ރާއްޖޭގެ އުތުރާއި ދެކުނުގައި ބައިނަލްއަގްވާމީ ވިޔަފާރީގެ ބަނދަރެއް ހެދުމުގެ މަސައްކަތް ފަށަން، ކޮންސަލްޓެންސީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ނަގާ ކުންފުންޏަކުން ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ އުތުރާއި ދެކުނުގައި ބަނދަރު ތަރައްގީ ކުރަން ސްކޯޕިން މަސައްކަތް ކުރުމާއި، ފީސިބިލިޓީ އެނަލިސިސް ހެދުމާއި ޕްރޮޖެކްޓް އެކުލަވައިލުމުގެ އިތުރުން ޓްރާންސެކްޝަން އެޑްވައިޒަރީ މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ މި މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތްތަކުން މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ރިކްއެސްޓް ފޯ ޕްރޮޕޯސަލް (އާރްއެފްޕީ) އާ އެއްގޮތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ. އަދި ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ގާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު އާރްއެފްޕީ އާ އެއްގޮތަށް ހުށަހަޅަން ވާނެ ކަމަށާއި މި މަސައްކަތް ކުރުމަށް ފަރާތެއް ހޮވާނީ ހުށަހަޅާ ޕްރޮޕޯސަލްގެ ފެންވަރާއި އަދި އަގަށް ރިއާޔަތްކޮށްފައި ކަމަށެވެ.
ސަރުކާރުން ހިތްވަރު ދެނީ ބޭރުގެ ފަރާތްތަކުން ދިވެހި ފާމްތަކުގެ ބައިވެރިވުމާއެކު ޕްރޮޕޯސަލް ހުށަހެޅުމަށް ކަމަށާ އެފަދަ ޕްރޮޕޯސަލްތައް ވަޒަން ކުރުމުގައި މި ކަމަށް ރިއާޔަތް ކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހަޅަން 23 ޖޫން 2019 އިން 18 ޖުލައި 2019 އަށް ލިޔުމަކުން ހުށަހެޅުމުން ޕްރޮޕޯސަލް ހުށަހެޅުމަށް ރެޖިސްޓާ ކޮށްދޭނެ އެވެ. މި މަސައްކަތާއިބެހޭ ލިޔެކިޔުންތައް ސޮފްޓް ކޮޕީ ފޯމެޓުގައި ޕްލޭނިން މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ އެވެ.
އުތުރާއި ދެކުނުގައި ބައިނަލްއަގުވާމީ ބަނދަރު ހަދަން ކޮންސަލްޓެންޓުން ހޯދަން އިއުލާނު ކުރިއިރު، މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ ގޮތުން އެ ރަށުގައި ބައިނަލްއަގުވާމީ ބަނދަރެއް ފަރުމާކޮށް ކުރުމާއެކު އެ ބަނދަރުގެ މާސްޓަ ޕްލޭން ހަދަން 34 ފަރާތްތަކުން ވަނީ ކުރިމަތިލާފަ އެވެ. ނަމަވެސް އެ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަދި ދީފައެއް ނުވެ އެވެ.
ސަރުކާރުން ދާދިފަހުން ވަނީ ރާއްޖެއަށް ބޭނުންވާ އިންވެސްޓްމަންޓްތައް ހޯދުމަށްޓަކައި ޕާޓްނަރުންގެ ފޯރަމެއް ބާއްވާފަ އެވެ. މި ފޯރަމަށް 70 މަޝްރޫއެއް ހުށަހެޅި އެވެ. މި މަޝްރޫއުތަކަށް 1.6 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ޔަގީން ކުރެވިފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.