ދީނީ ހަރުކަށި ވިސްނުން ފެތުރުމާއި ޓެރަރިޒަމާ ދެކޮޅަށް ރާއްޖޭން ކުރަމުންދާ މަސައްކަތްތަކަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މިއަދު ތައުރީފުކޮށްފި އެވެ.
އީޔޫގެ ކައުންޓާ ޓެރަރިޒަމް ކޯޑިނޭޓަރު ޖިލްސް ޑި ކަރްކޯވް ރާއްޖެއަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅަށްފަހު ނެރުނު ބަޔާނެއްގައި ބުނީ ދީނީ ހަރުކަށި ވިސްނުން ފެތުރުމާއި ޓެރިރަޒަމާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރުކުރުމަށް ދިވެހި ސަރުކާރުން އަޅަމުންދަނީ ރަނގަޅު ފިޔަވަޅުތަކެއް ކަމަށެވެ.
އަދި އެ މަސައްކަތުގައި އީޔޫގެ ފުރިހަމަ އެއްބާރުލާއި އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަންވެސް އެ ބަޔާނުގައި ވަނީ ދީފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ރާއްޖެއަށް ވަޑައިގެން ކަރްކޯވް ވަނީ ދިވެހި ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާތައް ކުރައްވައިފަ އެވެ.
އެގޮތުން، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ނެޝަނަލް ކައުންޓާ ޓެރަރިޒަމް ޔުނިޓުގެ ޑިރެކްޓަރު ޖެނެރަލް ޒަކަރިއްޔާ މަންސޫރުގެ އިތުރުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުއާ ކަރްކޯވް ވަނީ ބައްދަލުކުރައްވައިފަ އެވެ.
ލަންކާގައި ދިން ޓެރަރިސްޓް ހަމަލާއަށްފަހު ރާއްޖެއަށް އޮތް ޓެރަރިޒަމްގެ ނުރައްކާ ބޮޑުވެފައިވާ ކަަމަށް އެމްއެންޑީއެފުން ދާދި ފަހުން ވަނީ ބުނެފަ އެވެ.
އެގޮތުން، ޓެރަރިޒަމްއާއި ދެކޮޅަށް މުއައްސަސާތައް ގުޅިގެން ކުރަމުންގެންދާ މަސައްކަތްތައް ހަރުދަނާ ކުރަމުންދާ ކަމަށާއި، ޓެރަރިޒަމްގެ ގާނޫނަށް އިސްލާހުތަކެއްގެ ތެރެއިން ރާއްޖޭގެ ހުރިހާ އިންޓެލިޖެންސް އެޖެންސީތަކެއް ގުޅިގެން މައުލޫމާތު ބަދަލު ކުރުމުގެ ވިއުގައެއް ގާއިމް ކުރެވި ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެމްއެންޑީއެފުން ވަނީ ހާމަކޮށްފަ އެވެ.