އަންނަ ޖެނުއަރީ މަހު ޓައިވާންގައި ބާއްވާ ރިޔާސީ އިންތިހާބުގެ އިދިކޮޅު ޕާޓީގެ ޓިކެޓް ޗައިނާ ރައީސް ޝީ ޖިންޕިންގެ ރަހުމަތް ތެރިއެއް ކަމަށްވާ ހަންކޯ ޔޫ ކާމިޔާބު ކުރައްވައިފި އެވެ.
ހަންކޯ ޔޫ ޕްރައިމަރީގެ ޓިކެޓް ކާމިޔާބު ކުރައްވާފައި ވަނީ، ބިލިނިއަރު ޓެރީ ގޯ އާއި ވާދަ ކުރައްވަ އެވެ. އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ހަންކޯ ޔޫ ހަމަޖެހިގެން ދިޔުމަކީ ޓައިވާންގެ މިހާރުގެ ރައީސާ ސާއި އިންގްވެން އަށް އިންތިހާބު ކާމިޔާބު ކުރަން އުނދަގޫ ހާލަތަކަށް ދިއުން ކަމަށް ޓައިވާންގެ ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ވިދާޅުވެ އެވެ.
ޖެނުއަރީ މަހު ބާއްވާ އިންތިހާބަށް ޗައިނާއިން ނުފޫޒު ފޯރުވާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ޓައިވާނުން ހަތިޔާރު ގަތް މައްސަލައިގައި ޓައިވާނުގެ ސަރުކާރައި ޝީ ގެ ސަރުކާރައި ދެމެދު ވަނީ ގުޅުން ގޯސްވެފަ އެވެ. ޕްރައިމަރީގެ ކުރިން ހަންކޯޔޫ ވަނީ ޗައިނާ ސަރުކާރުގެ އިސް އޮފޝަލުންނާ ވެސް ބައްދަލު ކުރައްވާފަ އެވެ.
ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު ހަންކޯޔޫ ވަނީ ޓައިވާންގެ ބައެއް ސަރަހައްދުތަކަށް ޗައިނާގެ ބާރު ހިނގަންޖެހޭ ކަމަށް ފާޅުގައި ވިދާޅުވެފަ އެވެ. އަދި އެގޮތަށް އަމަލު ނުކުރާނަމަ ޓައިވާނުގެ މިނިވަންކަން އެއްކޮށް ނެތި ހިނގައިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޓައިވާންގެ ރައީސާ ސާއި އިންގްވެން މަސައްކަތް ކުރައްވަނީ ޓައިވާން މުޅިން މިނިވަން ދައުލުަތަކަށް ހައްދަވާށެވެ. ޓައިވާނަކީ މިނިވަން ދައުލަތެއް ކަމަށް މިހާތަނަށް ގަބޫލު ކޮށްފައި ވަނީ 20 ގައުމަކުންނެވެ.