މާރިޔާ އަހުމަދު ދީދީ

"ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ ރާއްޖޭގެ ޝަހުސިއްޔަތާ ބީރައްޓެހި ކަންކަން"

ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ ރާއްޖޭގެ ގައުމީ ޝަހުސިއްޔަތާ ބީރައްޓެހި ކަންކަން ކަމަށް ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ޔޫއެން އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ބޭއްވި ބައްދަލުވުމެއްގައި ބައިވެެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.

މި ބައްދަލުވުމަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމުގައި މައުލޫމާތާއި ބެސްޓް ޕްރެކްޓިސް ހިއްސާކުރަން ވިއުގައެއް ގާއިމްކުރަން ދެކުނު އޭޝިޔާ ސަރަހައްދުގެ ގައުމުތައް ހިމެނޭ ގޮތަށް ބޭއްވި ބައްދަލުވުމެކެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ކޮވިޑް ބަންދަށް ފަހު ރާއްޖެ ހުޅުވާލުމުން ފަތުރުވެރިން އަލުން ޒިޔާރަތް ކުރަން ފަށާފައިވާ ކަމަށާއި ދިވެހިންނަކީ އަބަދުވެސް ސުލްހަ އާއި އަމަނަށް ލޯބި ކުރާ، ހިތްހެޔޮ ބައެއް ކަމަށެވެ. ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ ރާއްޖޭގެ ގައުމީ ޝަހުސިއްޔަތާ ބީރައްޓެހި ކަންކަން ކަމަށެވެ.

އެކަމަނާ މިއަދު ވިދާޅުވީ ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 އިގެ ދަތި އުނދަގޫ ހާލަތުގައި ވެސް، ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑުވެފައިވާ ކަމަށާއި އެ ނުރައްކަލާ ކުރިމަތިލުމުގައި ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ކަމަށެވެ. ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ "ޒީރޯ ޓޮލެރަންސް" ސިޔާސަތުގެ ދަށުން، ހަރުދަނާ ފިޔަވަޅުތައް އަޅަމުން ދާ ކަމަށް ވެސް އެކަމަނާ ފާހަގަ ކުރައްވާފައި ވެއެވެ.