ކުޅިވަރު

ދިރާގު ރޯޑް ރޭސް ސެޕްޓެމްބަރު 20 ގައި

ދިރާގު ރޯޑް ރޭސް އަންނަ ސެޕްޓެމްބަރު މަހު 20 ވަނަ ދުވަހު ބާއްވަން ދިރާގުން ހަމަޖައްސައިފި އެވެ.

ރާއްޖޭގެ ބާއްވާ އެންމެ ބޮޑު ރޯޑު ރޭހުގެ ގޮތުގައި މަޝްހޫރުވެފައިވާ ރޭހުގައި، ފަސް ކީލޯ މީޓަރާއި 10 ކިލޯމީޓަރުގެ ކެޓަގަރީން ދުވާނެ އެވެ. ފަސް ކީލޯ މީޓަރުގެ ބައިވެރި ވެވޭނީ ހަތް އަހަރުން މަތީގެ ފަރާތްކަށެވެ. ދިހަ ކީލޯމީޓަރުގައި ބައިވެރި ވެވޭނީ 16 އަހަރުން މަތީގެ މީހުންނަށެވެ.

ކޮންމެ އަހަރެއްގެ ރޭހަށްވެސް ދިރާގުން ނުކުންނަނީ ހާއްސަ ޝިއާރެއް ކަނޑައަޅައިގެންނެވެ. މި އަހަރަށްވެސް ޝިއާރު ކަނޑައަޅާފައިވަނީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަށެވެ. ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަށް އުފައްދާފައިވާ ޖަމިއްޔާތަކުން އަންނަ ރޭހަށް ރަޖިސްޓްރީ ކުރުމަށް ހޮނިހިރު ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

ރަޖިސްޓްރީ ކުރާ ޖަމްއިއްޔާތަކުގެ ނަންތައް ދިރާގު ރޯޑް ރޭހުގެ ވެބްސައިޓުގައި އާންމު ކުރާނެ އެވެ. ރޭހުގައި ވާދަ ކުރާ ކޮންމެ ދުވުންތެރިޔަކު ވެސް އެ ދުވުންތެރިޔެއްގެ ދުވުން ހާއްސަ ކުރާނީ ކޮން ޖަމިއްޔާއަކަށްކަން ކަނޑައަޅާނެ ކަމަށްވެސް ދިރާގުން ބުނެ އެވެ. އެންމެ ގިނަ ދުވުންތެރިން ހިޔާރުކުރާ ފަސް ޖަމިއްޔާއަކަށް 200،000 ރުފިޔާ ހަދިޔާ ކުރަން ވަނީ ނިންމާފަ އެވެ. މި އަހަރަކީ ދިރާގު ރޯޑް ރޭހުގެ 13 ވަނަ އަހަރެވެ. ދިރާގު ރޭހަކީ ބައިނަލްއަގުވާމީ ރޭހެކެވެ.