ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލި ފަރާތްތަކުގެ ވަނަވަރު ބޭންކުން އާއްމުކޮށްފި އެވެ.
މި މަހުގެ 30 ވަނަ ދުވަހު އަހަރީ އާއްމު ޖަލްސާއެއް ބާއްވަން ތައްޔާރުވާ، ބީއެމްއެލް ބޯޑުގައި ސަރުކާރު ތަމްސީލް ކުރާ ހަތް މެންބަރުންނާއި އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ތިން މެންބަރުން ތިއްބަވަ އެވެ. އެ ކުންފުނިން ބޯޑަށް އާއްމު ހިއްސާދާރުން ހޯދަން އިއުލާނު ކުރުމުން ކުރިމަތިލާފައިވަނީ ތިން ފަރާތެކެވެ.
އެ ކުންފުނީގެ ބޯޑަށް ކުރިމަތިލެވޭނީ ބޭންކުން ނެރެފައިވާ "ފިޓް އެންޑް ޕްރޮޕާ ރިކްއާމެންޓް" ގައި ބުނާ ޝަތުރުތައް ހުންނަ ފަރާތްތަކަށެވެ. މީގެ އިތުރުން ކުރިމަތިލާ މީހެއްގައި ބޭންކިން އާއި މާލީދާއިރާ އިން ތައުލީމާއި ތަޖުރިބާ ވެސް ހުންނަން ޖެހެ އެވެ.
ސަރުކާރުގެ ފަރާތުން ބޭންކް ބީއެމްއެލް ބޯޑަށް އައްޔަން ކުރަން ހުށަހަޅާފައިވާ ފަރާތްތައް:
- ޓިމޮތީ ސޯޔާ (ޗީފް އެގްޒެކްޓިވް އޮފިސަރު)
- މުޙައްމަދު ޝަރީފް، މ. އިފާއު، މާލެ
- ޖުވައިރިޔާ ސަޢީދު، މއ. ކޮށީގެ، މާލެ
- ޘަނާ މަންސޫރު، މއ. މަނަސް، މާލެ
- ނަޖީމް އިބްރާހީމް ޒަކަރިއްޔާ، މ. ދާޝިން، މާލެ
- ޙައްވާ ސަފުނާ، ހ. ވައިފިލާގެ، މާލެ
- ޙުސައިން ތައުފީޤު އަލީ، މ. މުއިރި، މާލެ
އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރު ކަމަށް ކުރިމަތިލެއްވި އަދި ޝަރުތު ފުރިހަމަވާ ފަރާތްތައް:
- މުޙައްމަދު ޢަބްދުއްސައްތާރު، މއ. ޓިއުލިޕްވިލާ، މާލެ
- މުޙައްމަދު، ނެލުމް، ނ. ހޮޅުދޫ
- އަހްމަދު މުޙައްމަދު، ގ.އުފާ، މާލެ
ބީއެމްއެލް އިން ވަނީ އެ ކުންފުނީގެ 36 ވަނަ އަހަރީ އާންމު ޖަލްސާ މި މަހުގެ 30 ދުވަހުގެ ރޭ 8:30 ގައި ހޮޓެލް ޖެން ގައި ބާއްވަން ނިންމާފަ އެވެ. ބީއެމްއެލް އަށް މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ޓެކްސް އަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ހަ ޕަސެންޓް ވަނީ އިތުރުވެފަ އެވެ.
ބީއެމްއެލް އިން އާއްމުކުރި މި އަހަރު ފުރަތަމަ ތިން މަހުގެ މާލީ ރިޕޯޓްގައިވާ ގޮތުން މި ކްއާޓގައި ޓެކްސް އަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 379 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި އެ ބޭންކުން ފައިދާގެ ގޮތުގައި މިދިޔަ އަހަރު 1.6 ބިލިއަން ރުފިޔާ ހޯދައިފި އެވެ. މިއީ 2017 ވަނަ އަހަރާ އަޅާބަލާއިރު 13 ޕަސެންޓް އިތުރު ވުމެކެވެ. އަދި އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެ އިން 129.16 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހަން ވަނީ ނިންމާފަ އެވެ. އެއީ ހިއްސާ އަކަށް 24 ރުފިޔާ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ނުވަ ޕަސެންޓުގެ އިތުރުވުމެކެވެ.