ކްރިމިނަލް ކޯޓް

ޒިޔަދަމް މަރާލިކަމުގެ ކުށް ދެ މީހަކަށް ސާބިތުވެއްޖެ

މީގެ ހަތް އަހަރު ކުރިން ލ. މުންޑޫގައި މަރާލި އެރަށު ނޫވިލު، އަލީ ޒިޔަދަމް މަރާލި ކަމުގެ ކުށް ދެ މީހެއްގެ މައްޗަށް ސާބިތުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުން މި މައްސަލައިގައި ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ލ. މުންޑޫ ހީނާވިލާ މުހައްމަދު ޝަނޫން އާއި އެރަށު ބީޗްވިލާ އަލީ ސިފާމްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ޝަފީއު މިއަދު ވިދާޅުވީ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާތީ ދެން އޮންނާނީ ވާރިސުންގެ ބަސް ނެގުން ކަމަށެވެ. ގާޒީ ވިދާޅުވީ ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ވާރިސުންގެ ބަސް ނަގައި ހުކުމް ކުރައްވާނެ ކަމަށެވެ.

ޒިޔަދަމްގެ ހަތް ތަނަކަށް ވަޅިން ހަމަލާދީފައިވާކަން ހެކިންގެ ހެކިބަހުން އެނގޭ ކަމަށް ގާޒީ އިސްމާއީލް ޝަފީއު ވިދާޅުވި އެވެ.

ދައުލަތުން ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ ޝަނޫން އާއި ސިފާމްގެ މައްޗަށްކޮށްފަ އެވެ.

ޝަރީއަތުގައި ދައުލަތުން ބުނި ގޮތުގައި މާޗް 20، 2015 ވަނަ ދުވަހުގެ ރޭ މުންޑޫ ވަގުތީހިޔާ ކައިރީގައި ޒިޔަދަމާއި އިތުރު މީހަކު މާރާމާރީ ހިންގަމުން ދަނިކޮށް ޝަނޫން އާއި ސިފާމް ވަނީ އެތަނަށް ގޮސް ތޫނު އެއްޗަކުން ޒިޔަދަމްއަށް ހަމަލާދީފަ އެވެ.

އެ ދެ މީހުން އެތަނަށް ގޮސް ޒިޔަދަމަށް ހަމަލާދޭން ފެށުމުން ސަލާމަތްވާން ވަގުތީހިޔާ ތެރެއަށް ޒިޔަދަމް ވަނުމުން އޭނާ ފަހަތުން އެ ދެ މީހުން ގޮސް އޭނާއަށް ތޫނު އެއްޗެހިން ހަމަލާދީފައިވާ ކަމަށްވެސް ދައުލަތުން ވަނީ ބުނެފަ އެވެ.