ހަބަރު

ބީއެމްއެލްއިން ހުށަހެޅި މައްސަލައަކުން ރިޔާސީ ކޮމިޝަނުން ކޯޓަށް ގެންދަނީ

Jul 17, 2019
4

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ރައީސް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނެއް ކަމަށްވާ އެސެޓް ރިކަވަރީ ކޮމިޝަނުން އެ ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.

ބީއެމްއެލްއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ ކޮމިޝަނުން ދެ އެކައުންޓެއްގެ މައުލޫމާތު ފޯރުކޮށްދިނުމަށް އަންގާފައިވާތީ އެކަމުގައި އަމަލު ކުރާނެ ގޮތެއް ކަނޑައަޅައިދިނުމަށެވެ.

ކޮމިޝަނަށް އަންގާފައިވަނީ މާދަމާ މެންދުރުފަހު އޮތް އެ މައްސަލާގެ ޑިސްޕިއުޓް މަރުހަލާގެ އަޑުއެހުމަށް ހާޒިރުވުމަށެވެ.

އިއްޔެ މާލިއްޔަތު ކޮމެޓީއަށް ބީއެމްއެލްއިން ހާޒިރުކުރުމުން އެ ބޭންކުން ވަނީ އެސެޓް ރިކަވަރީ ކޮމިޝަނުން ބަލާ ދެ މައްސަލައަކާ ގުޅިގެން މައުލޫމާތު ދިނުމަށް އެދިފައިވާކަން ހާމަކޮށްފަ އެވެ. ނަމަވެސް އެއީ ކޮން ދެ މައްސަލައެއް ކަމެއް ނުބުނެ އެވެ.

ބީއެމްއެލްއިން ވަނީ އެގޮތަށް މައުލޫމާތު ދިނުމަށް ހައިކޯޓުގެ ހުކުމެއްގެ ސަބަބުން ހުރަސްތަކެއް އެބަހުރި ކަމަށެވެ. އެހެންވެ ގާނޫނީ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބީއެމްއެލްއިން އިއްޔެ ބުންޏެވެ.