ނޭމާ

ޓީމު ދޫކޮށްލަން ނޭމާ ބޭނުންކަން މާކުރިން އެނގޭ: ޓޫހުލް

ޕީއެސްޖީ ދޫކޮށްލަން، އެ ޓީމުގެ ފޯވަޑް ނޭމާ ޖޫނިއާ ބޭނުންވާ ކަން، މާ ކުރިން ވެސް އޮތީ އެނފިފައި ކަމަށް ޕީއެސްޖީގެ ކޯޗް ތޯމަސް ޓޫހުލް ބުނެފި އެވެ.

ޕީއެސްޖީގެ ޖަރުމަންގެ ކޯޗް ބުނީ ކޮޕާ އެމެރިކާ ފެށުމުގެ ކުރިން ވެސް ނޭމާ ކުލަބު ދޫކޮށްލަން ބޭނުންވާކަން އެނގިފައިވާ ކަމަށެވެ. ކުލަބު ބަދަލު ކުރަން ނޭމާ މަސައްކަތް ކުރާ ކަމުގެ އަޑުތައް ފެތުރިގެން ދިޔައީ ކޮޕާ އެމެރިކާގެ މެދުތެރެއިންނެވެ.

ޕީއެސްޖީގެ ރައީސް ނަސީރު އަލް ޚަލަފީ ވަނީ، ކޮޕާ އެމެރިކާ ކުރިއަށް ދިޔަ ދުވަސްވަރު ނޭމާއަށް ނުސީދާކޮށް ފާޑު ކިޔުން އަމާޒުކޮށްފަ އެވެ. ވަކި ކުޅުންތެރިޔެއްގެ ނަން ހާމަނުކޮށް އޭނާ ވިދާޅުވީ ކުލަބުގެ ހަމަތަކަށް އިހުތިރާމް ނުކުރާ ކުޅުންތެރިޔަކު ހުރި ނަމަ ޓީމު ދޫކޮށްލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ޓޫހްލް ބުނީ، ނޭމާ އާއެކުގައި މަސައްކަތް ކުރަން ވެސް ތައްޔާރު ކަމަށާއި ނަމަވެސް ނޭމާ ކުލަބު ދޫކޮށްލަން ބޭނުންވާ މައްސަލައަކީ އޭނާ އާއި ކުލަބުގެ މެނޭޖުމެންޓާ އޮތް ކަމެއް ކަމަށެވެ.

"އަހަރެމެންނަށް ވަރަށް ސާފު، މިހާރު އެކަން އޮންނާނީ ކުލަބާ ނޭމާ އާ ދެމެދު،" ޓޫހްލް ވާހަކަ ދެއްކި އެވެ. "އަހަރެމެން މަސައްކަތް ކުރަނީ އެކުގައި، އެއީ ނޭމާ އާއި ކުލަބުގެ މެނޭޖުމެންޓާ ދެމެދު އޮތް ކަމެއް."

މި މަހު ފެށި، ޕީއެސްޖީގެ ޕްރީ ސީޒަންގައި ފުރަތަމަ ހާޒިރުވާން އޮތް ދުވަހު، ނޭމާ ހާޒިރު ނުވުމުން، ޕީއެސްޖީން ވަނީ އޭނާ އާ ދެކޮޅަށް ފިޔަވަޅު އަޅާފަ އެވެ. ނޭމޭ ގެންދިއުމަށް މަސައްކަތް ކުރަނީ، އޭނާގެ ކުރީގެ ކުލަބު ބާސެލޯނާއިންނެވެ.