އެސްޓީއޯ

ސަރުކާރު ކުންފުނިތަކުން އެންމެ ބޮޑު ފައިދާއެއް އެސްޓީއޯއަށް

Jul 18, 2019
3

ސަރުކާރު ކުންފުނިތަކުގެ ތެރެއިން މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި އެންމެ ބޮޑު ސާފު ފައިދާއެއް ލިބިފައިވަނީ އެސްޓީއޯ އަށް ކަމަށް މާލީ ރިޕޯޓުން ދައްކައިފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނެރުނު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މި އަހަރުގެ ފުރަތަމަ ކްއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާގެ ލިބިފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ކުންފުންޏަށް ލިބުނު 2.2 ބިލިއަން ރުފިޔާގެ އާމްދަނީއާ އަޅާ ބަލާއިރު ފަސް ޕަސެންޓުގެ އިތުރު ވުމެކެވެ. ނަމަވެސް އެ ކުންފުނިން ކުރި ވިޔަފާރި މި މުއްދަތުގައި ވަނީ ދަށްވެފަ އެވެ.

އެސްޓީއޯއިން ވަނީ މި މުއްދަތުގައި ޓެކުހަށް ކެނޑުމަށްފަހު ބޮޑު ފައިދާއެއް ހޯދާފަ އެވެ. މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި 103 މިލިއަން ރުފިޔާގެ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރު ލިބުނު 46 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 123 ޕަސެންޓުގެ އިތުރު ވުމެކެވެ. ނަމަވެސް މި މުއްދަތުގައި ސޭލްސް އެންޑް މާކެޓިންއަށް ކުރި ހަރަދު ވަނީ 13 ޕަސެންޓް ދަށްވެފަ އެވެ.

އެސްޓީއޯގައި މިހާރު 2,138 މުވައްޒަފުން މަސައްކަތް ކުރެ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 26 މުވައްޒަފުން މަދު ވުމެކެވެ. ނަމަވެސް އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ 86 ޕަސެންޓަކީ ދިވެހިންނެވެ.

ޕީސީބީ އިން ބުނި ގޮތުގައި ރާއްޖޭގައި ސަރުކާރު ހިއްސާވާ 21 ކުންފުނި އޮންނައިރު މި ކުންފުނިތަކުން އާމްދަނީގެ ގޮތުގައި 7.7 ބިލިއަން ރުފިޔާ ހޯދާފައި ވެއެވެ. މިދިޔަ އަހަރާ އަޅާބަލާއިރު 5.5 ޕަސެންޓުގެ ކުރިއެރުމެކެވެ.