ދުނިޔެ

އިރާންގެ ސަރުކާރު ބަދަލު ކުރާކަށް ނޫޅެން: ޓްރަމްޕް

އިރާނާ އެމެރިކާ ދެމެދު މިހާރު އުފެދިފައިވާ ނުތަނަވަސްކަން ހައްލު ކުރުމަށް އިރާންގެ ސަރުކާރު ބަދަލު ނުކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޔަމަނުގެ ކައިރިން ދަތުރު ކުރަމުންދިޔަ ތެޔޮ ޓޭންކަރަކަށް ހަމަލާދިން މައްސަލައިގައި ދެ ގައުމު ހަނގުރާމައަކާ ދިމާއަށް ދާން ތައްޔާރުވެފައިވާ ފަދަ މޭރުމަކުން ބަހުގެ ހަމާލަތަށް ބަދަލު ކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

ނަމަވެސް ޓްރަމްޕު މިހާރު ވިދާޅުވަނީ 2015 ވަނަ އަހަރު ހެދި ނިއްކްލިއާ އެއްބަސްވުމާއި ހިލާފަށް އިރާން އަމަލު ކުރަމުން ދާތީ އެކަން ހުއްޓުވުމުގެ މަސައްކަތް ކުރާ ކަމަށެވެ. އަދި މަސައްކަތުގެ ބޮޑު ބައެއް ކާމިޔާބު ވެފައިވާ ކަަމަށެވެ.

"އިރާންގެ ސަރުކާރު ބަދަލު ކުރާކަށް ނުވިސްނަން، މިދަނީ އެއްބަސްވުމާއި އެއްގޮތަަށް އިރާން އަމަލު ކުރުވުމަށް މަސައްކަތް ކުރަމުން، އެކަން މިދަނީ ކާމިޔާބު ވެސް ވަމުން،" ޓްރަމްޕު ވިދާޅުވި އެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ، އިރާނަކީ ނިއްކްލިއާއިން މުޅިން މިންޖުވެފައިވާ ގައުމަކަށް ހެދުމަކީ އެމެރިކާގެ ޒިންމާއެއް ކަމަށެވެ. އަދި އިރާނުން ބެލެސްޓިކް މިސައިލް ބޭނުން ކުރުން ވެސް މަނާ ކުރާނެ ކަމަށެވެ. އެކަންތައް ކުރާނީ މިހާރު އަޅައިފައިވާ އިގްތިސޯދީ ދަތިތައް އިތުރަށް ފުޅާ ކޮށްގެން ކަމަށް ވެސް ޓްރަމްޕު ވިދާޅުވި އެވެ.

މިއަށް ރައްދު ދެއްވާ އދ. ގައި ހުންނަވާ އިރާންގެ ރެޕްރެޒެންޓިވް ވިދާޅުވީ، އިރާންގެ އަސްކަރީ ހަތިޔާރުތައް ބޭނުން ކުރާނެ ގޮތް އެހެން ގައުމުތަކަށް ނޭނގޭނެ ކަމަށެވެ. އަދި އެމެރިކާއަކީ 2018 ވަނަ އަހަރު ނިއުކްލިއާ އެއްބަސްވުމުން ވަކިވެފައިވާ ގައުމަކަށް ވުމުނ ނިއްކިލިއާގެ ވާހަކަތަށް އެމެރިކާއަށް ނުވެސް ދެއްކޭނެ ކަމަށެވެ.