މާޒިޔާ

ގައުމީ ޓީމަށް ނުދާ ކުޅުންތެރިންނަށް ހާއްސަ ޕްލޭނެއް

މާޒިޔާގެ ކުޅުންތެރިންގެ ތެރެއިން، ގައުމީ ސްކޮޑުގައި ނުހިމެނޭ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބްރޭކް ތެރޭގައި ހާއްސަ ޓްރެއިނިން ޕްރޮގްރާމެއް މާޒިޔާގެ ކޯޗް މަރުޔާން ސެކްލޮވްސްކީ އެކުލަވާލައިފި އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް އެކުލަވާލީ ސްކޮޑުގައި، އެންމެ ގިނަ ކުޅުންތެރިން ހިމެނެނީ މާޒިޔާއިންނެވެ. އެ ޓީމުގެ ހަތް ކުޅުންތެރިޔަކު ވަނީ ސްކޮޑުގައި ހިމެނިފަ އެވެ. މާޒިޔާގެ ޑިފެންޑަރު ސަމޫހް އަލީ (ސަމުއްޓޭ)ގެ ކަކުލަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ގައުމީ ސްކޮޑުގައި އޭނާއަށް ބައިވެރިއެއް ނުވެ ވުނެވެ.

މި މަހުގެ އަށް ވަނަ ދުވަހަށް ފަހު ލީގް މެދު ކަނޑަލިއރު، މާޒިޔާއިން ވަނީ 19 ދުވަސްތޭރޭގައި ފަސް މެޗު ކުޅެފަ އެވެ. އެންމެ ފަހުން އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި މާޒިޔާގެ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނުނެވެ. އެ މެޗަށް އީގަލްސް އައީ ދިގު ބްރޭކެއް ލިބުމަށް ފަހު އެވެ.

އެ މެޗު ކުޅުނުތާ ތިން ދުވަސް ފަހު މާޒިޔާގެ މުހިންމު ކުޅުންތެރިން ނިކުތީ ގައުމީ ޓީމު ޕްރެކްޓިހަށެވެ. ގައުމީ ޓީމުގައި ނުހިމެނުނު ކުޅުންތެރިންނާއެކު މާޒިޔާގެ ޓްރެއިނިންތައް ކުރިއަށް ގެންދިއުމުގެ ވިސްނުން ހުރީ ކިހިނެއްތޯ، ސެކްލޮވްސްކީ އާ 'އަވަސް' އިން ސުވާލު ކުރުމުން އޭނާ ބުނީ، ބާކީ ތިބި ކުޅުންތެރިންނާއެކު ޓްރޭނިން ގެންދާނެ ގޮތުގެ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ.

"މި ވަގުތު ޓީމުގައި މިތީބީ ދެ ގޯލް ކީޕަރުންނާއި، ފީލްޑް 12 ކުޅުންތެރިން، މި 25 ދުވަހު އެ ކުޅުންތެރިންނާއެކު ޓްރެއިނިން ގެންދަން ޕްލޭނެއް އެބައޮތް،" 'އަވަސް' އާ ވާހަކަ ދައްކަމުން ސެކްލޮވްސްކީ ބުންޏެވެ. "19 އަހަރުން ދަށުގެ ގައުމީ ޓީމާއެކު ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ."

ބްރޭކާ ކުރިމަތި ލާއިރު މާޒިޔާ ކުޅުންތެރިން ވަރަށް ބޮޑަށް ވަރުބަލި ވެފައިވާކަން ސެކްލޮވްސްކީ ފާހަގަ ކުރި އެވެ. އޭނާ ބުނީ، މި ވަގުތު ޓީމުގެ ތިބި ކުޅުންތެރިންނާއެކު އެކަމަށް ސަމާލުކަން ދީގެން ޕްރެކްޓިސް ކުރާނެ ކަމަށެވެ.

"މައްސަލައަކީ ދެ މެޗުގެ ދޭތެރެއިން ރިކަވާވުމަށް އެކަށީގެންވާ ވަގުތު ނުލިބުމެއް ނޫން،" ސެކްލޮވްސްކީ ވާހަކަ ދެއްކި އެވެ. "ސަބަބަކީ ފުރަތަމަ ތިން މެޗު ތިން ދުވަހުގެ ގެޕެއް ލިބިގެންވެސް ކުޅެވިދާނެ، ނަމަވެސް ތިން ވަނަ މެޗަށް ފަހު މަދުވެގެން ރިކަވާރީވާން ހަ ދުވަސް ބޭނުން ވާނެ، އެހެންނަމަވެސް މާޒިޔާއިން ކުޅުނީ ކޮންމެ ހަތަރު ދުވަހަކުން މެޗެއް، އަދި އެ ހަތަރު މެޗުގައިވެސް އަހަރެމެންނާ ދެކޮޅަށް ނިކުންނަ ޓީމު އަންނަނީ އަށެއް ނުވަތަ ނުވަ ދުވަހުގެ ބްރޭކަކަށް ފަހު."

އޭނާ ބުނީ ޝެޑިއުލް ކޮންމެ ގޮތަކަށް އޮތަސް އެކަން ބަދަލު ނުކުރެވޭނެ ކަމަށާއި އެހެންވެ އޮތް ގޮތަކީ ރިކަވާވެގެން މެޗުތަކަށް ތައްޔާރުވުން ކަމަށެވެ. އޭނާ ބުނީ ކައިރިކައިރީގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމަކީ ކުޅުންތެރިންގެ ކުރިއެރުމަށްވެސް ކުރިމަތިވާނެ ގޮންޖެހުމެއް ކަމަށެވެ.