ކްރިމިނަލް ކޯޓް

ނިޒާމުގެ ބަންދާ މެދު ގޮތެއް ނިންމުމުގެ އަޑުއެހުން ސިއްރުކުރަނީ

މަރުގެ މައްސަލައެއްގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމު (45 އ)ގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށް މިއަދު ބާއްވާ އަޑުއެހުން ސިއްރުކުރަން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުން ބުނީ ނިޒާމުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ބާއްވާ އަޑުއެހުން ސިއްރުކުރުމަށް އެ ކޯޓުން ނިންމީ ފުލުހުން އެދިގެން ކަމަށެވެ. ފުލުހުން އެކަމަށް އެދުނީ ތަހުގީގަށް ހުރަސް އެޅިދާނެތީ ކަމަށްވެސް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.

ތެޔޮ ބޯޓެއްގައި ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭ ފުރި ދެ މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން އާއްމުކުރީ ޑިސެމްބަރު 30 ވަނަ ދުވަހުގެ ރެ އެވެ.

ތެޔޮ ބޯޓުން ގެއްލިގެން ހޯދަމުން ދިޔައީ މުހައްމަދު ނިޒާމުގެ އިތުރުން ބަންގްލަދޭޝްގެ މުހައްމަދު ލިޓަން (35 އ) އެވެ.

އެ ދެމީހުން ހޯދުމަށް ފުލުހުން މާލެތެރެވެސް ބަލަމުން ދަނިކޮށް ނިޒާމުއާ އެކު ފޮޓޯއެއް ނަގައި އާންމުންގެ މީހަކު ވަނީ މިދިޔަ ހޯމަ ދުވަހު ފޮޓޯ އާންމުކޮށްފަ އެވެ. ނަމަވެސް، ލިޓަން ނަމަކަށް ކިޔާ ބަންގްލަދޭޝް މީހާ އަދިވެސް ފެނިފައެއް ނުވެ އެވެ.

ނިޒާމު އިއްޔެގެ ވަގުތެއްގައި ފެނުނީ މާލޭގައި ހުރި ގެސްޓްހައުސް އަކުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

މި ދެމީހުން ހޯދަމުން ދަނިކޮށް ވ. ވެންފަރު ފަޅުގެ ހުޅަނގު އުތުރު ކަނޑުން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑެއް ވަނީ މިދިޔަ ހޯމަ ދުވަހު ފެނިފަ އެވެ. ނަމަވެސް މި މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. އަދި މި ދެ މީހުން ދަތުރުކުރި ތެޔޮ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކައިރިން އޮޔާ ދަނިކޮށް ފެނިފައިވާ ކަމަށް ފުލުހުން ބުނީ މިދިޔަ އާދީއްތަ ދުވަހު އެވެ.