ގައުމީ ފުޓްބޯޅް ޓީމް

ކޮލިފައިންގައި ރާއްޖޭގެ ފުރަތަމަ މެޗު ގުއާމް އާ ދެކޮޅަށް

ގަތަރުގައި 2022 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ، ކޮލިފިކޭޝަންގެ ގުރޫޕް އޭ ގައި ރާއްޖޭގެ ފުރަތަމަ މެޗުގައި ގުއާމްއާ ދެކޮޅަށް ވާދަ ކުރަން ޖެހިއްޖެ އެވެ.

ގުއާމްއަކީ، އެންމެ ފަހުގެ ކޮލިފިކޭޝަންގައި ސަރހައްދުގެ ގަދަ ބާރު އިންޑިއާ ބަލި ކުރި ގައުމެކެވެ. އެ ޓީމު ކޮލިފިކޭޝަން ބުރުން ޖާގަ ހޯދީ 5-0 ބޫޓާން ބަލި ކުރުމަށް ފަހު އެވެ.

އަންނަ ސެޕްޓެމްބަރު މަހު ފަސް ވަނަ ދުވަހު ކުޅޭ މެޗު އޮންނާނީ ގުއާމްގަ އެވެ. ހަމަ އެދުވަހު، ފިލިޕީންސާއި ސީރިއާ ވާދަ ކުރާނެ އެވެ. އޭގެ ފަސް ދުވަސް ފަހުން ސެޕްޓެމްބަރު މަހު 10 ވަނަ ދުވަހު، މާލޭގައި ރާއްޖެއިން ނިކުންނާނީ ޗައިނާ އާ ދެކޮޅަށެވެ.

އެ ދުވަހު ގުއާމްގެ ދެވަނަ މެޗުގައި އަނެއްކާވެސް އެ ގައުމުގެ އަމިއްލަ ދަނޑުގައި ނުކުންނާނީ ފިލިޕީންސާ ދެކޮޅަށެވެ. އޭގެ އެއް މަސް ފަހުން އޮކްޓޫބަރު މަހު 10 ވަނަ ދުވަހު ރާއްޖެ ކުޅޭނީ ސީރިއާ ދެކޮޅަށް ރަށުން ބޭރުގަ އެވެ. ހަމަ އެދުވަހު ޗައިނާ އާއި ގުއާމް ޗައިނާގައި ކުޅެނޭ އެވެ.

އޭގެ ފަހުން ރާއްޖެއަށް މެޗެއް އޮންނާނީ އެއް މަސް ފަހުން ނޮވެމްބަރު މަހު 14 ވަނަ ދުވަހު އެވެ. އެހެންނަމަވެސް، އޭގެ ކުރިން އޮކްޓޫބަރު މަހު 15 ވަނަ ދުވަހު ގޫރޫޕް އޭ ގެ ދެ މެޗު ކުޅޭނެ އެވެ. އެދުވަހު ފިލިޕީންސް އާއި ޗައިނާ ފިލިޕީންސްގައި ވާދަ ކުރާނެ އެވެ. އަދި ގުއާމް އާއި ސީރިއާ ގުއާމްގައި ވާދަ ކުރާނެ އެވެ.

ނޮވެމްބަރު މަހު 14 ވަނަ ދުވަހު، މާލޭގައި ރާއްޖެއިން ކުޅޭނީ ފިލިޕީންސާ ދެކޮޅަށެވެ. ހަމައެދުވަހު ސީރިއާގެ ހޯމް މެޗު އެ ޓީމުން ކުޅޭނީ ޗައިނާއާ ދެކޮޅަށެވެ. އޭގެ ފަސް ދުވަހުސް ފަހުން، ނޮވެމްބަރު 19 ގައި މާލޭގައި ރާއްޖެއިން ނިކުންނާނީ ގުއާމްއާ ދެކޮޅަށެވެ. ހަމަ އެ ދުވަހު ސީރިއާއިން ހޯމް މެޗުގައި ފިލިޕީންސާ ދެކޮޅަށް ނުކުންނާނެ އެވެ.

އެއަށް ފަހު ކޮލިފިކޭޝަންގެ މެޗެއް ދެން އޮންނާނީ، އަންނަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހު އެވެ. ރާއްޖެ އެދުވަހު ނިކުންނާނީ ޗައިނާގައި އެ ގައުމާ ދެކޮޅަށެވެ. ފިލިޕީންސް ނުކުންނާނީ ގުއާމްއާ ދެކޮޅަށެވެ. އޭގެ ފަސް ދުވަސް ފަހުން ރާއްޖެއިން ނުކުންނާނީ މާލޭގައި ސީރިއާ ދެކޮޅަށެވެ. ކޮލިފިކޭޝަންގެ ދެ ވަނަ ބުރުގެ އެންމެ ފަހު މެޗުތައް އޮންނާނީ ޖޫން މަހު އެވެ. ޖޫން މަހުގެ ފަސް ވަނަ ދުވަހު އަނެއް ހަތަރު ޓީމުން މެޗު ކުޅޭނެ އެވެ. ޗައިނާ ނުކުންނާނީ ފިލިޕީންސާ ދެކޮޅަށެވެ. ސީރިއާއިން ގުއާމްއާ ދެކޮޅަށެވެ

ދެ ވަނަ ބުރުގެ ކޮލިފިކޭޝަންގެ ރާއްޖެއިން ކުޅޭ ފަހު މެޗުގައި ފިލިޕީންސާ ދެކޮޅަށް އެ ގައުމުގައި ކުޅޭނެ އެވެ. އެދުވަހު ޗައިނާއިން ސީރިއާ ދެކޮޅަށް ނުކުންނާނެ އެވެ.

ކޮލިފިކޭޝަންގައި ރާއްޖެ ކުޅޭ މެޗުތައް

ސެޕްޓެމްބަރު ފަހެއް: ގުއާމް - ދިވެހިރާއްޖެ
ސެޕްޓެމްބަރު 10: ދިވެހިރާއްޖެ - ޗައިނާ
އޮކްޓޯބަރު 10: ސީރިއާ - ދިވެހިރާއްޖެ
ނޮވެމްބަރު 14: ދިވެހިރާއްޖެ - ފިލިޕީންސް
ނޮވެމްބަރު 19: ދިވެހިރާއްޖެ - ގުއާމް
މާޗް 26 2020: ޗައިނާ - ދިވެހިރާއްޖެ
ޖޫން ނުވައެއް: ފިލިޕީންސް - ދިވެހިރާއްޖެ

ދެ ވަނަ ބުރުން، ތިން ވަނަ ބުރަށް ކޮލިފައި ވާނީ ކޮންމެ ގުރޫޕެއްގެވެސް ގަދަ ދެ ޓީމެވެ. ތިން ވަނަ ބުރުގައި ޖުމުލަ 16 ޓީމެވެ. ތިން ވަނަ ބުރުގައި 16 ޓީމު ބަހާލަނީ ދެ ގުރޫޕަކަށެވެ. ކޮންމެ ގުރޫޕެއްގައި ހަ ޓީމެވެ. ތިން ވަނަ ބުރުގެ ދެ ގޫރޫޕުން އެއް ވަނަ އާއި ދެ ވަނަ އަށްދާ ޓީމުތައް، 2022 ވަނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑްކަޕަށް ސީދާ ކޮލިފައި ވާނެ އެވެ.

ތިން ވަނަ ބުރުގެ ގުރޫޕްތަކުގެ ތިން ވަނައަށްދާ ދެ ޓީމަށް އިތުރު ފުރުސަތެއް ލިބޭނެ އެވެ. އެއީ ކޮލިފިކޭޝަންގެ ހަތަރު ވަނަ ބުރެވެ. ހަތަރު ވަނަ ބުރުގައި ވާދަ ކުރާނީ ދެ ގުރޫޕުން ތިން ވަނަ އަށް ދާ ދެ ޓީމެވެ. އެ ދެ ޓީމު ދެ ލެގް ކުޅުމަށް ފަހު އެ ދެ ލެގްގެ ނަތީޖާއިން ކުރި ހޯދާ ޓީމެއް ވާދަކުރާނީ އިންޓަ ކޮންޓިނެންޓަލް ކޮލިފިކޭޝަންގެ ޕްލޭއޮފް ގައެވެ. ޕްލޭއޮފްއިން މޮޅުވާ ޓީމެއް ވޯލްޑްކަޕަށް ކޮލިފައި ވާނެ އެވެ.