ވިޔަފާރި

އުތުރާއި ދެކުނު ބަނދަރަށް ކޮންސަލްޓެންޓަކު ހޯދަން އިތުރު ވަގުތު

Jul 16, 2019
2

ރާއްޖޭގެ އުތުރާއި ދެކުނުގައި ބައިނަލްއަގްވާމީ ވިޔަފާރީގެ ބަނދަރު ހެދުމުގެ މަސައްކަތް ފަށަން، ކޮންސަލްޓެންސީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ދިން މުއްދަތު އިތުރުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ނަގާ ކުންފުންޏަކުން ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ އުތުރާއި ދެކުނުގައި ބަނދަރު ތަރައްގީ ކުރަން ސްކޯޕިން މަސައްކަތް ކުރުމާއި، ފީސިބިލިޓީ އެނަލިސިސް ހެދުމާއި ޕްރޮޖެކްޓް އެކުލަވައިލުމުގެ އިތުރުން ޓްރާންސެކްޝަން އެޑްވައިޒަރީ މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ. ކުރިން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ފުރުސަތު ހުޅުވާލާފައިވަނީ މިހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މުއްދަތު އިތުރު ކުރުމާއެކު، މިކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. ނަމަވެސް މުއްދަތު އިތުރު ކުރި ސަބަބެއް ނުބުނެ އެވެ.

އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތްތަކުން ރިކްއެސްޓް ފޯ ޕްރޮޕޯސަލް (އާރްއެފްޕީ) އާ އެއްގޮތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ. އަދި ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ގާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު އާރްއެފްޕީ އާ އެއްގޮތަށް ހުށަހަޅަން ވާނެ ކަމަށާއި މި މަސައްކަތް ކުރުމަށް ފަރާތެއް ހޮވާނީ ހުށަހަޅާ ޕްރޮޕޯސަލްގެ ފެންވަރާއި އަދި އަގަށް ރިއާޔަތްކޮށްފައި ކަމަށެވެ. ސަރުކާރުން ހިތްވަރު ދެނީ ބޭރުގެ ފަރާތްތަކުން ދިވެހި ފާމްތަކުގެ ބައިވެރިވުމާއެކު ޕްރޮޕޯސަލް ހުށަހެޅުމަށް ކަމަށާ އެފަދަ ޕްރޮޕޯސަލްތައް ވަޒަން ކުރުމުގައި މި ކަމަށް ރިއާޔަތް ކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އުތުރާއި ދެކުނުގައި ބައިނަލްއަގުވާމީ ބަނދަރު ހަދަން ކޮންސަލްޓެންޓުން ހޯދަން އިއުލާނު ކުރިއިރު، މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ ގޮތުން އެ ރަށުގައި ބައިނަލްއަގުވާމީ ބަނދަރެއް ފަރުމާކޮށް ކުރުމާއެކު އެ ބަނދަރުގެ މާސްޓަ ޕްލޭން ހަދަން 34 ފަރާތްތަކުން ވަނީ ކުރިމަތިލާފަ އެވެ. ނަމަވެސް އެ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަދި ދީފައެއް ނުވެ އެވެ.