ވާހަކަ

ބޭނުންވަނީ ޔާރާ

(15 ޖުލައި 2019 އާ ގުޅޭ)

"ރޮވުނީ ދޯ، އެއީ މައްސަލައެއްނޫނޭ، މަންހާ ލޯބިވިޔަސް ދާއިން ލޯބިނުވަންޏާ ވާނީ އެހެންތާ، ދެންވެސް މިކަމުން ސަލާމަތްވެވެން އޮތްގޮތް މިބުނީ، މަންހާ ދާއިންގެ ކައިރިން ވަރިވާންވީނު........ނެހާ އާއި ދޭތެރޭ މަންހާ އެއްގޮތަކަށްވެސް ވިސްނާނެކަމެއްނެއް، އަހަންނާއި ދާއިން އެކުއްޖާއަށް ބޭނުންވާ ހުރިހާ އުފަލެއް ހޯދަދޭނަން...........ހީކޮއްލާ ދިރިއުޅުމުގެ މިހިސާބުން މަންހާގެ ރޯލު އަދާކުރެއްވިއްޖެ ކަމަށް، އަހަރެން ދާއިން ކައިރީ ބުނާނަމޭ މަންހާއަށް އުޅޭވޭނޭ ވަރަށް ފައިސާވެސް ދޭށޭ، އޭރުން ދަތިކަމެއްނެތި މަންހާއަށް އުޅެވޭނެއެއްނު..............ބަލާކަށް ދަރިއަކުވެސް ނުހުންނާނެއެއްނު، ފުރިހަމަ މިނިވަނެއްހެން އުޅުނީމަ ނިމުނީނު، އޭރުން ވިޝާލް އާއިވެސް މަންހާއަށް ކައިވެނިކުރެވޭނެއެއްނު" މިހެން ބުނެ ޒާރާ އެއްފައި މައްޗަށް އަނެއްފައި އަރުވާލަމުން ވިހަ ހިނިތުންވުމެއް މަންހާއަށް ދިނެވެ.

"ޒާރާ ޕްލީޒް ސްޓޮޕްއިޓް...........ސްޓޮޕިޓް........." މަންހާ ސޯފާއިން ތެދުވެ އަސަރުން ފުރިގެންވި އަޑަކުން ބުނެލިއެވެ. އަދި ޒާރާއަށް ފުރަގަސް ދެމުން ދުރަށް ހިނގައިގަތެވެ. އޭނަގެ ދެލޮލަށް ޖަމާވި ކަރުނަތައް ފޮހެމުންނެވެ. އޭރު އޭނަގެ ދެއަތްތިލަވެސް ތުރުތުރުލަމުންދިޔައެވެ. ހިތްވަރުކުރަންވީ ކޮން ހައްދަކާއި ހަމައަށްބާއޭ އޭނަގެ ޒަމީރާ ސުވާލުކުރެވުނެވެ.

"ދާންވީކީ ނޫނޭ، ބުނަންވީ މަންހާ ދާއިންގެ ދިރިއުޅުމުން ދުރަށްދާނެ ދުވަހެއް" ޒާރާވެސް ތެދުވެ ރުޅިވެރިކަމާއިއެކު ބާރަށް ބުނެލިއެވެ.

"ޒާރާ، ކީއްވެތަ ތިހެން ތިއުޅެނީ، އަހަރުމެން ދެމީހުންނަށް އުފަލުގައި ނޫޅެވެވެންވީ ސަބަބެއް އަހަންނަކަށް ނުވިސްނުނު، އަހަންނަށް ކުރެވުނީ ކޮންކަމެއްތަ؟ އަހަރެން ކޮންއިރަކު މަސައްކަތްކުރީ ދާއިން އަހަރެންގެ އަމިއްލަ މީހެއްގެ ގޮތުގައި ހަދަން، ބަލަ މިކައިވެނި ކުރިއިރުވެސް އަހަންނަށް އެނގެޔޭ ދާއިންއަކީ ޒާރާގެ ހައްގެއްކަން" މަންހާއަށް ރޮވެމުން ބުނެލެވުނެވެ. އެހެންނަމަވެސް ނުރޯން އޭނަ ވަރަށް ހިތްވަރު ކުރިއެވެ.

"ހައިރާންވޭ ކުރެވުނު ކުއްނޭގޭތީ........ބަލަ މަންހާއަށް ހެދުނު ގޯހަކީ ދާއިން އާއި ކައިވެނި ކުރުން، އޭނަގެ ދިރިއުޅުމަށް މަންހާ އައުން...........އެހެންވެ މިބުނީ ދުރަށް ދާށޭ، އެހެންނޫނީ ދާއިން މަންހާ ވަރިކުރާއަޑު އިވޭނީ......." ޒާރާ އަޑު ހަރުކޮށް ބުނެލިއެވެ.

"ޕްލީޒް ޒާރާ.........ހެޔޮނުވާނެ، ތިހެން ނުބުނެބަލަ........އަހަރެން ދާއިންގެ އަންބެއްގެ މަގާމުގައި އިނަ ދީބަލަ، އަހަރެންގެ އެއްވެސް ޝަކުވާއެއްނެތޭ ދާއިން ޒާރާދެކެ ލޯބިވިޔަސް، އަހަރެންކައިރީ ދާއިން އާއި ދުރުވަން ނޭދިބަލަ ޒާރާ.........ތީވެސް އަންހެނެކޭ، އަންހެނަކަށޭ ބުނޭ އަންހެނެއްގެ އިޙްސާސްތައް ދެނެގަނެވޭނީ، ތިހެން އަހަންނަށް މަޖޫބޫރު ނުކުރޭ، އައި އެމް ސޮރީ ޒާރާ، އައި އެމް ސޯ ސޮރީ..........އަހަރެން މަރާލިޔަސް އެންމެ ރަނގަޅު އެކަމަކު ދާއިން އާއި އަހަންނަކަށް ވަތްކެއް ނުވެވޭނެ.........ދާއިން ބޭނުންވާނަމަ އޭނަ އަހަރެން ވަރިކުރިޔަސް އަހަރެންގެ ޝަކުވާއެއްނެއް، އަހަރެން ދާއިން އާއި ކައިވެނި ކުރީ ދުވަހަކުވެސް ވަކިވާކަށް ނޫން" މަންހާ ބުނެލިއެވެ.

ޒައުލް އާއިއެކު އާރްފޯއާރްގެ މޭޒެއްގެ ދޮށުގައި ކޮފީއެއްގެނެސްގެން ދާއިންވެސް އިނެވެ. އޭނަ މޭޒުމަތީގައި ހުރި ސިޓީއުރަތައް ކަނޑާލަމުން އޭގައިވާ ސިޓީ ކިޔަމުންދިޔައެވެ. ޒައުލް އަޑުއަހަން އިނެވެ. އަދި ސިޓީ އުރައިގައި އޭނަ ވަސްބަލާލިއެވެ.

"ކިތަށްމީހުން ސެޓުކުރަންވެގެން ތިއުޅެނީ" ޒައުލް ދާއިންއަށް ބުނެލިއެވެ.

"މީހަކު ސެޓުކުރަން މަ އެބައުޅެންތަ؟ މީއޭ އޭންޖެލްއަކީ، މިދިޔަ ދެތިން ދުވަހު ނުކިޔޭތީ އާއިއެކު މިއައީ ޒައުލްއަށް ހެކި ދައްކާލަން، އަޅެ ލޯތްބެއް ނޫންތަ؟ ހިތާ ހަމައަށް ފޯރާގޮތެއް ނުހުރޭތަ......" ދާއިންގެ ދުލުން ތައުރީފުގެ ބަސްތައް އޮހިގަތެވެ.

"ދާއިން، ތިގޮތަށް ސިޓީތައް ފޮރުވައިގެން އުޅެނިކޮށް ޒާރާއަށް ނޫނީ މަންހާއަށް ފެނިއްޖެއްޔާ ވާނެގޮތަކާމެދު ވިސްނާލަބަލަ، މަށަކަށް ނުފެނޭ ތިސިޓީތަކެއް ބަހައްޓާކަށް، ދެން އެއްފަހަރު ކިޔާލަން ރަނގަޅު، ފޫހިފިލާނެ" ޒައުލް ތުނބުގައި ޖަހާލި ކޮފީތަށި ތިރިކޮއްލަމުން ބުނެލިއެވެ. އޭރުވެސް ދާއިން އިނީ އަތުގައި އޮތް ސިޓީއަށް ގެއްލިފައެވެ. ޒައުލް އޭނަގެ ކޮފީ ތަށިކައިރީ އޮތް ހަކުރު ހުސްކުރި ކަރުދާސް ޕެކެޓުން ކުޑަކުޑަ ބޯޅައެއް ހަދާލުމަށްފަހު ދާއިންގެ ގައިގާ އޭގެން އެއްލާ ޖެހިއެވެ. ޗޮކެއް ކަނޑާލި ދާއިން ގައިފޮޅާލީ ކޯއްޗެއްކަން ނޭގޭތީ ދިރޭއެއްޗަކަށްވެސް ވެދާނެތީއެވެ.

"ސާބަހޭ، މީހަކަށް ވަރެއްވެއްޖެއެއްނު.......ތި ސިޓީތައް ބަހައްޓަބަލަ، ދެއަނބިން ތިބިއިރުވެސް ހިތްފުރޭވަރު ނުވަނީތަ؟" ޒައުލް ސަމާސާ ގޮތަކަށް ބުނެލިއެވެ.

"ހެ ހެ ހެ ހެ.......ޖޭ ވީ ދޯ، މިއުމުރަށް ދިޔައީމަވެސް އަދިވެސް އަހަންނާހެދި އަންހެން ކުދިން މަރުދޭވަރުވާތީ އެކަމާ" ދާއިން ސިޓީ ކުރިންވެސް ފަތްޖަހާލާފައި އޮތްހެން ފަތްޖަހާލަމުން ބުނެލިއެވެ. އަދި ސިޓީ އުރައިގެ ތެރެއަށް އެސިޓީ ލާފައި މޭޒުމަތީގައި ދެންއޮތް ސިޓީއުރަތައްވެސް އެއްކޮއްލަމުން އެއްފަރާތްކޮއްލިއެވެ.

"އިއްޔެމެންދުރުގެ ނޫކަށިފުރައިގެ ޅަކުދިން ދައްކާކަހަލަ ވާހަކަ ތިދައްކަނީ، އެހެންވެސް ވާނެ، މަންހާ އާއި އިނދެވުނީ މުޅި މީހާ ޒުވާންވެފަ ދޯ ތިހުންނަނީ، ހެ ހެ ހެ ހެ " ޒައުލްވެސް ވަކި ދާއިންއަށް ދުލެއްނުކުރިއެވެ.

"ހޫން ދެން ހެވޭ، ޒައުލް ކޮންއިރަކުންތަ ކައިވެނީގެ ގުޅުމަކުން ކުއްޖަކާ ގުޅޭނީ" ދާއިން ސަމާސާގޮތް ދޫކޮއްލާފައި ބުނެލިއެވެ.

"ތިކަމާ އެބަ ވިސްނަން، ތެދެއް ބުނަންތަ ދާއިން، އަހަރެންވެސް ހިތަށް އަރާ އަހަރެންގެ މުދަލާ ފައިސާ ދެކެ ލޯބިނުވެ އަހަރެންދެކެ ހަގީގީ ލޯބިވާނެ އަންހެން ކުއްޖަކު ހުންނާނެ ނަމައޭ، ހުރިއްޔާ އެއަންހެން ކުއްޖަކާ ދިމާވާނީ ކޮންދުވަހަކުން ބާއޭ........މިހާރު ނުވޭ އަންހެން ކުދިން ގޮވައިގެން ކުރިން އުޅުނުހެން އުޅޭހިތެއް، އެހެންވެސް އުޅެވިއްޖެތާ.............." މިހެން ބުނެލިއިރު ޒައުލްގެ މޫނުމަތީގައިވާ ސަމާސާ ކުލަވަރުވެސް ފިލައިގެން ހިނގައްޖެއެވެ.

ދެއެކުވެރިން ދުވަސްތަކަކަށްފަހު ދިމާވުމުން ދައްކާނެ ވާހަކަތައް ހުއްޓެވެ. އަދި މަޝްވަރާ ކުރާނެ ކަންތައްތައްވެސް ހުއްޓެވެ. ވަގުތު ދިޔަގޮތްވެސް ނޭގެއެވެ. އެގާރާ ޖަހާދިއަކަންވެސް ދާއިންއަށް އެނގުނީ ޒާރާގެ ފޯންކޯލެއް އައުމުންނެވެ.

"ޒާރާތަ؟" ދާއިން ފޯނު ކަނޑާލިތަންފެނި ޒައުލް އަހާލިއެވެ. އެއާއިއެކު ދާއިން ބޯޖަހާލީ އާއެކޭ ބުނުމަށެވެ. ޒައުލް ލުއިގޮތަކަށް ހީލީއެވެ.

"ޒައްލޭ، އަހަރެންގެ ހުރިހާ ކަމެއް މިއަދާ ހަމައަށް އައިއިރު ޙިއްޞާ ކުރަމުން އައި ހަމައެކަނި ރަޙުމަތްތެރިއަކީ ތީ......." ދާއިންގެ ވާހަކަ ޒައުލް މެދުކަނޑާލިއެވެ.

"ހޫން ހޫން، އަހަރެންނަށް ތައުރީފުނުކޮށް ވެގެން އުޅޭގޮތެއް ބުނެބަލަ، އަނެއްކާ ޒާރާއަށް ނޫނީ މަންހާއަށް ކަމެއްވީތަ، ނޫނީ ނެހާއަށް ކަމެއްވީތަ" ޒައުލް ބުނެލިއެވެ.

"ޒާރާ، ޒާރާ އުޅެނީ ވަރަށް ފާޑަކަށް، އަހަންނަކަށް ނޭގެ، ފުރަތަމަ ހީކުރީ އަހަންނާއި މަންހާގެ ކައިވެނީގެ ސަބަބުން އޭނައަށް ލިބުނު ޝޮކު އަދިވެސް ފިލައިގެން ނުދަނީއޭ، އެކަމަކު މިހާރު އޭނަ ހުންނަނީ ވަރަށް ހަމަޖެހިފަ، ނެހާދެކެވެސް ވަރަށް ލޯބިވޭ، ބައެއްފަހަރަށް މަންހާއަށްވުރެވެސް ގިނައިން އެމަންޖެ ގެންގުޅެނީވެސް ޒާރާކަން އަހަންނަށް ފާހަގަ ކުރެވޭ، އަހަންނާ މަންހާ އެކަނިވެލާނެ ފުރުޞަތެއް ނުލިބޭ އަދި ނެހާ ލިބުނުފަހުން...........ހިތަށް އަރަނީ މަންހާވެސް އެހާ ރަނގަޅޭ ޒާރާއަށް، އަނެއްކާ އަހަރެން އޭނައަށް ދެރަކޮށް އެއްވެސް ކަމެއް ނުކުރަން، ހުރިހާ ކަމެއް މިކުރަނީ އޭނަ ބޭނުންވާގޮތަށް، އެކަމަކުވެސް ޒާރާ މިހާރު ވަރަށް ތަފާތުވެއްޖެ، ޚާއްޞަކޮށް މަންހާ އާއިމެދު އޭނަ ދެކޭގޮތް ތަފާތޭ އަހަރެންގެ ހިތްބުނަނީ.............." ދާއިން މޭޒުމަތީ ދެއަތްބާއްވާލަމުން ޒައުލް އާއި ގާތްވެލައިގެން އިނދެ ވާހަކަދެއްކިއެވެ.

"ދެން މަންހާ...............އޭނަ ކިހިނެއްވަނީ، އޭނަ އެއްވެސް އެއްޗެކޭ ބުނިތަ ދާއިން ގާތު" ޒައުލް އަހާލިއެވެ.

"ތިވެސް އަނެއްކާ އަނެއްކަންތައް، މަށަކަށް ހިޔެއްނުވޭ އެއީ އިންސާނެއްހެންވެސް" ދާއިން ލުއިގޮތަކަށް ހީލާފައިބުނެލިއެވެ.

"އެޔޯ، ކީއްވެ ތިހެން ތިބުނީ، ގައިމު އަހަންނަށް އެނގިފަ އޮތް ގޮތުގަ މަންހާ ދާއިންދެކެ ވަރަށް ލޯބިވޭ" ޒައުލް ބުނެލިއެވެ.

"އެހެން ބުނާނެއެއްނު، މަންހާ އަހަރެންގެ ކައިރީ ދުވަހަކުވެސް ޝަކުވާއެއްނުކުރެޔޭ، ހުރިހާ ކަމެއްވެސް އޭނައަށް ހަމަ އެންމެ ރަނގަޅު، ކުޑަކުޑަ ހިނދުކޮޅަކަށް އެމޫނުފެނުނަސް އަބަދުވެސް ހުންނާނީ ހިނިތުންވެލައިގެން، ސްޓިލް ބިއުޓިފުލް އެންޑް ސޯ ހަމްބަލް އޭސް އޯލެވޭސް، ލައިކް އަ ޑެލިކޭޓް ޕެޓަލް........ބަޓް ޒާރާ އިސް ލައިކް ބާރނިން ފްލޭމްސް......" މިހެންބުނެ ދާއިން ކުޑަކުޑަކޮށް ހީލިއެވެ.

"ޒާރާއަށް ވިސްނާދޭންޖެހޭވަރުގެ ކަމެއްނުތީ، އަހަރެން ޒާރާ އާއި ވާހަކަދައްކަންތައް، އޭނައަށް މަންހާ ދާއިންގެ އަންބެއްގެ ގޮތުގައި ގަބޫލުކުރަން އަދިވެސް ދަތިވަނީ، އެހެންކަންނޭގެ އެވަނީ، އެކަމަކު މިހާރު ތިވާގޮތުން މަންހާއަށްވެސް ދެވޭ ދެރައެއްދޯ އެއީ ދާއިން މާބޮޑަށް ޒާރާއަށް ސަމާލުކަންދޭނަމަ" ޒައުލް ހިޔާލު ފާޅުކުރިއެވެ.

"އެކަމަކު އަހަރެން ބޭނުމެއްނޫން އަނެއްކާވެސް ކުރީގެ ހާލަތަށް ޒާރާ ދާކަށް، ޒައުލް އޭނަ އާއި ވާހަކަދެއްކުން އެހާ ރަނގަޅެއްނުވާނެ، އޭރުން އޭނައަށް އެނގޭނެ އަހަރެން ކޮންމެވެސް ވާހަކައެއް ޒައުލް ކައިރީ ދައްކައިފިކަން" ދާއިން ބުނެލިއެވެ. ވާހަކައިގައި މާގިނައިރު ދެމީހުންނަށް ތިބެވޭގޮތެއް ނުވިއެވެ. ޒާރާ ގުޅާފައި ކޮންއިރަކުންތޯ އަންނަނީ ދެވަނަ ފަހަރަށްވެސް އަހަފިއެވެ. އޭނަ ގޭގައި އެކަނިވަނީ ކަމުގައި ބުނެއެވެ. މަންހާ ކޮބާތޯ ސުވާލުކުރުމުން އޭނަވެސް ކޮޓަރިއަށްވަދެ ނިދައިފި ކަމުގައި ބުންޏެވެ. ދާއިން ބިލަށް ލާރިދެއްކުމަށްފަހު އަވަސްވެގަތީ އެތަނުން ނުކުތުމަށެވެ.

"އޭ އަދިވެސް އަހަރެންގެ ބޮލުގަ ކުޑަކުޑަކޮށް ކޮށާ އެއްކަމެއް އެބައޮތް" ދުވާރުމަތިން ޒައުލް އާއިއެކު ކާރު ޕާކުކޮއްފައި އޮތް ދިމާލަށް ހިނގަމުންދިޔަ ދާއިން ބުނެލިއެވެ.

"ބުނެބަލަ" ޒައުލް ޗުއިންގަމެއް އަނގަޔަށް ލަމުން ބުނެލިއެވެ.

"މަންހާ އަހަންނަށް ހުރިހާ ވާހަކައެއް ކިޔާނުދެނީ ބާއޭ ހިތަށް އަރަނީ، ދެން އޭނަގެ ރަޙުމަތްތެރި ވިޝާލް އާއި ކަމެއް ޙިއްޞާކޮއްފާނެބާއޭ މިހިތަށް އަރަނީ، ބައެއް ފަހަރު ޒާރާވެސް ކިޔާ ވިއްޔަ...........ވިޝާލް ވަރަށް ގިނައިން މަންހާގެ އެޕާރޓްމެންޓަށް އައިސް އުޅޭނެޔޯ، ކޮންމެ ދުވަހަކުވެސް އާދެޔޯ، ނެހާވެސް ވަރަށް ރައްޓެހި ވިޝާލް އާ، އަހަންނާވެސް ދިމާވޭ ކޮންމެވެސްވަރަކަށް..........ދެން ނޭގެ މި ޒާރާ ދައްކާ ވާހަކަތަކުން، އޭ އޯކޭ އެނގޭ، ކާރާ ހަމައަށްވެސް މިއާދެވުނީނު، ދަނީ، އެހެންނޫނީ އަނެއްކާވެސް ޒާރާ ލަސްވެގެން ގުޅާފާނެ" ދާއިން ބުނެލިއެވެ. ޒައުލް ހޫން ލައްވާލާފައި ބޯޖަހާލިއެއްކަމަކު އޭނަ މަޑުކޮއްލައިގެން ހުރީއެވެ. ދާއިން ކާރަށް އަރާ ދުއްވާލަންދެންނެވެ. ދާއިން އެންމެފަހުން އެދެއްކި ވާހަކައަކުން ކުއްލިއަކަށް ޒައުލްގެ ހިތުގައި ވަރަށް ގިނަ ސުވާލުތަކެއް އުފެދިގެން ދިޔައެވެ. އޭނަގެ ރަޙުމަތްތެރިޔާގެ ގެއަށް ދިއުން މަޖުބޫރުކަމެއްގެ ގޮތުގައި ދެކެވުނެވެ. ދާއިންއަށް ނޭގުނަސް ކޮންމެވެސް ކަމެއް ޒާރާ އާއި މަންހާ އާއި ދާއިންގެ މެދުގައި ހިނގާކަން ޒައުލްއަށް ވިސްނިއްޖެއެވެ. ފަހަރެއްގައި ސައިކިޓްރިސްޓެއްގެ ވިސްނުމާއި ނަޒަރިއްޔާތުން ދާއިންގެ ވާހަކަތަށް ސިފަވެގެންދިޔައީ ތަފާތުގޮތަކަށް ކަމަށްވެދާނެއެވެ.

އެނދުގައި ދެކޮޅަށް ފުރޮޅެމުން ދިޔަ މަންހާގެ ލޮލުގައި ނިދީގެ އަސަރެއްނުވެއެވެ. އެހެންނަމަވެސް އެދެލޯވަނީ ރޮއެ ރޮއެ ދުޅަވެފައެވެ. އޭނަ އަށް ވިސްނެނީ ޒާރާ އޭނަ އާއި ދިމާލަށް ކީއެއްޗެއްސާއިމެދުއެވެ. އެންމެ ދެރަވީ އޭނަ ދާއިން އާއިކައިވެނި ކުރުމުން އޭނަގެ މަންމަ ބުނި ބަސްތަކުގެ މަތިން ހަނދާންވެފައެވެ. ދާއިން އާއިއެކު ދުވަހަކުވެސް މަންހާއަށް އުފާވެރި ދިރިއުޅުމެއް ނުލިބޭނެޔޭ ބުނީވެސް ހަމަ އެމަންމައެވެ. މިއަދު މަންހާއަށް މިފެންނަނީ އެކަންތައް ބާއޭ ހިތުގައި ސުވާލު އުފެދިފައިވެއެވެ. ދަރިއަކު ލިބުނު ދުވަހު އޭނަ އެންމެ އުފަލުގައި އުޅެންވީ ދުވަހު މިވަނީ ހީވެސް ނުކުރާފަދަ ހިތާމައާއިއެކު، ދިރިއުޅުމުގައި ދިމާވާނެ އެންމެ ބޮޑު ގޮންޖަހާލުމާއިވެސް ކުރިމަތިވެފައެވެ. އެކަނިވެރިކަން އޭނަގެ ސިކުނޑި ކަމުންދަނީއެވެ. ހުރިހާ ކަމެއްގެ ޝިފާއަކަށް ކަރުނުން ފުއްދާލުން ނޫންގޮތެއް މިއަދު އޭނައަކަށް ނެތެވެ. ދާއިން ކައިރީ އެއްވެސް ޝަކުވާއެއް ކުރަން އޭނަ ބޭނުންނުވަނީއެވެ. ޒާރާ އޭނަ އާއި ދިމާލަށް ބުނާ ކޮންމެ އެއްޗެއް އެބުނަނީ ބުނެވެން އޮތީމަކަން އޭނަ ގަބޫލުކުރިއެވެ. އަނެއްކޮޅުން އޭނަގެ ހިތުގައި ދާއިން އާއިމެދުވެސް އޮތް އިތުބާރު ހީނަރުވެފައިވެއެވެ. ޒާރާ ބުނާހެން އޭނަ މަންހާ ވަރިކޮއްފިއްޔާ ދެންވާނީ ކިހިނެއްޔެވެ. އެނބުރި ދާންޖެހޭނީ މިދުވަސް އަންނާނެ ކަން ޔަގީންކޮއްދިން މަންމަގެ ގާތަށް ހެއްޔެވެ. އުމުރުގައި ވެވުނު ހަމައެކަނި ލޯބީގެ ނިޝާން ކަމުގައިވާ ނެހާވެސް އޭނަގެ އަތުން ބީވެދާނެބާއެވެ. ޔަގީނުންވެސް އެދުވަހަކުން މަންހާގެ އާއިލާވެސް ތިބޭނީ ވަސީމާ އާއިއެއްކޮޅަށް ކަމުގައި މަންހާއަށް ވިސްނުނެވެ. ވަސީމާ ދާއިން އާއި މަންހާ ގުޅިގެން ލިބުނު ދަރިއެއް ބޭނުމެއްނުވާނެއެވެ. އޭރުން ޒާރާ ބުނިހެން ދާއިންއަށް ދަރިފުޅު ހޯދަންވެސް ފަސޭހަވާނެއެވެ. އެނދުގައި އޮތް މަންހާއަށް ފުއްމައިގެން ތެދުވެވުނެވެ. އަދި ދުވައްގަނެވުނީ އެކޮޓަރިތެރެއިން ވަދެވެން ހުރި ކުޑަކޮޓަރި އާއި ދިމާލަށެވެ. ކުޑައެނދުގައި ނިދިފައި އޮތް ނެހާގެ ގާތަށެވެ. މަންހާއަށް ކުޑަދަރިފުޅު ނަގާ މޭގައި ބޮނޑިކޮއްލެވުނެވެ. އަދި އެ ތުއްތު މޫނުގައި ބޮސްދޭންފެށިއެވެ. މަންހާގެ ލޮލުން ވެއްޓުނު ކަރުނަތިކި ޖެހުނީ ގަދަނިންޖަކުން ނިދިފައި އޮތް ނެހާގެ ނިތްކުރީގައެވެ. އެހިނދު ނެހާ ހޭލަން އުޅޭފަދަ ގޮތަކަށް ކުކުރާލިއެވެ. ނަމަވެސް މަންހާގެ އެއްވެސް ފަރުވާލެއް އެކަމަށް ނެތެވެ. ދަރިފުޅު އުރާލައިގެން އައިސް އޭނަ ނިދާ ބޮޑު އެނދުގެ ހުރަހަށް ކަހަލަ ގޮތަކަށް ދަރިފުޅު ބޭއްވިއެވެ.

"ދަރިފުޅު ތީ މަންމަގެ ކުއްޖެއް، ތީ މަންމަގެ ކުއްޖެއް، އެކަކަށްވެސް ނުކެރޭނެ މަންމަ އާއި ދަރިފުޅު ދުރުކޮއްލާކަށް.........ދަރިފުޅުގެ ބައްޕައަކަށްވެސް ނުކެރޭނެ، މަންމަ ދަރިފުޅެއް ނުދޭނަން އެކަކަށްވެސް" މަންހާ އެނދުގައި ދަރިފުޅުގެ ގާތުގައި އޮށޯވެ އޮވެ ބުނަމުންދިޔައެވެ. އަދި ގަޔާ ދަރިފުޅު ގާތްކޮއްލިއެވެ.

ފޯނުން ވާހަކަދައްކަން ޝަރަފް އެނދުގައި އޮތެވެ. ފޯނުގެ އަނެއްކޮޅުގައިވަނީ އޭނަގެ ލޯބިވެރިޔާ ޖެނީއެވެ. ދޭތެރެއަކުން ޖެނީގެ ލޯބިވެތި ހީލުމުގެ އަޑު ޝަރަފްއަށް އިވޭނެއެވެ. ނޫނީ ޝަރަފްގެ ފިރިހެންވަންތައް ލުއިލުއި ހީލުމަކާއިއެކު ޖެނީ އާއި ސަމާސާކޮއްލާނެއެވެ.

"ދެން ބުނެބަލަ، އަދިވެސް ނުވޭތަ އަހަރެންނާ އިންނާކަށް، މިހާރު ކިތަށްފަހަރު އަހަންނާ އިންނާނަންތޯވެސް އެހިއްޖެ، ޖެނީ ފަހުން ޖަވާބެއްދޭނަމޭ ތިބުނަނީ އަނެއްކާ އަހަންނާ އިންނަ ކަހަލަ ހިޔާލެއް ނުކުރަނީތަ؟ އާމުކޮށް މިކަހަލަ ކަންތައްތަކާ ކަންބޮޑުވާނީ އަންހެން ކުދިން، އެކަމަކު ހާލަތު ބަދަލުވެއްޖެ، މިގުޅުމުގަ އަހަންނަށް ވިއްޔާ ކަންބޮޑުވާން މިޖެހެނީ" ޝަރަފް ބުނެލިއެވެ.

"ހެ ހެ ހެ ހެ........އާއެކޭ ނުބުނާކަށް ނޫޅެމޭ، އަދިވެސް އަހަރެން ބިރުގަންނަނީ، މަންމަމެންނާ ވަސިންތަ ބުނާނެ އެއްޗެއް ނޭގޭތީ" ޖެނީ ބުނެލިއެވެ.

"މިހާރު އޭގެފަހުން ކިހާ ދުވަހެއްވެއްޖެ، އަހަރުމެން ދެއާއިލާގެވެސް ގުޅުން ބަދަހިވެދާނެ އަހަރުމެންގެ ކައިވެނީގެ ވާހަކަ އަޑުއިވުނީމަ، އަހަރެން ބައްޕަ ގާތު ބުނެފާނަމޭ، އޭގެ ފަހުގަ ޖެނީގެ ބައްޕަގެ ގާތަށް އަހަރެން ދާނަން" ޝަރަފް ބުނެލިއެވެ.

"އެކަމަކު އޭރުން......" ޖެނީ ބުނަން އުޅުނު އެއްޗެއް މެދުކަނޑާލީ ޝަރަފް ވާހަކަދައްކަން ފެށުމުންނެވެ.

"ޕްލީޒް........ޖެނީ ނުވޭތަ ކައިވެނި ކުރާހިތެއް، އަހަރެން މިހާރު ބޭނުންވަނީ ޖެނީ އަހަރެންގެ އަންބެއްގެ ގޮތުގައި ހުންނަން، ޕްލީޒް......މިއަހަރު ނިމުމުގެ ކުރިން އަހަންނާ އިންނަން އެއްބަސްވެބަލަ" ޝަރަފް އާދޭހުގެ ރާގެއްގައި ބުނެލިއެވެ. އެރޭގެ ލޯބީގެ ފޯންކޯލް ނިމިގެން ދިޔައީ ޖެނީ ޝަރަފް އާއި އިންނަން އެއްބަސްވުމަށްފަހުއެވެ. ޝަރަފް އޭނަ ރާވާފައިވާ ގޮތް ޖެނީއަށް ކިޔާދިނެވެ.

އޭގެފަހުން ހަފްތާއެއް ވޭތުވެ ހިނގައްޖެއެވެ. ދިރިއުޅުމަށް ވެރިވެފައިވާ އަނދިރިގަނޑު އެއްދުވަހަށްވުރެ އަނެއްދުވަހު ފެތުރެމުންދާލެއް އަވަހެވެ. ދާއިން ބޭނުންވިޔަސް ޒާރާ ފުރުޞަތުނުދެނީއެވެ. މަންހާގެ ކުރިމަތީގައި ހަމައެކަނި އޮތް ހައްލަކީ ވަރިކަމުގައި ޒާރާ ބުނަމުންދިޔައެވެ. އެލަފްޒު މަންހާ އާއި ދިމާލަށް ބޭރުނުކުރާ ދުވަހެއް ޒާރާ ނުދެއެވެ. މަންހާގެ ދިރިއުޅުމުގެ ސަބަބުން އޭނަ އަށް އަންނަ ބަދަލުތައް ދެނެގަތް މީހަކަށްވީ ވިޝާލްއެވެ. ކަމެއްގޯސްވެއްޖެކަން އޭނައަށް ޔަގީންވިއެވެ. މަންހާއަށް އައި އާދަޔާ ހިލާފު މަޑުމައިތިރި ކަމާއި އޭނަގެ ކުރިމަތީގައިވެސް ބަސްމަދުވެފައި ގަބުވެފައި ހުރުން އާދަވެފައިވެއެވެ. ވިޝާލް ސުވާލުކުރިއެވެ. ވަރަށް ގިނަ ފަހަރު އެކިގޮތްގޮތަށެވެ. އެންމެ ފަހުން ދާއިން އާއި ސުވާލުކުރާނަން ކަމުގައި ބުނުމާއިއެކު މަންހާ ފެށީ ރޯށެވެ. އެހިސާބުން އޭނަގެ ޔަގީންކަން އިތުރުވެގެންދިޔައެވެ. ވިޝާލް ބޭނުންވީ ވަގުތުން ދާއިން އާއި ވާހަކަދައްކާށެވެ. ދެއަންބިން ގޮވައިގެން އުޅޭއިރު ހަމަހަމައަށް ކަންތައް ނުކުރެވެންވީ ކީއްވެތޯ ސުވާލުކުރަން އޭނަ ބޭނުންވިއެވެ. ނަމަވެސް ހުރިހާ ކަމަކަށް ހުރަސް އެޅީ މަންހާގެ އާދޭހެވެ. މަންހާ ރޯތަން ފެނުމުން އެހިތުގައި އަޅާވޭނެވެ. އޭނަގެ ފުރުން އެހާ ގާތްވެފައިވަނިކޮށް މަންހާ ހުރީ އުފަލުން ނޫންކަން އެނގުމާއިއެކު އޭނަ ބޭނުންވީ ފުރުންވެސް ކެންސަލް ކޮއްލާށެވެ. އޮފީހުގައި އުޅޭ އެހެން މުވައްޒަފަކަށް އެޗާންސް ދިނުމަށްފަހު އޭނަ މާލޭގައި މަޑުކުރުމަށެވެ. މަންހާ ވިޝާލްގެ ދެފައިގައި ހިފާ އާދޭސްކުރި ކުރުން އޭނަގެ ދޫ ހިމޭންކުރުވިއެވެ. އަނެއްކޮޅުން ހުރިހާ ނުބައެއް ހަދަނީ ޒާރާކަންވެސް އޭނައަށް އެނގުނީ މަންހާގެ އެއްވެސް އިޝާރާތަކާއި ނުލައެވެ. އެދުވަހު ވިޝާލް މަންހާގެ އެޕާޓްމެންޓަށް ވަތްކަން ލޭހޫނުވެފައި ހުރި ޒާރާއަށް ނޭގުނީއެވެ. މަންހާގެ ކޮޓަރި ތެރޭގައި ހުރެ މަންހާއަށް އެއްޗެހި ކިޔަމުން ދަނިކޮށް ވިޝާލް ގޮސް އެކޮޓަރިއަށްވަނީއެވެ. މަންހާ އަވަސް އަވަހަށް ވިޝާލްއޭ ބުނެލިއަޑަށް ޒާރާއަށްވެސް ވިޝާލް ފެނުނެވެ. އޭނަ ވިޝާލްއަށް ފާޑަކަށް ބަލާލާފައި އަވަސް އަވަހަށް އެކޮޓަރިން ނުކުމެގެން ދިޔައީއެވެ. ވިޝާލް ވަގުތުން ހުރިހާ ކަމެއް ދާއިންއަށް އަންގަން ބުންޏެވެ. އެހެންނަމަވެސް ދެންވެސް މަންހާ ފަސްޖެހުނީއެވެ. އޭނަގެ ކެތްތެރިކަން އަދިވެސް ކޮޅުން ނުލާބާއޭ އެދުވަހު ވިޝާލް ހިތައްއެރިއެވެ. އެހެނީ އެދުވަހު ޒާރާ އެއީ އޭނަގެ އަންބެއްނަމަ ވަރިކޮއްފައި ގެއަށް ފޮނުވާލެވޭނެކަން އޭނައަށް އެނގޭތީއެވެ.

"މިހުރިހާ ކަމެއް މިހެން ވާއިރުވެސް ދާއިންއަށް ނޭގެއޭ ބުނީމަ އަހަރެން ގަބޫލެއް ނުކުރާނަން، ދަރިފުޅު ގޮވައިގެން ހިނގާ ގެއަށްދާން، މިތާކު ތިހެން ހުންނާނެ ކަމެއްނެއް، އަމިއްލަ ގެޔަށް ނުވެއްދިއްޔާ އަހަރެންގެ ގެއަށް ޔަގީނުންވެސް މަންހާއަށް ވަދެވޭނެ، މީދެން ބޮޑުވަރުދޯ، މީހެއްގެ އަޅެއްތަ މަންހާ ތީ، އަޅަކާދިމާލަށްވެސް އެވަރަށް އެއްޗެހި ނުކިޔާނެ، މަންހާ އާއި އިންނާނެ މީހުން ނުވާނެކަމައްތަ އޭނަ ހީކުރަނީ" ރުޅި އައިސް ރަތްވެފައިހުރި ވިޝާލްގެ އަޑު އެޕާޓްމެންޓުން ނުކުމެ ނުކުމެ ހުރި ޒާރާއަށް ސާފުކޮއްއިވުނެވެ. ވިޝާލް ވާހަކަދެއްކީ އެހާވެސް ބާރަށެވެ. އެދުވަހުވެސް އެކަންވެ ނިމުނީއެވެ. އެއްވެސް ކަހަލަގެ އެދެވޭ ބަދަލެއް ނައެވެ. މަންހާ އެއްވެސް އެއްޗެއް ބުނަން ބޭނުންނުވާތީ ވިޝާލްއަށްވެސް މަންހާ ދިފާއުކޮއްދިނުމުގެ ގޮތުން ކަމެއްނުކުރެވުނެވެ. އެހާދިސާ ހިނގިތާ ދެދުވަސްފަހެވެ. ޒާރާގެ އުނދަގޫ ކުރިއަށްވުރެވެސް ބޮޑުވެގެންދިޔައެވެ.

"ދާން، ވާހަކައެއް ބުނަންތަ، ރުޅި ނާންނައްޗޭ" ޒާރާ ނިދަންއޮވެ ދާއިންގެ މޭގާ ފިރުމަމުން ބުނެލިއެވެ.

"ރުޅިއަންނަ ކަހަލަ ވާހަކައެއް ބުނަންތަ ތިއުޅެނީ" ހިނިއައިސްފައި ދާއިން ބުނެލިއެވެ.

"އުހޫން، އެހެންނެއްނޫނޭ، ދެން މަންހާ އަކީވެސް ދާންގެ ވައިފްއެއް ވީމާ، އެކަކުވެސް އެމީހެއްގެ ވައިފް އާއި ބެހޭގޮތުން އެހެންކަހަލަގެ ވާހަކައެއް އަޑުއަހާކަށް ބޭނުމެއްނުވާނެއެއްނު" ދުރުދުރުން ޒާރާ ވާހަކަދެއްކޭތޯ އުޅުނެވެ.

"އެހެންކަހަލަ އޭ ތިބުނަނީ..........ޒާރާ ބުނަން ތިއުޅެނީ ކީކޭތަ؟" މިހެން ބުނެ ދާއިން ޒާރާ އާއި ދިމާލަށް ބަލާލިއެވެ. ބުނަން އުޅޭ ވާހަކައަކަށް ޝައުގުވެރިކަން ހުރިކަން ދާއިންގެ ހަރަކާތުން އެނގުނެވެ.

"ވިޝާލް އެއަންނަނީނު، އޭނަ އެހާ ރަނގަޅު މީހެއްހެންނެއް ހިއެއްނުވޭ.........އޭނަ އުޅެނީ މަންހާ އާއިހެދި ކަންނޭގެ، މަންހާވެސް އޭނަ ފެނުނީމަ އެއޮއްއުޅޭގޮތެއް" ޒާރާ ބުނެލިއެވެ.

"ޒާރާ، ތިކަހަލަ ވާހަކަ ދައްކާކަށްނުވާނެ ހީވާ ހީވުމަކަށް، ޒާރާ އާއި ބެހޭގޮތުން މަންހާ ތިފަދަ ވާހަކައެއް އަހަރެން ކައިރީ ދައްކައިފިއްޔާ ކިހިނެއްވާނީ، އެހެންނޫނަސް އަހަރެން މަންހާއަށް ވަރަށް އިތުބާރުކުރަން، ވިޝާލްއަކީ އޭނަގެ ރަނގަޅު ގާތް ރަޙުމަތްތެރިއެއް، އެދެމީހުންގެ ފަރާތުން އަހަރެން ހިތްހަމަނުޖެހޭ އެއްވެސް ކަމެއް ނުދެކެން، ޒާރާ އަބަދު ކީއްވެތަ މަންހާ އާއި ވިޝާލް ގެ އެކިއެކި ވާހަކަތައް ދައްކަނީ، ޒާރާ ވިސްނާލަބަލަ، އަހަރެންވެސް ޒާރާ އާއި ވާހަކަތަކެއް ދައްކަން ބޭނުންވެފަ މިހުރީ، އަހަރެންގެ އަންބަކަށް މަންހާ ވާއިރު އަހަރެންގެ ފަރާތުން އޭނައަށްވެސް ހައްގުތަކެއްވާނެ، މިހާރު އަހަންނަށް ފާހަގަކުރެވޭ ޒާރާ އެކަމަށްވެސް ހުރަސް އަޅާކަން، ކިތަންމެ އިރަކު ޒާރާ ކައިރީ އުޅެފަ މަންހާ ދެކިލަން ދިޔަޔަސް ތިހުންނަނީ މޫނު ހަދާފަ، އެގޮތް އަހަންނަކަށް އެހާ ކަމަކު ނުދޭ" ދާއިން ކުޑަކޮށް ހިތްހަމަނުޖެހުނެވެ.

"އަހަރެން ކުރިންވެސް ބުނީމެއްނު ރުޅިނާއްނައްޗޭ، އެދެމީހުންގެ ގުޅުމެއް އޮވޭ، އަހަންނަށް ފެނިގެންނޭ މިބުނީ، އެދެމީހުން ކޮޓަރިތެރޭގައި ތިއްބާ ކިތައްދުވަހު އަހަންނަށް އެއެޕާޓްމެންޓަށް ވަދެވޭނީ، ވިޝާލް މަންހާއަށް ބަލާލާގޮތާ މަންހާ ވިޝާލްއަށް ބަލާލާގޮތް، އަހަންނަށް ފެނިގެން ކިތަށްފަހަރު ވިޝާލް އާއި މަންހާ ސިހިފައި ދެމީހުން ދުރަށް ދަނީ، ކިތަށް ދުވަހު އަހަރެން ފެނިގެން ވިޝާލް ނުކުމެގެން ދަނީ.........އޭރުވެސް އަހަރެން އެއްޗެއް ނުބުނެ ހުރީ ދާއިން ގަބޫލު ނުކުރާނެއޭ ހިތަށް އަރާފަ، މިހާރު މަވަރުގެ ނުބައިމީހެއްވެސް ނޯންނާނެ، ބަލަ ކޮންމެދުވަހަކު ވިޝާލް މަންހާގެ ކައިރިއަށް ކަމެއްނުވާނަމަ އަންނާނެތަ، ކުރާނެ ކަމެއްނެތި ހުސްވަގުތު ގިނަވެގެން މިޒަމާނުގަ މީހުން އުޅޭތަ، ދާއިންގެ ލޮލަށް ފެނުނީމަ ކަން އެނގޭ ގަބޫލު ކުރާނީ، އެކަންވެސް އަހަރެން ކޮއްފާނަން، ބަލަން ކެރޭނެތަ، ދާއިން ހީކުރާހާ ރަނގަޅު މާތް އަންހެން ކުއްޖެއްނޫނޭ މަންހާ އަކީ.............ދާއިން ދެރަވާނެތީ އެފަދަ މަންޒަރެއް ދައްކަން ބޭނުންނުވެފަ މިހުރީ، ކިތަށް ފަހަރު މިހާރު މަންހާ ކައިރީ ބުނެފިން އެވިޝާލް މިގެއަށް ނުވައްދާށޭ........އެހެންބުނީމަވެސް މަށާދިމާލަށް ހެއްދެވި ނެހެއްދެވިއަށް ގޮވާލާފަ އޭނަ ބޭނުންކަމެއް އެކުރަމުން ގެންދަނީ އެޕާޓްމެންޓު ތެރޭ، ކިހިނެއް އެނގެނީ ދަންވަރުވެސް ނުގެންނަ ކަމެއް އެ ވިޝާލް....." ޒާރާ ދާއިންއަށްވުރެ ބޮޑަށް ހިތްހަމަ ނުޖެހޭގޮތް ދައްކާލަމުން ތެދުވެ ދާއިންގެ ގާތުގައި އެނދުގައި ދެފައިވައްކޮއްލައިގެން އިށީނދެ އިނދެ ވާހަކަދެއްކިއެވެ.

(ނުނިމޭ)