ކްރިމިނަލް ކޯޓް

އަނަސްގެ މަރު: އަޑުއެހުންތައް ނިންމާލައިފި

Apr 13, 2023

އަނިޔާވެރިކޮށް މަރާލާފައިވާ ރ. މީދޫ، ފެންފިޔާޒުގެ، މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މިއަދު ނިންމާލައިފި އެވެ.

އަނަސް މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައި ލިޓަސް ގަރާޖުގެ ތެރޭގަ އެވެ. އަނަސްގެ ހުރިހާ ވާރިސުންވެސް އެދިފައިވަނީ މަރަށް މަރު ހިފުމަށެވެ.

އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި، ސ. ފޭދޫ، ވެސްޓަންވިލާ، ހަސަން މަހްފޫޒް އާއި، ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒް އާއި، ލ. ގަން ތުނޑީ، ނަންނާރިގޭ، ޖުނައިހު އަބްދުﷲ އާއި، މ. ދިމިޝްގު އުސްމާން ޝަރީފާއި، ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނުގެ އިތުރުން މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތާއި ދިފާއުން ވަނީ ހުލާސާ ބަޔާން އިއްވާފަ އެވެ.

ޝަރީއަތުން އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ހުކުމް އިއްވަވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވި އެވެ.

އަނަސްގެ މަރާ ގުޅިގެން ދައުލަތުން ދައުވާކުރި ކުޑަކުއްޖެއްގެ މައްޗަށް ކުށް ސާބިތުވެ 18 އަހަރާއި ނުވަ މަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ އެވެ.