ދުނިޔެ

ޔޫއޭއީގެ ތެޔޮ ޓޭންކަރެއް ގެއްލުވާލުމުގެ ތުހުމަތު އިރާނަށް

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ ތެޔޮ ޓޭންކަރެއް ދަތުރު ކުރަމުން ދަނިކޮށް ގެއްލުނު މައްސަލައިގެ ތުހުމަތު ޔުއޭއީން އިރާނަށް ކޮށްފި އެވެ.

އިރާނަށް އެ ތުހުމަތު ކުރަމުން ޔޫއޭއީން ބުނީ ތެޔޮ ޓޭންކަރު ދަތުރު ކުރަމުން ދިޔައީ ކަނޑުގެ މަގެއް ކަމަށްވާ ހޯމަޒް އިން އިރާނަށް ކަމަށެވެ. އަދި އިރާނުގެ އިގްތިސޯދީ ސަރަހައްދަށް ވަނުމާއެކު ރާޑަރުތަކަށް ޓޭންކަރު ތިން ދުވަސް ކުރިން ގެއްލިފައިވާ ކަމަށެވެ. ޓޭންކަރު ގެއްލުވާލި ކަމުގެ ތުހުމަތު ޔޫއޭއީން އިރާނަށް ކުރަނީ އެ މައްސަލައިގެ ރިޕޯޓް އެމެރިކާއިން އާންމު ކުރުމުންނެވެ.

މިކަމާއި ގުޅިގެން އިރާންގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ބުދަ ދުވަހުގެ ހެނދުނު ހާލުގައި ޖެހިފައިވާ ބޭރު ގައުމެއްގެ ޓޭންކަރަކަށް އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަމަށެވެ. އިރާންގެ ބަޔާނުގައި އެއީ ކޮން ގައުމެއްގެ ޓޭންކަރެއް ކަމެއްވެސް އަދި ދިމާވި މައްސަލައެއް ވެސް ބުނެފައެއް ނުވެ އެވެ.

އެމެރިކާ އަދި ޔޫއޭއީން ތުހުމަތު ކުރަނީ އިރާނުން ޓޭންކަރު ވަގަށް ނެގީ ކަމަށެވެ. އެގޮތަށް ތުހުމަތު ކުރަނީ މީގެ ކުރިން އިރާނުން އެ ސަރަހައްދުން ދަތުރު ކުރަމުން ދިޔަ ޓޭންކަރަކައް ހަމަލާދީ ފައިވާކަން ފަޅާ އަޅާފައިވާތީ އެވެ.

އިރާނުން ނެރުނު ބަޔާން ދޮގު ކުރައްވާ ޔޫއޭއީން ބުނީ، ޓޭންކަރައް މައްސަލައެއް ދިމާވީކަން އަންގާފައިނުވާ ކަމަށެވެ. ނަމަވެސް ޔޫއޭއީގެ ކަމާބެހޭ ބައެއް ފަރާތްތަކުން އާންމު ކޮށްފައިވާ މައުލޫމާތުގައި ވާގޮތުން ޓޭންކަރުގެ ކޮމިއުނިކޭޝަން ސިސްޓަމަށް މައްސަލަ ޖެހިފައިވާކަން ވަނީ ފާހަގަ ކުރެވިފަ އެވެ. އޭރު ޓޭންކަރު ދަތުރު ކުރަމުން ދިޔައީ ޔޫއޭއީގެ ހުޅަނގުގެ ސީދަލުން ފަޖޫއިރާ އަަށެވެ. އެއީ ޓޭންކަރު އިރާންގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ކުރިންނެވެ.