ރިޕޯޓް

ގުޅިފަޅު ފްލެޓް: އާ ހުވަފެނަކާއެކު 10 އަހަރުގެ ބަދަލު އޮބެނީ؟

މި ސަރުކާރުން އަލަށް އަޅާނެ ފްލެޓުތަކުން އެންމެ ފުރަތަމަ ފްލެޓު ދޭނީ ގުޅީފަޅުން ފްލެޓު ގަނެ ބޯހިޔާވެހިކަން ނުލިބުނު ފަރާތްތަކަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމުން އެ ކަމުގައި ގަނަތެޅޭތާ 10 އަހަރުވެފައިވާ އެންމެނަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ.

ފްލެޓު ލިބޭނެ ކަމުގެ އާ ހުވަފެނަކަށް ވުރެ އެ މީހުން ހައިރާންވީ، އެގޮތަށް ނިންމާފައި ވަނީ ގުޅީފަޅުން ފްލެޓްގަންނަން ފައިސާ ދެއްކި މީހުންނާ މަޝްވަރާ ކުރެވި އެއްބަސްވެގެން ކަމަށް ރައީސް އޮފީހުގައި މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވުމުންނެވެ. ބަދަލު ދިނުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވީ "މިހާރު ނިންމާފައިވާ ގޮތަކީ އެ ފަރާތްތަކާއެކު މަޝްވަރާ ކުރެވި އެއްބަސްވެފައިވާ ގޮތް ކަމަށެވެ."

އެއާއެކު ގުޅިފަޅު ފްލެޓުވެރިން ހަދާފައިވާ ވައިބާ ގްރޫޕުގެ ތެރޭގައި އެންމެން އަވަސް ވެގަތީ ރައީސް އެ ވިދާޅުވި ވާހަކަފުޅުގެ ހަގީގަތް ހޯދާށެވެ. އެކަމަކު އެކަން ދެނަހުރި މީހަކު ނެތެވެ.

"އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކާ މީން ދުވަހަކު ނެތް ސަރުކާރުގެ އެއްވެސް ބޭފުޅަކާ ބައްދަލުވެފައެއް. ދެން ނޭނގެ ކޮން ބަޔަކާ މަޝްވަރާ ކޮށްގެން ކަމެއް އެ ގޮތަށް ނިންމައިގެން އެކަން ރައީސް އެ އިއުލާނު ކުރެއްވީއަކީ!" ގުޅިފަޅުން ފްލެޓު ލިބުނު މީހަކު އަވަސް އަށް ބުންޏެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިންޑިއާގެ ޖީޑީޕީ ކުންފުންޏާ ހަވާލު ކޮށްގެން ގުޅީފަޅުގައި ހެދި 184 ފްލެޓު ގަތުމަށް 158 އާއިލާއަކުން ފައިސާ ދެއްކި އެވެ. ދިރިއުޅެވޭނެ ކަމުގެ އުންމީދުގައި ބައެއް މީހުން ވަނީ ދެ ފްލެޓަށްވާ ވަރަށް ވެސް ފައިސާ ދައްކާ ހަލާސް ކޮށްފަ އެވެ.

ބައެއް އާއިލާތަކުން 200،000 ރުފިޔާ އާއި 300،000 ރުފިޔާއަށް ވުރެ ވެސް ގިނައިން ފައިސާ ދެއްކި އެވެ. އެމީހުން ދެއްކި ފައިސާގެ ޖުމްލަ އަދަދު 37 މިލިއަނަށްވުރެ ގިނަ އެވެ. ނަމަވެސް ފަހު ވަގުތު އެއިން މީހަކު އެއްކޮޅެއްގައި ވެސް ލައްވައެއް ނުލި އެވެ. ރަށުގައި ހުރި ތަންކޮޅު ދޫކޮށްލި އެތައް އާއިލާއެއް ނިކަމެތި ހާލުގައި ކުދި ކުދި ގޮޅިތަކުގައި އުޅެނީ ހިތްދަތި ދިރިއުޅުމެކެވެ.

މިއީ ހަމަ ވަރަށް ބޮޑު ބޭ އިންސާފެއް. ސަރުކާރުތަކުގެ ވަރަށް ބޮޑު އިހުމާލެއް މިކަމުގައި އެބައޮތް. އެތަނަށް ވަދެވެނީއެއް ނޫން. އެތަނަށް ދެއްކި ފައިސާ ލިބުނީއެއް ނޫން. އެހެންތަނެއް ދިނިއްޔެއް ނޫން. އެތަން ކުއްޔަށް ވެސް ދެވުނީއެއް ނޫން
ގުޅިފަޅުން ފްލެޓްގަތް މީހެއް

އެކި ސަރުކާރުތަކުގައި ކަމާބެހޭ ހުރިހާ އިދާރާތަކަށް މަތި މައްޗަށް ސިޓީލެވުނު ސީދާ އަދަދެއް ވެސް އެމީހުންނަކަށް މިހާރު ނޭނގެ އެވެ. އެހެން ތިއްބާ، ރައީސް ސޯލިހު އެ ވިދާޅުވި ވާހަކަފުޅާއެކު ކުރަންޖެހޭނީ އުފާކަމަށް ބުނެވިދާނެ އެވެ.

ނަމަވެސް، އެފަދަ "ހުވަފެނަކީ" އެމީހުންނަށް އާ ކަމެއް ނޫނެވެ. ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި، އެކި ފަހަރު މަތިން އެކި ބޭފުޅުން ހަމަ އެ ލަވަ ވަނީ ކިޔައިދީފަ އެވެ. ނަމަވެސް، މަދު މީހަކަށް ފިޔަވައި، 142 މީހަކަށް ހައްގުވާ ފްލެޓު އޮތީ ހަމައެކަނި ކަރުދާހުގަ އެވެ.

ދެން އަނެއްކާވެސް، ވުޖޫދުގައި ނުވެސް ނެތް، ފަށާނެ ދުވަހެއް ވެސް ނޭނގޭ މަޝްރޫއުއަކުން ފެލްޓު ދޭނެ ކަމުގެ ވާހަކަ ގަބޫލު ކުރަން ދަތިވަނީ އެހެންވީމަ އެވެ.

އޭގެ ތެރެއިން އެކަކު އަވަސް އަށް ކިޔައިދިން ގޮތުގައި، އެތަނުން 112 މީހެއްގެ ސޮޔާއެކު ޕެޓީޝަނެއް ހުށަހެޅުމުން ގެދޮވެރިކަމުގެ މައްސަލަތަކާ ގުޅިގެން ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނުން ބައްދަލު ކުރި އެވެ. އަދި އެދުވަހު މައުލޫމާތު ސާފުކޮށް ގުޅިފަޅު މައްސަލާގައި ވަކި ގޮތެއް ނިންމާނީ އެމީހުންނާ މަޝްވަރާ ކުރުމަށްފަހު ކަމަށް ކޮމިޝަނުން ބުންޏެވެ.

ނަމަވެސް، ރައީސްގެ ނޫސްވެރިންގެ ބައްދަލުވުމުގެ ކުރިން، އެކަމާ ގުޅޭ އެއްވެސް ވާހަކައެއް އެތަނުން އެއްވެސް މީހަކާ ސަރުކާރަކުން ވެސް ނޫނީ ކޮމިޝަނަކުން ވެސް އަންގާފައެއް ނުވެއެވެ.

"މަޝްވަރާކޮށްފައޭ ރައީސް އެ ވިދާޅުވަނީ. އަޅުގަނޑުމެން މި ބުނަނީ މަޝްވަރާއެއް ނުކުރެއޭ. ކާކާހޭ މަޝްވަރާކުރީ. އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކާ ނެތް ސަރުކާރުން އެއްވެސް މަޝްވަރާއެއްކޮށްފައެއް. އަނެއްކާ އެގޮތަށް ނިންމައިފިއްޔާ އަޅުގަނޑުމެންނަށް ފްލެޓްދޭނެ ކަމުގެ ކޮންމެވެސް ލިޔުމެއް ވެސް ދޭންވާނެތާ،" އޭނާ ބުންޏެވެ.

ހަގީގަތުގައި އެއީ އެމީހުންގެ މައިގަނޑު ކަންބޮޑުވުމެވެ. ރައީސް އެ ދުވަހު ކުރެއްވި އިއުލާނަކީ ރިޔާސީ ކެމްޕެއިން ތެރޭގައި ގުޅިފަޅުން ފެލްޓްގަތް މީހުންނަށް ވެވަޑައިގެންނެވި ވައުދުތަކާ ވެސް ހިލާފުކަމެއް ކަމަށް އެމީހުން ގަބޫލުކުރެ އެވެ. ބަދަލެއްގެ ވާހަކަ މިހާރު ނުދައްކަވާ ހައްގުވާ މިންވަރަކީ ހަމައެކަނި ފްލެޓެކޭ ބުނުމަކުން ނުފުދެ އެވެ.

ހުޅުމާލޭން ބިމެއްގެ ވާހަކައަކީ ވެސް ރައީސްގެ ކެމްޕެއިން ޓީމުން އެމީހުންނަށް ދެއްކި ފޮނި ހުވަފެނެކެވެ. ކުރީގެ ސަރުކާރުން 400 ރުފިޔާ އަކަ ފޫޓެއްގެ މަގުން ހުޅުމާލޭން ވިއްކަން ހުޅުވާލި ބިންތަކުގެ އަގު އެއީ މިންގަނޑަކަށް ބަލައިގެން، ބިން ދިނުމުން، ސަރުކާރުން އެމީހުންނަށް ފައިސާ ދޭންޖެހޭނެ ވާހަކައަކީ ވެސް އެ ދުވަހުގެ ކެމްޕެއިން ޓީމުގައި ހިމެނުނު މިހާރު މިނިސްޓަރުންގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ދެއްވި އިޝާރާތެކެވެ.

"އަޅުގަނޑުމެން އެއްވެސް ތަނެއްގައި ބިމެއްގެ ވާހަކައެއް ނުވެސް ދައްކަން. ހައްގު ބަދަލަކަށް ވާނީ މިހާރު ފްލެޓެއް ނޫނޭ ކަލޭމެންނަށް ލިބެންޖެހޭނީ ބިމެކޭ. އެއީ ރިޔާސީ ކެމްޕޭނު ތެރޭގައި އެމްޑީޕީ ޕޮލިސީ ކޮމިޓީން ބުނި ވާހަކައެއް،" ގުޅިފަޅުން ފްލެޓްގަތް އެހެން މީހަކު އަވަސް އަށް ކިޔައިދިނެވެ. އެ މީހާ ބުނިގޮތުގައި އޭރުގެ ސަރުކާރުން ފްލެޓްދޭން ބުންޏަސް ގަބޫލު ކޮށްގެން ނުވާނެކަމާއި، އެއީ ހައްގު މިންވަރު ނޫން ކަމަށް އެ ދުވަހު އެމީހުންނަށް ވިސްނައިދިނީ މިހާރު ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންތަކެކެވެ.

އެކަމަކު އެއީ އޭރުގެ ވާހަކަ އެކެވެ. އަބަދުވެސް ކަން ހިނގަނީ އެ އުސޫލުން ކަމަށް އެމީހުން ބުނެ އެވެ. ވައުދުތައް ވަނީ ކެމްޕެއިންގެ ތެރެއިން އިންތިހާބެއް ބޯމަތިވީމަ އެވެ. މިކަމުގައި ގޮތްހުސްވެފައިތިބި 142 މީހުންގެ އާއިލާތަކަކީ ލައްކަ ގިނަ ވޯޓު ވީމާ އެވެ. ރިޔާސީ އިންތިހާބުގެ އިތުރުން މަޖިލީސް އިންތިހާބު ކާމިޔާބުކުރަން އެމީހުން ލައްވާ މަސައްކަތްކުރުވީ އެވެ. ނަމަވެސް އިންތިހާބުވުމަށްފަހު ހަމަ އެއް ހާލެކެވެ. މިހާރު އިސް ބޭފުޅެއްގެ ފައިޕުޅު ފެންނަ ގޮތަށްނުވެ އެވެ. ރައީސްގެ އެޕޮއިންޓްމަންޓަކަށް އެދިގެން ސިޓީލަމުންދުވާތާ އެ މަނިކުފާނުގެ ސަރުކާރަށް ވީހާ ދުވަހެއް ވަނީ އެވެ.

ފްލެޓެއް ވެސް އާމްދަނީއެއް ވެސް ނުލިބޭ

ގުޅިފަޅުގައި ފްލެޓުތައް އަޅާ ނިމިގެން ހެދި ތަންތަން ލޮލަށް ފެންނަން ހުރެމެ އެތަނަށް ނުވަދެވި ގަނަތެޅެންޖެހުމަކީ އެ މީހުން އެންމެ ހިތްދަތިވާންޖެހޭ އެންމެ ބޮޑު ސަބަބެވެ. އެ ފްލެޓުތަކަކީ އެމީހުންގެ ފައިސާ އިން އަޅާފައިވާ ތަންތަނެވެ. އެ މަޝްރޫއު ހިންގި ކުންފުނިން ލޯ ލާރިއެއް ވެސް ހަރަދުކޮށްގެނެއް ނޫނެވެ. މިހާރު ސަރުކާރުން އެތަންތަން ހުރީ ކުއްޔަށްވެސް ދީފަ އެވެ. އެކަމަކު އެތަނުން ލިބޭ ކުލި ވެސް ނަގަނީ ދައުލަތުންނެވެ. އާންމުންގެ ތެރެއިން ބަޔެއްގެ ފައިސާއިން އަޅާފައިވާ ތަން އެމީހުންނަށް "ދިރިއުޅެން އެކަށީގެންނުވި" ތާނގާ އެތަނުން ސަރުކާރުން ހޯދަމުންދާ އާމްދަނީން ވެސް ވަނީ މަހުރޫމުކޮށްފަ އެވެ.

"މިއީ ހަމަ ވަރަށް ބޮޑު ބޭ އިންސާފެއް. ސަރުކާރުތަކުގެ ވަރަށް ބޮޑު އިހުމާލެއް މިކަމުގައި އެބައޮތް. އެތަނަށް ވަދެވީނީއެއް ނޫން. އެތަނަށް ދެއްކި ފައިސާ ލިބުނީއެއް ނޫން. އެހެންތަނެއް ދިނިއްޔެއް ނޫން. އެތަން ކުއްޔަށްވެސް ދެވުނީއެއް ނޫން،" އެމީހާ ވަރަށް އަސަރާއެކު ޝުއޫރުތައް ބަންޑުންކޮށްލި އެވެ.

ގުޅިފަޅު އޮއްވާ ސީލައިފަށް ބަދަލު؟

އެ މާޔޫސްކަންމަތީ ސަރުކާރުގެ އިސް ބޭފުޅަކާ ބައްދަލުވޭތޯ އާދޭސް ކުރަމުން ދުވަނިކޮށް، ދެން އެމީހުންނަށް އަޑުއިވިގެން ދިޔައީ ސީލައިފް ފްލެޓުތައްގަތް މީހުންނަށް ބަދަލުދޭން ސަރުކާރުން ނިންމި ހަބަރެވެ. އެމީހުންނެކޭ އެއް ފަދައިން ސީލައިފުން ފްލެޓުގަތް މީހުންނަށް ވެސް ކޮޅު ކެހި ލިބިފައިވިޔަސް، ގުޅިފަޅު މީހުންނަށް ގޮތެއް ހޯދައިނުދީ ސީލައިފް މައްސަލައަށް އެހާ އަވަސް ހައްލެއް ލިބިގެން ދިޔުމަކީ ވަރަށް ބޮޑު ބޭއިންސާފެކެވެ. ގުޅިފަޅު މަޝްރޫއުއާ ހިލާފަށް ސީލައިފް މައްސަލައަކީ ސަރުކާރުން ސީދާ ހުއްޓުވި މަޝްރޫއުއެއް ނޫންކަމަށް އެމީހުން ދެކެ އެވެ.

"ސީލައިފަށް ވެސް ބަޔަކު ފައިސާ ދެއްކިކަން އަޅުގަނޑުމެން ގަބޫލުކުރަން. އެކަމަކު އެ ފައިސާއަށް ކުރި ކަމެއް ނޫނީ ހެދި ތަނެއްވެސް ނެތް. އަޅުގަނޑުމެން ދެއްކި ފައިސާއިން އެހެރީ ފްލެޓްތައް އަޅާ ނިމިފައި. އެއީ ސީދާ އަޅުގަނޑުމެންގެ ފައިސާ. އަނެއްކާ ގުޅިފަޅު ފްލެޓުތަކަކީ ސަރުކާރުން ހުއްޓުވިކަމެއް. އެކަމަކު ސީލައިފް ކަންތައް އެހާ އަވަހަށް އެ ހައްލުކޮށްދިނީ،" އެކަކު ބުންޏެވެ.

ގުޅިފަޅު ފްލެޓް އަޅަން ދެއްކި ފައިސާގެ އަގު، "ހައްގުވާ" ބަދަލާއެކު މިހާރު ބިލިއަނެއްހާ ރުފިޔާއަށް އަރާނެ ކަމަށް އެއީ މި ސަރުކާރުގައި މިހާރު ތިއްބެވި ބޭފުޅުން ލަފާކުރި މިންވަރެވެ. އެއީ ފްލެޓުގަތް މީހުންގެ އަންދާޒާއެއް ނޫނެވެ. ކެމްޕެއިން ތެރޭގައި ފްލެޓަކަށް ވުރެ ބިމެކޭ ހައްގުވާނީ އަދި ސަރުކާރުން އިތުރަށް ފައިސާ އެމީހުންނަށް ދައްކަންޖެހޭނެއޭވެސް ވިދާޅުވީ ހަމަ އެ ބޭފުޅުންނެވެ.

މި ސަރުކާރުން ވެސް އެވަނީ 10 އަހަރު ދުވަހުގެ ގަނަތެޅުން މާ ދުރުގައި އޮތް މަޝްރޫއުއަކާ ގުޅުވައިފަ އެވެ.

"ރައީސް އެހެން ވިދާޅުވިޔަސް އަޅުގަނޑުމެންނަށް އެނގޭ އެ މަޝްރޫއު އަވަހަކަށް ނުފެށޭނެކަން. އަދި ފެށުނަސް ސަރުކާރުތަކުގެ ކަންކަން ހިނގާ އުސޫލު ވެސް އެނގޭ. ދެން އަންނަ އިންތިހާބަކަށް ޔަގީނުންވެސް އެތަނަކަށް ވަދެވޭ ވަރު ވާނީ. އެހެންވީމަ އެއީ އަނެއް ތިން ހަތަރު އަހަރު. އެހެންވީމަ ޖުމްލަ ގާތްގަނޑަކަށް 15 އަހަރުވާނެ ފައިސާ ދެއްކިފަހުން،" އެމީހާ ބުންޏެވެ.

ގުޅިފަޅުން ފްލެޓްގަތް މީހުންނަށް "ހައްގު ބަދަލު" ހޯދައިދެއްވާނެކަމީ ކެމްޕެއިން ތެރެއިންވިޔަސް ސީދާ ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދެކެވެ.

ކެމްޕެއިންގެ ތެރެއިން ފޮނި ހުވަފެން ދެއްކުމަށްފަހު، ދެން އެންމެ އަވަހަށް ހުޅުމާލޭގައި އަޅާ ފްލެޓުތަކުން ގުޅިފަޅު މީހުންނަށް ފްލެޓް ދެއްވާނެކަމަށް ރައީސް ވިދާޅުވުމުން، އެއީ އޭރު ރައީސް ވިދާޅުވި "ހައްގު ބަދަލު" ތޯ އެއީ ގުޅިފަޅު ފްލެޓުވެރިން ރައީސް ސޯލިހުއާ ކުރަން ބޭނުންވާ ސުވާލެވެ.