ކުޅިވަރު

އިންޑިއާ ލީގަށް ބަދަލު ގެންނާތީ މައްސަލަ މޯދީއާ ހަމައަށް

އިންޑިއާގެ އެއް ވަނަ ލީގްގެ ދަރަޖަ، އިންޑިއާގެ ސުޕަ ލީގަށް ދޭން އިންޑިއާގެ ފުޓްބޯޅަ ފެރޭޝަން އޭއައިއެފްއެފް އިން މަސައްކަތް ކުރާތީ އެކަން ހުއްޓުވަން ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަރިހުގައި އެދިވަޑައިގެންފި އެވެ.

އިންޑިއާގެ މިހާރުގެ އެއްވަނަ ލީގަކީ އައި ލީގެވެ. އައި ލީގްގެ ކުލަބުތަކުން ވަނީ، އޭއައިއެފްއެފުން ގެންނަން މަސައްކަތް ކުރާ ބަދަލަށް ދެކޮޅު ހަދަމުންނެވެ. އެ ކުލަބުތަކުން ބުނީ، އެބަދަލު ގެނެސްފިނަމަ އައި ލީގްގައި މިހާރު ވާދަ ކުރާ ގިނަ ކުލަބުތަކެއް ނެތި ދިއުމުގެ ބިރު އެބައޮތް ކަމަށެވެ.

މޯދީގެ އަރިހަށް މައްސަލަ ހުށަހެޅުއްވީ، އައި ލީގްގެ ކުލަބު ޗާޗިލް ބުރަދާސް، ނިސްބަތްވާ ގޯއާގެ ޗީފް މިނިސްޓަރު ޕްރަމޯދު ސާވަންތު އެވެ. މޯދީގެ ސަމާލު ކަމަށް މައްސަލަ ގެންދިއުމުގެ ގޮތުން އޭނާ ފޮނުވާފައިވާ ސިޓީފުޅުގައި ވިދާޅުވެފައި ވަނީ އައި ލީގަކީ، އިންޑިއާގެ އެއްވަނަ ލީގް ކަމަށް، އޭއެފްސީ އާއި ފީފާއިން ވެސް ބަލައިގެންފައިވާ ކަމަށާއި ސުޕަ ލީގް ބިނާވެފައި ވަނީ "ވިޔާފާރި ޕްރޮޑެކްޓެއް" ގެގޮތުގައި ކަމަށެވެ.

ޕްރަމޯދު ސާވަންތު، މޯދީގެ އަރިހުގައި އެދިވަޑައިގެން ފައި ވަނީ، އައި ލީގަށް މިހާރުވެސް ދީފައިވާ އެއް ވަނަ ލީގްގެ ދަރަޖަ އެގޮތުގައި ބޭއްވުމަށް ބާރުއަޅުއްވައި ދިނުމަށެވެ.

އިންޑިއަން ސުޕަ ލީގު ވާދަ ކުރާނަމަ ކުލަބު މާލީ ހާލަތު ވަކި ފެންވަރެއްގައި ހުންނަން ޖެހެ އެވެ. އައި ލީގްގެ ގިނަ ކުލަބުތަކަކީ މާލީ ގޮތުން މެދުފަންތީގެ ކުލަބުތަކެވެ.