ހަބަރު

ލުތުފަރުގެ މަރު: ތިން ބިދޭސީންނަށް މީހަކު މެރި ކަމުގައި ދައުވާ އުފުލައިފި

ށ. ޅައިމަގު "ކުރިމަގު" ބޯޓުގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރުގެ މަރުގެ މައްސަލައިގައި ތިން ބިދޭސިއެއްގެ މައްޗަށް ދައުވާކޮށް، ޝަރީއަތް ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ތިން މީހުންގެ މައްޗަށްވެސް ދައުވާ ކުރަން ފޮނުވާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެމައްސަލައިގައި ދައުވާ އުފުލާފައިވާ ތިން މީހުންނަކީވެސް ލުތުފަރާއެކު އެބޯޓުގައި މަސައްކަތް ކުރި ތިން މީހުންނެވެ. އެ ތިން މީހުންވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ލުތުފަރުގެ މަރުގެ މައްސަލައިގެ ތަހްގީގީ މައުލޫމާތު ހިއްސާ ކުރުމަށް މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފުލުހުން ބުނެފައިވަނީ ލުތުފަރު އޭނާ އާއެކު އެ ބޯޓުގައި މަސައްކަތް ކުރާ އެހެން ފަޅުވެރިންނާއެކު ޖިންސީ ގުޅުން ހިންގަން މަސައްކަތް ކޮށްފައި ވާކަމަށެވެ. އަދި ލުތުފަރު މަރާލީ އެކަމުގައި ނުރުހުމުގައި ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، ލުރުފަރު މަރާލައިފައިވަނީ ކުރިމަގު ބޯޓުގެ ވާތް ފަޅީއަށް އޭނާ ގެންގޮސް ކަރުގަ ހިފައިގެން ކަމަށާއި، އެ އަޑު އިވިގެން އެ ބޯޓު ކައިރިއަށް ބައެއް މީހުން އެއްވި ކަމަށާއި، ނަމަވެސް ލުތަފަރު މަރާލި ނޫރުލް އިސްލާމް އެމީހުންނަށް ދޮގު ވާހަކައެއް ކިޔައިދިނީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެގޮތުން އެ އަޑަކީ އޭނާ އާއި އަންހެންނާ ދެމެދު ފޯނުން ކުރި ޒުވާބެއްގެ އަޑު ކަމަށް ބުނި ކަމަށެވެ.

ބޯޓު ކައިރިއަށް މީހުން އެެއްވާން ފެށުމުން ލުތުފަރު މަރައިލުމުގައި ބައިވެރިވި އަނެއް ދެ ބިދޭސީން ލުތުފަރުގެ ހަށިގަނޑު ކައިރީގައި ފިލައި ތިބި ކަމަށާއި، ލުތުފަރު މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ވާޖަހައިފައި މޫދާ ތިރި ކުރި ކަމަށެވެ. އެއީ ބޯޓަށް މީހަކު އަރައިފާނެތީ ކަމަށްވެސް ތަހުގީގަށް ހައްޔަރުކުރި ބިދޭސީން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އޭނާ މޫދުން ނެގުމަށްފަހު އަންނައުނު ބަދަލުކޮށް އޭނާ ނިދާ ތަނުގައި އޭނާ ބޭއްވި ކަމަށާއި، އެގޮތަށް އަމަލުކުރީ މީހަކު ބޯޓަށް އެރި ނަމަވެސް ލުތުފަރު ބޯޓުގައިވާކަން ދެއްކުމަށްކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އޭގެ ފަހުން ހަށިގަނޑުގައި ތިން ބަސްތާ ވާ ޖަހައިގެން އެއްސުމަށްފަހު 20 ލީޓަރުގެ ކުކިން އޮއިލް ހުސްކުރި ހަން ހިފައިން ފަތައިފައި ލުތުފަރު ހަށިގަނޑު ގެންދިޔަ ކަމަށާއި، އެހެން ނަމަވެސް ތިން ބަސްތާ ލުތުފަރުގެ ހަށިގަނޑުގައި އައްސައިފައިވުމުން، ފަތައިފައި ނުގެންދުވުމުގެ ސަބަބުން ދެ ބަސްތާ ވަނީ ތޮށިގަނޑު މައްޗަށް ދޫކޮށްފައި ކަމަށާއި އެއަށްފަހު ތޮށިގަނޑު ނިމޭ ހިސާބުން ލުތުފަރުގެ ހަށިގަނޑު ގަންބާލީ ކަމަށެވެ.