ވާހަކަ

އީޝަލް

(14 ޖުލައި 2019 އާ ގުޅޭ)

"ރައުލް.... ކިހިނެއްވެފަ ތިހުރީ... މީ ކޮންބައެއް؟... އެންމެން އެ ކިޔަނީ..." މަދުރާގެ ވާހަކަ ރައުލް ހުއްޓުވިއެވެ. އޭނާއަށް އެހީވުމަށް ރައުލް އެދުމުން ބޭރީތުގެ ގާތަށް ދިއުމަށް މަދުރާ ލަފާ ދިނެވެ. ނަމަވެސް އެކަމަށް ރައުލް އުޒުރުވެރިވިއެވެ. މަދުރާ އަވަސްއަވަހަށް ރައުލް ގޮވައިގެން އައިސް އޭނާގެ ކޮޓަރިއަށް ވަނެވެ. މީހަކަށް ފެނުމުގެ ކުރީން ރައުލް ފޮރުވަން އުޅޭ މީހަކު ފަދައިންނެވެ.

"ބިރުނުގަނޭ... އެއީ އަހަރެންގެ މީހުން" އިކަރޯސްފެނި މަދުރާ ހުއްޓުން އަރާފައި ހުންނަން ފެށުމުން ރައުލް ބުނެލިއެވެ.

"ހުރިހާ ކުދީންގެ މަރުގެ ޚަބަރު ހިފައިގެން ޒަގަން އައީ... ރައުލް!... އަހަރެންގެ ދާރިއުސް، އޭނާ...." ހިތުގައި ފޮރުވައިގެން ހުރި އުދާސްތައް ރައުލްގެ ކުރިމައްޗަށް މަދުރާ ހުށަހެޅިއެވެ. ނަމަވެސް އޭނާ ބުނަން އުޅުނު އެއްޗެއް ފުރިހަމަ ނުކުރެވެނީސް ރައުލް ވާހަކަދެއްކިއެވެ.

"ދާރިއުސްއާއި އަހަރެމެން އެންމެން މަރަން އަމުރުކުރީ ބޭރީތު، އޭނާއަކީ އަހަރެމެން ހުރިހާ ކުދީންގެ ބައްޕައެއްނޫންތަ... އެކަމަކު ﷲ އެފަދައިން އިރާދައެއްނުކުރެއްވި، ދާރިއުސްގެ މަންމާ، ދާރިއުސް ހުރީ ހެޔޮ ހާލުގައި... އީޝަލްގެ މީހުން އޭނާ ފުރިހަމައަށް ރައްކާތެރިކުރާނެ، ޒަގަންއާއި ބޭރީތުގެ ނުބައި ރޭވުމެއްމީ... ރާވިން!... އޭނާއާއި އަހަރެން މިތަނަށް ގެނެވުނީ އެކުއެކީ، އޭނާގެ ޚަބަރަކީ ކޮބާ؟ މިނުބައިކަމުން ސަލާމަތްވާން، މީ އަހަރެމެންނަށް ލިބޭނެ އެންމެ ފަހު ފުރުޞަތު... އަހަރެންގެ އަނބިމީހާ އަހަރެންގެ އިންތިޒާރުގައި ހުންނާނެކަން އެނގޭ، ހަމައެގޮތަށް ރާވިން އެނބުރި އަންނާނެކަމުގެ އުންމީދުގައި ޔާފިއާ ހުންނާނެ، އޭނާ ނުލައި އެނބުރިދާކަށް ބޭނުމެއްނޫން، އެހެންވެ އަހަރެމެން ގަނޑުވަރަށްވަނީ... މިގަނޑުވަރުގައި ކަލޭ ނޫނީ ކިރިޔާ ވެސް އަހަރެންގެ މައްޗަށް ރަޙުމުކުރާނޭ މީހަކުނެތް، އާދޭސްކުރަން.... އަހަރެންނަށް އެހީވެދީބަލަ... ރާވިން ގަދަވެސަލާމަތުން ހުރިނަމަ، ނިކަން އަހަރެންގެ ގާތަށް އޭނާ ގެނެސްދީބަލަ، އަހަރެމެން މިތަނުގައި ތިބިކަމުގެ ޚަބަރު ކޮންމެވެސް ގޮތަކުން އޭނާއާ ހަމައަށް ފޯރުކޮށްދީ... އެވަރުކޮށްލަދިނަސް މައްސަލައެއްނެތް، އޭރުން އޭނާ ކޮންމެވެސް ގޮތެއް ހޯދާނެ" ކެތްތެރިކަން ކުޑަވެފައިވާވަރު ރައުލްގެ އަޑުން ވެސް މަދުރާ ދެނެގަތެވެ. ރައުލްގެ ފުށުން މަދުރާއަށް ސިފަވީ ގޮތްހުސްވެފައިވާ މީހެއްގެ ޝުޢޫރުތައް ފަދައެވެ. މިނޫނީ އެފަދަ ބަލިކަށިކަމެއް ރައުލްގެ ފަރާތުން ނުދެކެއެވެ.

"ގަނޑުވަރުތެރޭގައި ފޯރިމަރާ ސިފައިންގެ އަދަދު ގިނަވެއްޖެ... އެންމެންތައް މިހާ ހާސްވެގެން މިއުޅެނީ ރާވިންއާހެދި، އޭނާ.... ހަމަ ކުއްލިއަކަށް ޣައިބުވެއްޖެ، ދިޔައީ ކޮންތާކަކަށްކަމެއް ނޭނގޭ، ލާވީއަށް ވެސް ނޭނގޭ" މަދުރާ ބުންޏެވެ.

"އެކަމަކު ތިހެންވާނީ ކިހިނެއް؟... އަނެއްކާ ޒަގަން އޭނާ މަރާލީތަ؟" މަދުރާއާ ދިމާއަށް ބުނި އެއްޗަކަށްވުރެ ރައުލް އަމިއްލަ ނަފްސާކޮށްލި ސުވާލުތަކަކަށް ވިއެވެ. ޒޮރައިދާ ފިޔަވާ ދެންތިބި މީހުން އެކަކުއަނެކަކަށް ބަލާލިއެވެ.

"މިތާ ރާވިން ނެތީވިއްޔާ އަހަރެމެން މަޑުކުރުމުގެ ބޭނުމެއްނެތް، ރައުލް... އެމީހުންނަށް އެނގުން ނުވަނީސް ހިނގާ" ޠަލަބް ބުންޏެވެ.

"ރާވިންއަށް ވީގޮތެއް ނޭނގެނީސް ދާންވީތަ؟ އޭނާ ހަމަހުރެފައި ޣައިބެއްނުވާނެ، ޒަގަން އޭނާ މަރާލީނޫންކަމެއް ކިހިނެއް އެނގެނީ، ލާވީއަށް ޝައްކެއް ވެސް ނުވޭތަ؟" ރައުލްއަށް އިތުރު ހާސްކަމެއް ލިބުނެވެ.

"އެކަންހިނގީ ކިހިނެއްކަން ބަލާނޭ ފުރުޞަތެއް މިވަގުތުނެތް، އެނބުރި އީޝަލްގެ ގާތަށް ދިއުން ބުއްދިވެރީ، އަހަރެމެން މިތިބީ ބަޔަކާ ކުރިމަތިލެވޭ ހާލަތެއްގައެއްނޫން، މަޑުކުރާނަމަ މި ހަނި ފުރުޞަތު ވެސް ގެއްލިދާނެ" ސިއްތާ ވެސް ޠަލަބް އިހުބުނި އެއްޗަކަށް ބާރުދިނެވެ. އެމީހުން ބޭނުންވަނީ ވީހާ ވެސް އަވަހަކަށް އީޝަލްއަށް ރައުލް ރައްދުކޮށްދޭށެވެ. ސިއްތާއާ އެއްބަސްވާކަމުގެ އިޝާރާތަކަށް ރައުލް ބޯޖަހާލިއެވެ.
"އަހަރެމެން ދަނީ" ރައުލް ބުނެލިއެވެ.

މަދުރާ ހުރީ ބުނާނޭ އެއްޗެއް ނޭނގިފައެވެ. ރާވިން ފިޔަވާ އެހެން ހުރިހާ ކުދީންގެ މަރުގެ ޚަބަރު އޭނާ ވެސް އެއްސެވެ. ހިތުގައި ނުފިލާނޭ ރިހުމެއް އުފެދުނެވެ. ބޭރީތުގެ ޝަރުތުތައް ޤަބޫލުކުރުމުން ވެސް އެކުދީންނަށް މިނިވަންކަމެއް ބޭރީތު ނުދިނޭ މަދުރާގެ ހިތަށް އަރަމުންދިޔައެވެ. ޚާއްޞަކޮށް ރައުލްއާ ބައްދަލުވެ އޭނާ އެ ދެއްކި ވާހަކަތަކުންނެވެ. ބޭރީތުދެކެ މަދުރާއަށް ވެވުނީ ތެދުވެރި ސާފު ލޯތްބެކެވެ. ބޭރީތުގެ އެންމެބޮޑު ހިތްވަރުކަމުގައި މަދުރާވީ އެހެންވެއެވެ. ނަމަވެސް ބޭރީތު ރޭވިކަމަކަށް ރައުލް އެބުނާ ނުބައި ރޭވުންތަކުގެ ޚަބަރު ޚުދު މަދުރާއަށް ވެސް ނޭނގެއެވެ. އެހެން ދަރީންގެ މައްޗަށް އޮންނަ ކުލުނާ ރައުލްގެ މައްޗަށް ބޭރީތުގެ އޮންނަ ލޯބި ތަފާތެވެ. އެހެން ދަރީންނަށްވުރެ ރައުލްއަށް އޭނާ އެތައްގޮތަކުން އިސްކަންދެއެވެ. ރައުލްގެ ތުއްތު އުމުރު މަދުރާއަށް ނުފެނުކަމުގައި ވިޔަސް އެ ދުވަސްތައް ދުށް އާޔާއިން ގަނޑުވަރުތެރޭގައި އެބަތިއްބެވެ. ތުއްތުއިރު ބޭރީތުގެ އުރުތެރެއިން ފެނުނު ހަމައެކަނި ދަރިއަކީ ރައުލްކަމުގައި އެމީހުން ބުނެ އުޅެއެވެ. އެހާ ލޯބިން ގެންގުޅުނު ދަރިފުޅު މަރާލަން ބޭރީތު ބޭނުންވީއިރު ދެންތިބި ދަރީންގެ މައްޗަށް އަގަލެއް ނުހުންނާނޭކަން މަދުރާގެ ޟަމީރު އެއްބަސްވިއެވެ. އެ ޚިޔާލުތަކާއެކު އޭނާގެ ދެ ލޯ ކަރުނުން ތެމިއްޖެއެވެ. ބޭރީތަކީ ހަރުކަށި މީހެކެވެ. އެހެންވިޔަސް އޭނާއަކީ އަނިޔާވެރިއަކަށް ވެދާނޭ މަދުރާ ހިޔެއްނުކުރެއެވެ. ދަރިފުޅު ހެޔޮހާލުގައި ހުރިނަމަ އެކުއްޖާ ދުށުމަށް މަދުރާގެ މައިވަންތަ އިޙްސާސްތައް އޭނާއަށް ގޮވާލިއެވެ. ދާރިއުސް ހުރިތަނަކަށް ދާން މަދުރާ ބޭނުންވެއެވެ. ހަމައެއާއެކު ރައުލްއަށް ކާމިޔާބު ލިބުމަށް އޭނާއަށް އެދެވުނެވެ.

ޚިޔާލުތަކަށް ގެއްލިފައި ހުރި މަދުރާ ސިހުނީ އޭނާ އުޅޭ ބަޔަށް ކުއްލިއަކަށް ބަޔަކު ވަނުމުންނެވެ. އޭރު ބޮލުގައި ހިފަހައްޓާލައިގެން ހުރި ރައުލް އޭނާ ދުށްޓެވެ. ހަލުވިކޮށް އައިސް ރައުލްގެ މުލަށްދަނޑީގައި މަދުރާ ހިފާލިއެވެ.

"ކިހިނެއްވީ؟" މަދުރާ ސުވާލުކުރީ ރައުލްގެ ގާތުގައި ތިބި މީހުންނާއެވެ.

"ކޮންމެވެސް ބޮޑުކަމެއްވާން އެބައުޅޭ... ބަޔަކު އެބާދޭ، މިގަނޑުވަރާ ދިމާއަށް، އެއީ ބިޔަ ލަޝްކަރެއްކަން ޔަގީން، އަހަރެމެން ނުކުމެއްޖެނަމަ އެމީހުންގެ އަތްދަށުވާނެކަން ޔަގީން، ބޭރީތަށް އެއްބާރުލުންދޭނޭ ބަޔަކު ހޯދީކަން ޔަގީން" އިކަރޯސް ވާހަކަދެއްކިއެވެ.

"އީޝަލް... އީޝަލްގެ އަޑު އަހަރެންނަށް އިވެނީ... އޭނާ އަހަރެންގެ ނަމުން ގޮވަނީ... ކިހިނެއް؟... އަހަރެންނަށް ސިހުރެއްޖެހުނީތަ؟ މިތަނަށްވަނުމަށްފަހު ނުނިކުމެވޭނޭ ކަހަލަ ސިހުރެއްޖެހިއްޖެ، އީޝަލްގެ އަޑު އިވެންވީ ކީއްވެ؟ އޭނާ އަހަރެންނަށް ގޮވާލަނީ... އަހަރެންގެ ބުއްދި ގޯސްވަނީ ކަންނޭނގެ، ޒޮރައިދާ... މި ސިހުރުން އަހަރެން ސަލާމަތްކޮށްދީބަލަ، އެއަޑަށް ކިޔަމަންވާން އަހަރެންގެ މުޅި ނަފްސު ގޮވާލާ ކަހަލަ، މީ ނުބައި ސިހުރެއް... އަހަރެންގެ ވިސްނުމުގެ ބާރު ދެރަކޮށްލައިފި" ބޮލުގައި ހިފަހައްޓައިގެން ދެކަކޫ މައްޗަށް ތިރިވި ރައުލް ބުންޏެވެ. އޭނާއަށް ގޮވާލެވޭ އަޑާ ދެކޮޅަށް މައިތިރި ބަހައްޓަން ތެޅިފޮޅެނީއެވެ. އެއީ ކެތްކުރަން ދަތިވާފަދަ ގަދަފަދަ ބާރެއްކަން ރައުލްއަށް އެނގޭތީ އެއީ ނުބައި ފާލެއްކަމުގައި އޭނާ ހީކުރިއެވެ.

"އަހަރެން އެބަ އަންނަން... މިތާ މަޑުކުރޭ" މަދުރާ ނިކަން އަވަހަށް ބުންޏެވެ. އަދި ދުވަމުން ކަހަލަ ގޮތަކަށް އޭނާ ބޭރަށް ނުކުތެވެ. އޭރު ކަމަކުދާކަށްނެތެވެ. ގަނޑުވަރުތެރޭ މީހުންތައް ކޮޅުކޮޅަށް ދުވަނީއެވެ. ވެގެން އުޅޭގޮތެއް އަހާލުމުގެ ކުރީން މަދުރާއަށް ދުވެފައި އާދެވުނީ ކުޑަކުދީންތައް ނިދާފައި ތިބި ބަޔަށެވެ. އެތަނަށް އައިސް ވަދެވުނުއިރު ބާނދީންތައް ދެލޯމުދުނަށްއަރައިގެން ތެޅިފޮޅެނީއެވެ. ހުރިހާ ކުދީން ހޭލައިގެން ކަންބޮޑުވެގެން އުޅޭތީއެވެ. އުރުގައި ގެންގުޅޭވަރު ޅަކުދީންގެ ރުއިމުގެ އަޑު ކަނޑައިގެން ނުދެއެވެ. އެކުދީން މަސަލަސް ނުކުރެވިގެން މުޅި މާޙައުލުގެ އަޑުފަށްގަނޑު ގަދަވެފައި ވެއެވެ. އެތަނުން ބާނދީއެއް ގާތުން ކަމެއް އޮޅުން ފިލާތޯ މަދުރާ އެއްސެވެ.

"ވެރިކަމަށް އަތްގަދަކުރަން ބަޔަކު އަންނަނީޔޯ" ބާނދީ ބުނި އެއްޗަކާމެދު މަދުރާ ވިސްނާލިއެވެ. ރައުލް ވެސް އެނބުރި އައީ ބަޔަކު އެ ގަނޑުވަރާ ދިމާއަށް އަންނަކަން އެނގިގެންނެވެ. އެއީ ބިޔަ ލަޝްކަރެއްގެ ގޮތުގައި އެމީހުން ވެސް ސިފަކޮށްދިނެވެ. ކަންބޮޑުވެ ހާސްވީވަރުން މޭގައި މަދުރާއަށް އަތްއަޅާލެވުނެވެ. އެވަގުތު އެތަނަށް ގަނޑުވަރުގެ ސިފައިންގެ ތެރެއިން ބަޔަކު އަތުވެއްޖެއެވެ.

"ކޮންމެ ބާނދީއަކު ދެ ކުދީންނާ ހަވާލުވެ އަހަރެމެންނާއެކު ގަނޑުވަރުގެ ސިއްރު ކޮޓަރިތަކަށް ދިއުމަށް ރަސްގެފާނު އަމުރުކުރައްވައިފި" ހަތަރު ސިފައިންގެ މީހުންގެ ތެރެއިން އެކަކު ކުރިއަށް ޖެހި ބުންޏެވެ.

"އަހަރެން ބޭރީތާ ބައްދަލުކޮށްފައި އެބައަންނަން، ސިފައިންނާއެކު ކަލޭމެން ދޭ، އަހަރެން ވަރަށް އަވަހަށް ކަލޭމެންގެ ތެރެއަށް އެނބުރި އަންނާނަން" ގާތުގައި ހުރި އިސް އާޔާގެ ކޮނޑުގައި ހިފާލަމުން މަދުރާ ބުންޏެވެ. އޭނާ ނިކަން އަވަހަށް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. އެއާއެކު މަދުރާ ނުކުންނަން ދިޔައެވެ.

"މިވަގުތު ރަސްގެފާނާ ބައްދަލެއްނުވެވޭނެ" ސިފައިންގެ މީހަކު މަދުރާއަށް ބުނެލިއެވެ.

"އެކަން ނިންމާނީ ބޭރީތު އަމިއްލައަށް، އަހަރެން ހުއްޓުވަން ނޫޅޭ... އޭނާއާ ވަދާޢުގެ ސަލާމްނުކޮށް އަހަރެން ނުދާނަން" މަދުރާ ބުންޏެވެ. ސިފައިންގެ އިސްމީހަކަށް ހުރި މީހާގެ އިޝާރާތަށް މަދުރާ ދިއުމަށް ދޫކޮށްލިއެވެ. އޭނާއަށް މަދުރާއަކީ ބޭރީތުގެ ކާކުކަން އެނގޭ ކަހަލައެވެ.

ދަރުބާރަށް ދިއުމަށް ކަސްދިޔާގެ ބައިން ނުކުތް ބޭރީތުގެ ދެއަތް ދަމާލެވުނީ އެ ދިމާއަށް ދުވަމުން އައި މަދުރާ ހިފެހެއްޓުމަށެވެ. ކަންބޮޑުވެ ހާސްވެފައިވާ މަދުރާއަށް ބަލާލައި ފަނޑު ހިނިތުންވުމެއް ބޭރީތު ބަދަލުކޮށްލިއެވެ.

"ކިހިނެއްތަ މިވަނީ... ކޮންބައެއްތަ އަންނަނީ؟" މަދުރާ އަވަސްއަވަހަށް އެއްސެވެ. އޭނާގެ ކޯތާފަތުގައި ބޭރީތު ހިފާލައިފައި ގެނެސް ނިތްކުރީގައި ބޮސްދިނެވެ.

"ބޭރީތު!... ހެޔޮނުވާނެ..." މަދުރާއާ ވަދާޢުގެ ސަލާމް ބޭރީތުކުރިހެން ހީވުމުމާއެކު ވަކިން ބޮޑަށް އޭނާ ކަންބޮޑުވިއެވެ. ބޭރީތުގެ ދެއަތުގައި ހިފައި ބާރުކޮށްލެވުނެވެ.

"މަދުރާ... ކަސްދިޔާއާއެކު ދޭ... އޭނާއާއެކު ކަލޭ ހުންނާތި، އަހަރެންގެ ފާރަވެރީންގެ ތެރެއިން އިސް މީހަކު ކަލޭމެން މިތަނުން ނުކުންނަން އެހީވެދޭނެ، އަންނަނީ ކޮންބައެއްކަމެއް ނޭނގޭ، ވަރުގަދަ ފޮރުވުމަކުން އެބައިމީހުންވަނީ ފޮރިވިފަ، އަހަރެންނާ މާގިނަ ސުވާލުނުކުރޭ.... އަހަރެންނަށް ކަމެއްވެއްޖެނަމަ ކަލޭމެންގެ އަހުލުންގެ ތެރެއަށް ކަލޭމެން ގެންގޮސްދޭނެ، މިރޭގެ އަނދިރިކަން އަހަރެން ދުވަހަކުވެސް ނުދެކޭހާ އަނދިރިވާނެކަމުގަވޭ، އެހެންވިޔަސް އަހަރެން ފަހަތަކަށް ނުޖެހޭނަން، މަދުރާ!... ކަސްދިޔާއާއެކު ދޭ" ބޭރީތު ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ. ރައުލްގެ ވާހަކަ ބުނަން އެތައް ފަހަރަކު މަދުރާގެ ހިތަށް އެރިއެވެ. ނަމަވެސް އެކަމަށް އޭނާގެ ޟަމީރު އެއްބަސްނުވީއެވެ.

"އަހަރެން ކުދީންނާއެކު ދާނީ" މަދުރާ މަޑުމަޑުން ބުނެލިއެވެ. ބޭރީތު އޭނާއަށް ބަލަން ހުރެ ބޯޖަހާލިއެވެ. އަދި މަޑުނުކޮށް އޭނާ ހިނގައިގަތީ ދަރުބާރާ ދިމާއަށެވެ. އެ އަންނަ ބަޔަކާ ފުރިހަމައަށް ކުރިމަތިލާން ތައްޔާރުވެގެންނެވެ. ލޯކުރިމަތިން ބޭރީތު ގެއްލުމުން މަދުރާ ހަލުވިކަމާއެކު އަވަސްވެލީ ރައުލްގެ ގާތަށް އެނބުރި އަންނާށެވެ. އެންމެން ސަލާމަތްކަން ހޯދަން އުޅޭއިރު އެ މީހުންނަށް ރައްކާތެރިކަމެއް ދެވޭތޯ މަދުރާ ވިސްނިއެވެ.

"ބަޔަކު އެބާދޭ... އަންނަނީ ބޭރީތާ ދެކޮޅަށް، އެއީ އޭނާގެ މީހުންނެއްނޫން" ގޭތެރެއަށް ވަދެވުނު ގޮތަށް މަދުރާ ބުންޏެވެ. އޭރު ވެސް ރައުލްގެ ހާލަތު ބަދަލެއްނުވެއެވެ. އެހެންވިޔަސް އޭނާއަށް ވެސް މަދުރާ ބުނި އެއްޗެއް އިވުނެވެ.

"ހިނގާ އަހަރެންނާއެކު، އަހަރެންގެ ބެލުމުގެ ދަށުގައިވާނަމަ މިވަގުތު އެއްވެސް ފާރަވެރިއެއް ސުވާލެއްނުކުރާނެ، އެންމެން ތިބީ ހާސްކަމެއްގެ ތެރޭ... އެކަމަކު... އެބަ އަންނަން، ތި ތިބިގޮތަކަށް ގޮސްފިއްޔާ އެންމެންގެ ލޮލުގައި އަޅައިގަންނާނެ، އެބަ އަންނަން" މަދުރާ އެތެރެއަށް ވަދެ އޭނާގެ އަލަމާރިން ބޮޑެތި ސާލުތަކެއް ނަގައިގެން އައިސް އެއިން އިކަރޯސްއާއި އޭނާގެ އަތުގެ ތެރޭ އޮތް ޒޮރައިދާ ނިވާކުރިއެވެ. އަދި ރައުލްގެ ބޮލާއެކު އޭނާގެ ހަށިގަނޑުގައި ދެން އޮތް ސާލު އޮޅާލަދިނެވެ.

"ރައުލް... ތެދުވޭ... އަހަރެންނާއެކު ހިނގާ، މިތަނުން ކަލޭމެންނަށް ސަލާމަތުން ނުކުމެވޭނޭ މަގެއް އަހަރެން ހޯދާނަން" މަދުރާ ބުންޏެވެ.

* * * * * *

"ލާވީ" ތަޚުތުގައި އިށީން ގޮތަށް ބޭރީތު ގޮވާލިއެވެ.

"ފުޅަނގެއްކަމެއް މަޑިއެއްކަމެއް ނޭނގޭ، އެއީ ކަނޑުގެ އަޑީގައިވާ ފުރޭތައެއް... އެ ސޮރު އަންނަނީ އަހަރެމެންނާ ދިމާއަށް، ވަރަށް ކައިރިވެއްޖެ، ކޮމާންޑަރުންތައް އެމީހުންގެ ސިފައިންނާއިގެން ތިބީ ތައްޔާރަށް، އަހަރެމެންގެ ތެރޭގައިވާ ބިޔަ އިފުރީތުންގެ އާރުކާޓީ ވެސް ތިބީ ތައްޔާރަށް، އެކަމަކު އެމީހުން ވެސް ފެންނަނީ ހިމޭންވެފައި ތިބިތަން، ސިހުރުންވެރީންނާއި ރަމަލުޖަހާ މީހުންނަށް ވެސް އެއްވެސް ކަމެއް ޔަގީނެއްނުކޮށްދެވުން، ސިހުރުވެރީންގެ އެއްވެސް ކަމެއް ކާމިޔާބެއްނުވޭ، އެމީހުން ބުނަނީ އެމީހުންނަށްވުރެ މޮޅު ސިހުރުވެރިއަކީ އެ އަންނަ ބައިގަނޑުގެ ތެރޭގައި ހުރެގެންނޫނީ އެމީހުން އެކުރާ ކަންކަން ބާތިލެއްނުކުރެވޭނެކަމަށް، ގަނޑުވަރާ ކައިރިވިޔަ ނުދޭން މައިތިރިތައް ބަހައްޓައިގެން ވެސް އެއްވެސް ކަމެއްނުވި، އެމީހުން ހައްތަހާވަނީ ކައިރި.... ބޭރީތު... މީ ކޮންކަހަލަ ކަމެއްތަ؟ ކަލެއާ ޖަދަލުކުރަން ކެރޭވަރުގެ ބަޔަކު މި ބަޚުރުގައި ތިބީތަ؟ އެ އަންނަނީ އާދައިގެ ލަޝްކަރެއްނޫން، އެކަން ކަލެއަށް ވެސް އިޙްސާސްވާކަން އަހަރެންނަށް އެނގޭ" ލާވީ ވެސް ހުރީ ހިސާބަކަށް ހާސްވެފައެވެ.

"މީ އެ އަންހެންކުއްޖާގެ ޢާއިލާގެ ކަމެއްތަ؟" ވިސްނަން އިނދެފައި ބޭރީތު ބުންޏެވެ.

"އެމީހުންގެ ތެރެއަކު މިފަދަ ބާރެއްނުވޭ" ލާވީ ވަގުތުން ބުންޏެވެ.

"އީޝަލްއާ އަޅުގަނޑު ކުރިމަތިލިން، އޭނާއާއި އޭނާގެ ގާތުގައި ތިބި އެކަކަށްވެސް މިވަރެއްނުވާނެ، އެމީހުންވަނީ ބަލިކަށިވެފައޭ އަޅުގަނޑު ނުބުނަންތަ؟ މިއީ ބައްޕައާ ޒާތީވުމެއް، ރަސްކަމުގެ ހަސަދައެއް... މުޅި ބަޚުރުވަނީ ބައްޕަގެ ބާރުގެ ދަށަކުނޫން، އެތައް ރަސްކަމެއް ބަޚުރުގެ އެކި ހިސާބަށް ފެތުރިފައިވޭ... އެބައިމީހުންނަށް ލިބުނު ބާރުގެ އަޖުމަ ބަލާލަންކަންނޭނގެ އެ ދިމާކުރަނީ، ހުރިހާ އެންމެންގެ ފުރާނަ ދަމައިގަންނާނަން، އީޝަލްއާ ބައްދަލުކުރަން ހުރިހާކަމެއް ރާވައިފައިވަނިކޮށް އެކަމަށް ހުރަސްއަޅަން އުޅޭ ކޮންމެ މީހަކީ ދުޝްމަނެއް، އެ އަންހެންކުއްޖާ މިލްކުނުވަނީސް އަޅުގަނޑު މަރެއްނުވާނަން، އެމީހުންގެ އަތްދަށެއް ވެސް ނުވާނަން" ރުޅިގަދަވެފައި ހުރި ޒަގަން ބުންޏެވެ.

"އެކި ހިސާބުތަކުގައިވީ އަހަރެމެންގެ މީހުންނަށް އަންގައިފިންތަ؟" ބޭރީތު ސުވާލުކުރީ ލާވީއާއެވެ.

"ލައްބަ... އޭގެ ތެރެއިން ބައެއްކުދީންނާ ހަމައަށް ޚަބަރު ދިޔަ ކަމެއް ޔަގީނެއްނޫން، ދެކުއްޖަކު މިދިމާއަށް މިސްރާބު ޖަހައިފި" ލާވީ ބުންޏެވެ. ބޭރީތުގެ ލަޝްކަރު ކުޑައެއްނޫނެވެ. އޭނާއަކީ ދުރަށް ވިސްނާ ޖިންނިއެކެވެ. އޭނާގެ އެކި ދަރީން ދުނިޔޭގެ އެކިދިމާއަށް ފޮނުވާފައިވެއެވެ. އެމީހުން އެތަންތަނުގައި ޤަބީލާތައް ހަދައި ގަދަވެގަނެ ރަސްކަން ކުރެއެވެ. އެ އެންމެން ވެސް ތިބެނީ ބޭރީތުގެ ބެލުމުގެ ދަށުގައެވެ. ގޮވާލޭހިނދު އެމީހުންގެ ތެރެއިން ހަނގުރާމަވެރީން ނެރެއެވެ. ތަފާތު ނަސްލުތަކުންނެވެ.

ގަނޑުވަރަށް އެރި ކުއްލި ލޮޅުމުގައި ތަޚުތުގެ ދެއަތްގަނޑުގައި ބޭރީތަށް ބާރަށް ހިފަހައްޓާލެވުނެވެ. އެވަގުތު ދަރުބާރުގެ ހުޅުވާފައި ހުރި ދޮރުން ވަން ވަޒީރު ހަލުވިކޮށް އައިސް ބޭރީތުގެ ކުރިމަތީ ހުއްޓިއްޖެއެވެ. ހީވަނީ ބޮޑު ބިރެއް ފެނިފައި ހުރި ހެންނެވެ.

"އެމީހުންގެ އަދަދު.... އަށާރަ...، ދަރޮވާނުންނާއި އެތަނުގައި ތިބި ފާރަވެރިން ޚަބަރު ހުސްވެގެން ވެއްޓިއްޖެ، ވީގޮތެއް ނޭނގޭ... އެމީހުން ކުރިކަމެއް ވެސް ނޭނގޭ... އެއްވެސް އެހީއަކާނުލާ ގަނޑުވަރުގެ މައިދޮރު އެމީހުން ހުޅުވައި ގަނޑުވަރަށް ވަދެއްޖެ... މިވަރުކަމެއް ދުވަހަކުވެސް ނުދެކެން... ދުވަހަކުވެސް ނުދެކެން..." ހާސްވެފައި ހުރެ ވަޒީރު ބުންޏެވެ.

(ނުނިމޭ)