ހަބަރު

އެފްއެސްއެމް އިން ހުޅުމާލޭގައި ޕަމްޕް ސްޓޭޝަނެއް ހުޅުވައިފި

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ހުޅުމާލޭގައި ޕަމްޕް ސްޓޭޝަނެއް ހުޅުވައިފި އެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެފްއެސްއެމް ހުޅުމާލޭ ޕަމްޕް ސްޓޭޝަން ހުޅުވައި ދެއްވީ ހުޅުމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ނިޔާޒް އެވެ.

ހުޅުމާލޭގައި ޕަމްޕް ސްޓޭޝަން ހުޅުވީ މާލޭގައި ބޭނުން ކުރަމުން އަންނަ ޕަމްޕް ސްޓޭޝަނަށް ލޯޑު ބޮޑުވުމާ ގުޅިގެން ފަސޭހަ ކަމާއެކު ކަނޑުގެ އުޅަނދު ތަކަށް ހިދުމަތް ދޭށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ އުޅަނދު ތަކަށް ޕްޓްރޯލްއާ ޑީސަލް ފޯރުކޮށް ދޭން ދުވާލަކު ތިން ހަތަރު ފަހަރު ސްޓޯރޭޖް ފިލް ކުރަން ޖެހޭ ކަމަށާއި މިއަދު ހުޅުވި ޕަމްޕް ސްޓޭޝަނުގެ ސްޓޯރޭޖް ކުޑަވުމާއި ގުޅިގެން އިތުރު ސްޓޯރޭޖެއް ގާއިމްކުރަން އެޗްޑީސީއާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އެފްއެސްއެމްއަކީ ރާއްޖޭގެ ތެލުގެ ވިޔަފާރީގެ އެންމެ ބޮޑު ނެޓްވޯކް އެވެ. އެ ކުންފުނިން ދަނީ ރާއްޖެ އަންނަ ބޮޑެތި އުޅަނދު ތަކަށް ތެޔޮ އެޅުމުގެ ހިދުމަތްވެސް ދެމުންނެވެ. އެ ކުންފުނިން ބޭނުންކުރަނީ 550 އާއި 2،500 ކިލޯ ލީޓަރުގެ ތެޔޮ އުފުލޭ ޓޭންކަރު ތަކެކެވެ. މީގެތެރޭގައި ތިލަފަޅުތައް ހިމެނޭ ރަށްތަކަށް ތެޔޮ އުފުލަން 25 އާއި 80 ކިލޯ ލީޓަރުގެ ތެޔޮ އުފުލޭ އުޅަނދުފަހަރު ބޭނުންކުރެ އެވެ. އެފްއެސްއެމް ވިޔަފާރީގެ 35 ޕަސެންޓް ހިއްސާކުރަނީ ރިސޯޓްތަކަށް ފޯރުކޮށްދޭ ތެލުގެ ވިޔަފާރި އެވެ.