށް ވަގުތުދީފައި އޭނަ ބޭނުންވީ ދާށެވެ. މަންހާ ޖެނީއަށް ގެންގޮސްދިނުމަށް އެދި އޭނަ ހެދިތަނުން މަފިންސް ޕެކުކޮއްލާފައި ވިޝާލް އާއި ހަވާލުކުރިއެވެ. ވިޝާލް ލިފްޓަށް އަރަންދިއުމުގެ ކުރިން ދޮރުމަތީ ހުރި މަންހާއަށް ބަލާލިއެވެ.
"ތެންކިއު" ވިޝާލް ބުނެލިއެވެ. އަދި ހިނިތުންވެލަމުން މަންހާގެ ކޯތާފަތުގައި ފިރުމާލާފައި ލިފްޓާއި ދިމާލަށް ހިނގައިގަނެއްޖެއެވެ. ނެހާ އުރާލައިގެން މަންހާއަށް ބަލަންހުރި ދާއިންއަށް މިމަންޒަރު ފެނުނެވެ. އެހެންނަމަވެސް އޭނައަށް އެކަން ބޮޑުކަމެއްކަމުގައި ފާހަގައެއްނުކުރެވުނެވެ.
"ދާއިން ދާންވީނު ފެންވާރާލަން، ގެނޭ ނެހާ ކުޑައެނދުގަ ބާއްވާލާނަން" މަންހާ ދާއިންގެ ގާތަށް އަންނަމުން ބުނެލިއެވެ.
"އަހަރެން ނެހާ ބާއްވާލަ ފާނަން، ހިނގާ ކޮޓަރިއަށް" ދާއިން ބުނެލިއެވެ. މަންހާއަށް ދާއިން އާއިއެކު އެކަނިވެލަން ފުރުޞަތު ލިބުމުން ކޮންމެވެސް ވަރަކަށް ހިތްއަވަސްވާގޮތްވިއެވެ. ހައިރާންވެސް ވިއެވެ. ދާއިން މިއަދު ދާންނޫޅޭތީއެވެ. ދެންހިތަށްވަނީ ޒާރާގެ ނަމެވެ. އޭނަ އަނެއްކާ ކޮބާބާއެވެ. އޭނައަށް ދާއިން މަންހާގެ ބައިގައި އުޅޭކަން އެނގިއްޖެނަމަ ހުންނާނީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. ކޮޓަރިއަށްވަތް ދާއިން ނެހާގެ ކުޑައެނދު ހުރި ދިމާލަށް ދިޔައެވެ. އެކޮޓަރީގެ ތެރެއިން ވަދެވެން ހުރި ކުޑަކޮޓަރިވަނީ ނެހާއަށްޓަކައި ތައްޔާރުކުރެވިފައެވެ. ނެހާގެ ހުރިހާ އެއްޗެއްހެން ވަނީ މިހާރު އެތަނަށް ބަދަލުކުރެވިފައެވެ. ދާއިން ކުޑައެނދުގައި ނެހާ ބާއްވާލާފައި މަންހާގެ ގާތަށް އައެވެ. އޭރު މަންހާ އުޅެނީ ފާހާނާގައެވެ. ފާހާނާގެ ދޮރުހުޅުވާފައި ހުރުމުން ދާއިން ފާހާނާއަށް ވަނެވެ. އޭރު މަންހާ ދާއިން ފެންވަރަންވާއިރަށް ތުވާއްޔެއް ތައްޔާރުކޮއްދެނީއެވެ. އަދި ބުރުހުގައި ބޭސްޖަހާދީ ދާއިންއަށް ބޭނުންވާނެ ކަންތައްތައް ތައްޔާރުކޮއްދެމުންދިޔައެވެ.
"ދާއިން، ގަމީހާ ފަޓުލޫނު ބާސްކެޓަށް ލާ، ކެޝުއަލް ފަޓުލޫނެއްތަ ނޫނީ ޖިންސެއްތަ ތައްޔާރު ކުރަންވީ" މަންހާ އެނބުރިލިއިރު ދާއިންވެސް ހުރީ ފާހާނާގަކަން ފެނުމުން އަހާލިއެވެ. ދާއިން ގޮއްތަށް ނައްޓާލެވިފައިވާ ގަމީސް ބޭލުމަށްފަހު ދާވަށިގަނޑަށް ލިއެވެ. އަދި ފާހާނާއިން ނުކުންނަން ދިޔަ މަންހާގެ އަތުގައި ހިފާލިއެވެ.
"އަހަންނާއިއެކު ފެންވަރަންވީނު" ދާއިން މަންހާގެ އަތުގައި ހިފާ ދަމާލަމުން ގެނެސް އެއަތުގެ ތެރެއަށް ލާ ހަށިގަނޑާއި ގާތްކޮއްލަމުން ބުނެލިއެވެ.
"ދާއިން......." މިހެން ބުނެލިއިރު މަންހާގެ މޫނުގައިވާ ހުރިހާ ލެޔެއް އޭނަގެ ކޯތަފާތާ ނޭގަތުގެ ކުރިއަށް ޖަމާވެފައި ވިފަދައެވެ. ދާއިން ލޯތްބާއިއެކު ހިނިތުންވެލާފައި މަންހާގެ ރަތްވެފައިވާ ކޯތާފަތުގައި ބޮސްދިނެވެ. ދާއިން މަޑުމަޑުން މަންހާ ލާފައިހުރި ދިގު ސްކާޓްގައިވާ ޒިބު ތިރިކުރަމުންދިޔައެވެ.
"މަންހާ........މަންހާ......." އެއަޑުއިވި ކުއްލިއަކަށް މަންހާއަށް ދާއިންގެ މޭގައި އަތްއަޅާ ދުރަށްދެވުނުގޮތްވެސް ނޭގުނެވެ. ދާއިންއަށްވެސް ލިބުނީ ހައިރާންކަމެވެ. ދާއިން ފާހާނާއިން ކޮޓަރިތެރެއަށް ނުކުތެވެ.
"ޒާރާ، ހާދަ ބާރަކަށް ގޮވަމުން ތިއައީ، ނެހާ ނިދާފަވެސް އޮވެދާނެކަން ނޭގޭތަ........" ދާއިންއަށް ވިސްނުމެއްނެތި ބުނެލެވުނެވެ. ކޮޓަރީގެ ދޮރުމަތީގައި ހުރި ޒާރާ ހީވީ ގަނޑުވިހެންނެވެ. އޭނައަށް ހަމައެކަނި ފާހަގަކުރެވުނީ ގަމީހެއްނެތި ހާމަވެފައިވާ ދާއިންގެ މޭމައްޗެވެ. ދެން އޭނައަށް ހޯދާލެވުނީ މަންހާ ކޮބާތޯއެވެ. ދާއިން ނުކުތީ ފާހާނާއިންކަން ޒާރާއަށް އެނގެއެވެ.
"ހިނގާބަލަ، ފޯނަށް ކިހިނެއް ހަދައިގެންތަ ތިއުޅެނީ؟ ކޮންއިރެއް ގުޅާތާ" ޒާރާ ބުނެލިއެވެ.
"ފޯނު ޗާރޖްނެތިގެން ނިވިފަ އޮތީ، އަދި ޗާރޖަށް ނުޖަހަން، ޒާރާ ތިހާ ބާރަށް މަންހާއަށް ގޮވަމުން ތިޔައައީ ކިހިނެއްވީ" ދާއިން އަހާލިއެވެ. އެދެމީހުންގެ ވާހަކަތައް އަޑުއަހަން މަންހާ ފާހާނާގައި ހުރީނުކުންނަންވެސް ބޭނުންނުވެފައެވެ. ލޯމަރާލައިގެން ފާހާނާގެ އެއްފަރާތު ފާރުގެތަށުމުށިތަކުގައި ޖެހިލައިގެން މަންހާ ހުރީއެވެ.
"ދާއިން، ހިނގާބަލަ ތިރިއަށް" ޒާރާ އެތެރެއަށްވަދެ ދާއިންގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
"ކީއްކުރަންތަ؟" ދާއިން ސުވާލުގެ ނަޒަރަކުން ޒާރާއަށް ބަލާލަމުން ބުނެލިއެވެ. ދާއިން ސުވާލުކުރާނެ ކަމަކަށް ޒާރާ ހިއެއްނުކުރެއެވެ. އިރުކޮޅަކު ދާއިންގެ މޫނަށް ބަލަންހުއްޓެވެ.
"ކުރަތްޕެއް.....ކޮޓަރީގަ.......ޕްލީޒް ހިނގާބަލަ" ޒާރާ ދޮގެއް ހަދާލިއެވެ.
"އާމޯސް ކޮބާތަ، ސޯފިޔާވެސް އުޅޭނެއެއްނު، އެއީ އެވަރު ކަމެއްނޫނޭ، ކުރަތްޕަކަށް ކޮންކަމެއްތަ ކުރެވޭނީ" ދާއިން ހިނިއައިސްފައި ބުނެލިއެވެ. އެހެންނަމަވެސް އޭނަގެ ވާހަކައިގައި ޒާރާ އާއިއެކު ދާހިޔާލެއް ނުކުރިއެވެ.
"ހޫމް، ދެން ހެވޭ، ދާއިން އަންނާނެ ކަމެއްނެއް އަހަންނާއިއެކު.......މިތާގަ ހުރެވޭތޯ ބަލާބަލަ" ޒާރާ ރުންކުރުގޮތަކަށް ބުނެލިއެވެ. އަދި ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ދާއިން ފާހާނާ އާއި ދިމާލަށް ބަލާލާފަވެސް ޒާރާގެ ފަހަތުން ގޮސް އޭނަގެ އަތުގައި ހިފިއެވެ.
"ރުޅި އައީތަ؟ ނުދާކަށް ނޫޅެމޭ، މިދަނީ ޒާރާ އާއިއެކު، އަންނާނަން އަލަމާރިން ޓީޝާޓެއް ނަގައިގެން" ދާއިން މިހެން ބުނެ އަވަސް އަވަހަށް އައިސް އަލަމާރިން ޓީޝާޓެއް ނަގައިގެން އެލިޔެވެ. އަދި ޒާރާ އާއިއެކު ނުކުމެގެން ދިޔައެވެ. ފާހާނާގައި ހުރި މަންހާއަށް އޭނަގެ މޭގައި އަތްއަޅާލެވުނެވެ. އަދި އެއްފަރާތުގައި މާބްލްސްއިން މޫނުދޮންނަ ތަށިހަރުކުރުމަށް ހަދާފައިވާ ހިލަ ގާމަތީގައި އެއްއަތް ޖައްސާލެވުނެވެ. ހަށިގަނޑު ގުދުކޮއްލެވުމާއިއެކު އަނގައިން މަޑުއާހެއް ނުކުތެވެ. ކޮންމެ ފަހަރަކު އެހެންވާންވީ ކީއްވެހެއްޔެވެ. މިހާދުވަސްވީއިރުވެސް ދާއިން ހަމަ މަންހާދެކެ ލޯބިނުވަނީބާއޭވެ. ޒާރާގެ ލޯބީގައި އެފަދަ ބާރެއް ހުންނަންވީ ކީއްވެހެއްޔެވެ. ދާއިންގެ ހުވަފެންތައް ހަގީގަތެއްކަމުގައި ހަދާދިން މީހަކީ މަންހާކަންވެސް އޭނަ ހަނދާންނެތީބާއެވެ.
އިޝާނަމާދުން ފޭބިގޮތަކަށް ރޭގަނޑުގެ ކެއުމުގައި ބައިވެރިވުމަށް މަންހާ ތިރިއަށްދިޔައެވެ. ނެހާއަށް އޮތީ ނިދިފައިކަމަށްވާތީ އެކުއްޖާ އަވަހަކަށް ނުހޭލާނެކަން މަންހާއަށް އެނގެއެވެ. މޫމިނާ ކުޑަކޮށް ބަލިވެއުޅޭތީ މަންހާ އިމީއަށް އެހީވުމުގައި އުޅެއެވެ. އަދި މޫމިނާއަށް މަޑުކާއެއްޗެއް ދިނުމަށް އިމީގާތު މޫމިނާގެ ކެއުން ވަކިން ތައްޔާރު ކުރުމަށް މަންހާވަނީ ބުނެފައެވެ. ގޭގައި ގެންގުޅޭ މީހުންނަށްވެސް ޒާރާއަށްވުރެ މަންހާ ކަމުދެއެވެ. އަދި ޚާއްޞަކޮށް އިމީ މަންހާދެކެ ވަރަށް ލޯބިވެއެވެ. އޭނަގެ ކޮއްކޮއެއް ފަދައެވެ. އެމީހުންނަށްވެސް ޒާރާ ކުޅެމުންއަންނަ ރޯލު ދެނެގަނެވޭއިރު އެންމެދެރައީ އެކަން ދާއިންއަށް ދެނެގަންނަން ނޭގޭތީއެވެ. ގޭގެ ނޯކަރުންނަށްވީތީ ވެރިންގެ ޒާތީކަންތައްތަކާއި އެއްޗެއް ބުނަން ޖެހިލުންވަނީއެވެ.
"އިމީ، އަންނާނަން މަންމަ ކައިރިއަށް ވަދެލާފަ، ކާއެއްޗެހި ކޮޓަރިއަށް ގެންގޮސްދޭންވީތޯ އަހާލާފަ" މަންހާ މިހެންބުނެ މޫމިނާގެ ކޮޓަރި އަށް ދިޔައެވެ.
"މަންމާ، ކޮބާ ހާލު ކިހިނެއްތަ މިހާރު" އެނދުގައި އޮށޯވެލަން އުޅުނު މޫމިނާއަށް ބުނެލިއެވެ.
"ދަރިފުޅުތަ؟ ކޮބާތަ ދާއިން؟" މޫމިނާ ހަމަޖެހިލާފައި ބުނެލިއެވެ.
"މަންމަގެ ކާއެއްޗެހި ކޮޓަރިއަށް ގެނެސްދެންތޯ، ދާއިން އާއި ޒާރާވީ ކޮޓަރީގަހެން ހީވަނީ" މަންހާ މޫމިނާގެ ގާތުގައި ހުއްޓިލަމުން ބުނެލިއެވެ.
"ނޫނޭ، އޭރުން އަދި މާބޮޑަށް ބަލިހެން އިޙްސާސްކުރެވޭނެ، ކާމޭޒުދޮށަށް ދާނީ ކާން" މޫމިނާ ބުނެލިއެވެ. މޫމިނާ ތެދުވުމަށް މަންހާ އެހީތެރިވެދިނެވެ. މޫމިނާގެ ވަރަށް ކުރީއްސުރެވެސް ހުޅުހުޅުގައި ރިއްސާބަލި ހުރެއެވެ. ރަނގަޅަށް ހުރެފަ އަނެއްކާވެސް އެކަން އިޙްސާސްކުރަން މޫމިނާއަށްވަނީ ޖެހިފައެވެ.
"އިމީ، ދޭބަލަ ދާއިން އާއި ޒާރާއަށް ގޮވާލަން" މަންހާ ބުނެލިއެވެ. އަދި މޫމިނާއަށް ބޭނުންވާނެ ހުރިހާ އެއްޗެއް ކައިރިކޮއްލަދިނެވެ.
ރޭގަނޑުގެ ކެއުމަށްފަހު މަންހާ މޫމިނާ އޭނަގެ ކޮޓަރިއަށް ގެންދިޔައެވެ. އަދި ރަޖާގައިގާ އަޅާލަދިނީ މޫމިނާއަށް ދޭންވާ ބޭސްދިނުމަށްފަހުއެވެ.
"މަންމާ، ދޮންބެމެންގެ ގާތަށް މަންމަ ދާންވީނު، ކުރިންވެސް ބޭސްކުރީ އެކޮޅުންނޭ ބުނީމެއްނު، އަޅުގަނޑަށް އެނގޭ މަންމަ ގަބޫލުވާނަމަ ދާއިންވެސް ބޭނުންވާނީ އެގޮތްކަން" މޫމިނާގެ ހާލު އިތުރަށް ގޯސްވެދާނެތީ މަންހާ ހިޔާލު ފާޅުކުރިއެވެ.
"މަންމަ ނެތީމަ ދަރިފުޅުމެންނަށް ކިހާ އުނދަގޫވާނެ" މޫމިނާ ބުނެލިއެވެ.
"ނޫން މަންމާ، މަންމަ އަޅުގަނޑަށް ހުރިހާ ކަމެއް ކުރަން ދަސްކޮއްދެއްވީމު، ދެން މަންމަގެ މިދަރިފުޅަށްވެސް މިގެ ބެލެހެއްޓުމުގެ ޒިންމާ އުފުލިޔަ ދީބަލަ، އަޅުގަނޑު އުފަލާއެކު ހުރިހާ ކަމެއް ކުރާނަން، މަންމަ އެއްވެސް ކަމަކާ ހާސްވާކަށް ނުޖެހޭނެ..........އަޅުގަނޑު ބޭނުންވަނީ މަންމަ ރަނގަޅުވެގެން އަނެއްކާވެސް މިކޮޅަށް އަންނަން، މިހާރު ދޮންބެގެ އާއިލާ އާއިވެސް ދުރުގަ އުޅޭތަ ކިހާދުވަހެއް ވެއްޖެ، ދޮންބެވެސް ހިތްހަމަޖައްސާލަންށާއެކީ މަންމަ އެކޮޅަށް ދާން އަޅުގަނޑަށް ފެންނަނީ" މަންހާ މޫމިނާގެ މަގަތުގައި އިށީނދެ އިނދެ އޭނަގެ އަތުގައި ތެޔޮ ދަމާދެމުން ބުނެލިއެވެ.
"މަންމައަށް އެނގެޔޭ ދަރިފުޅު ކޮންމެ ކަމެއް ކުރިޔަސް އެކަމެއްގަ ވައްޓަފާޅިއެއް ހުންނާނެކަން، އަނެއްކާ އެކަމާވެގެންކަން ކުރާނީވެސް.......އެއްގޮތަކަށްވެސް ކަންބޮޑެއްނުވޭ ދަރިފުޅުގެ އަތްމައްޗަށް ހުރިހާ ކަމެއް ދޫކޮއްލާފަދާންވެސް، އެކަމަކު ނެހާގެ މަތިން ވަރަށް ހަނދާންވާނެ" މޫމިނާ ލުއިހީލުމަކާއިއެކު ބުނެލިއެވެ. އަދި މަންހާގެ އަތުގައި ފިރުމާލިއެވެ. މޫމިނާގެ ދެއަތުގަ އާއި ދެފައިގައި ތެޔޮދަމާދީ ނިމިގެން މަންހާ ނުކުތީ އޭނަގެ އެޕާޓްމެންޓަށް ދިއުމަށެވެ.
ދާއިން ޒައުލް އާއި ބައްދަލުކޮއްލުމަށް ބޭރަށް ދިޔަވަގުތު ބަލާފައި ޒާރާ މަންހާގެ އެޕާޓްމެންޓަށް ދިޔައެވެ. ޔަގީންކުރަން ބޭނުންވީ ދާއިން އެވަގުތުކޮޅުވެސް މަންހާ އާއި ބައްދަލު ކުރޭތޯއެވެ. ދާއިން ގަރާޖުން ކާރު ނެރުމުގެ ކުރިން ޕޯސްޓު ފޮށީގައި ހުރި އޮރެންޖު ކުލައިގެ ކަޅުފިނިފެންމާޖެހި ސިޓީއުރަތަށް ނެގިއެވެ. އަދި އަވަސް އަވަހަށް އެހިފައިގެން ކާރަށް އެރިއެވެ.
"ޒާރާ......." ތަޅުދަނޑިން ދޮރުހުޅުވާލި އަޑަށް ދޮރާދިމާލަށް ބަލާލި މަންހާއަށް ޒާރާ ފެނުމުން ބުނެލިއެވެ. އޭނަ އެތެރެއަށް ވަދެ ސޯފާގައި އިށީނީ މަންހާގެ އެއްވެސް ހުއްދައެއްނެތިއެވެ. މަންހާވެސް އިތުރުއެއްޗެއް ނުބުނެ ޒާރާ ކަންތައްކުރާގޮތެއް ބަލަން އިނީއެވެ.
"ދާއިން މިހާރު މަންހާއަކަށް ބޭނުމެއްނުވޭ" ޒާރާ އެއްވެސް ޖެހިލުމެއްނެތި މަންހާއަށް ބުނެލިއެވެ. ޓީވީއަށް ބަލަހައްޓައިގެން އިން މަންހާގެ ދުލުން އެކައްޗެއްވެސް ނުބުންޏެވެ. އޭނަ ޒާރާ އާއި ދިމާލަށް ބަލާވެސް ނުލިއެވެ. ޒާރާ ރުޅިއައެވެ. މަންހާ ގަދަކޮއްލަން އުޅެނީއޭ ހިތާއެވެ. އަދިވެސް މަންހާ ހީކުރަނީ ހުރިހާ ބާރެއް އޮތީ މަންހާގެ އަތުގައި ކަމަށެވެ. ޒާރާ ބޭނުންވީ ކުޅިފަސް އޮތީ އޭނަގެ އަތުގައިކަން ހާމަކުރާށެވެ.
"ދާއިން މަންހާދެކެ ލޯތްބެއްނުވޭ، އޭނައެއްވެސް އިރެއްގަ މަންހާދެކެ ލޯތްބެއްނުވޭ.......އަދި ނުވެސް ވާނެ، ވީއަރ މެންޓުބީ ޓުގެދަރ ފޮރެވަރ..........އެކަން ކިހިނެއް މަންހާ ބަދަލު ކުރާނީ، މަންހާ އަމިއްލަ ގެއަށް ދާންވީނު، ދާއިން ދޫކޮއްނުލަނިސް.........ނޫނީ ތިހެން ހުންނާނީތަ" ޒާރާ މަލާމާތުގެ ރާގެއްގައި ބުނެލިއެވެ. މަންހާއަށް ހީވީ މީހަކު އޭނަގެ ހިތުގައި ތޫނުހަންޖަރަކުން ޅިޔައަޅާލިހެނެވެ. އެއްވެސް ރަހުމަތްނެތި އެގޮތްމިގޮތަށް ފޮތިފޮތިކޮއްލަން ބޭނުންވަނީއެވެ. ޓީވީއަށް ހުއްޓިފައިވި ދެލޯ މަރާލެވުމާއިއެކު ނޭވާ ހިފަހައްޓާލެވުނެވެ. ދެލޯ ފުރިގެން އައީ އެކަމަށް އޭނަ ތައްޔާރުވެސް ނުވެހުއްޓައެވެ. އަވަސް އަވަހަށް ނޭފަތްކައިރިން ވެއްޓެން ދިޔަ ކަރުނަތިކި ފޮހެލިއެވެ.
"ރޮވުނީ ދޯ، އެއީ މައްސަލައެއްނޫނޭ، މަންހާ ލޯބިވިޔަސް ދާއިން ލޯބިނުވަންޏާ ވާނީ އެހެންތާ، ދެންވެސް މިކަމުން ސަލާމަތްވެވެން އޮތްގޮތް މިބުނީ، މަންހާ ދާއިންގެ ކައިރިން ވަރިވާންވީނު........ނެހާ އާއި ދޭތެރޭ މަންހާ އެއްގޮތަކަށްވެސް ވިސްނާނެކަމެއްނެއް، އަހަންނާއި ދާއިން އެކުއްޖާއަށް ބޭނުންވާ ހުރިހާ އުފަލެއް ހޯދަދޭނަން...........ހީކޮއްލާ ދިރިއުޅުމުގެ މިހިސާބުން މަންހާގެ ރޯލު އަދާކުރެއްވިއްޖެ ކަމަށް، އަހަރެން ދާއިން ކައިރީ ބުނާނަމޭ މަންހާއަށް އުޅޭވޭނޭ ވަރަށް ފައިސާވެސް ދޭށޭ، އޭރުން ދަތިކަމެއްނެތި މަންހާއަށް އުޅެވޭނެއެއްނު..............ބަލާކަށް ދަރިއަކުވެސް ނުހުންނާނެއެއްނު، ފުރިހަމަ މިނިވަނެއްހެން އުޅުނީމަ ނިމުނީނު، އޭރުން ވިޝާލް އާއިވެސް މަންހާއަށް ކައިވެނިކުރެވޭނެއެއްނު" މިހެން ބުނެ ޒާރާ އެއްފައި މައްޗަށް އަނެއްފައި އަރުވާލަމުން ވިހަ ހިނިތުންވުމެއް މަންހާއަށް ދިނެވެ.
(ނުނިމޭ)