ހަބަރު

ސިވިލް ކޯޓުން ފަރުވާ ލިބިއްޖެ، އިސްތިއުނާފު ނުކުރާނަން: ބީއެމްއެލް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން މިއަދު އިއްވި ހުކުމުން ބޭނުންވި ފަރުވާ ލިބިއްޖެ ކަމަށާއި މައްސަލަ އިސްތިއުނާފު ނުކުރާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފި އެވެ.

ބީއެމްއެލްގެ ފަރާތުން ކޮރަޕްޝަންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނަށް ދެކޮޅަށް ހުށަހެޅި މައްސަލައަކީ އެ ކޮމިޝަނުން އެދޭ މައުލޫމާތުތައް ކޯޓު އަމުރެއް ނެތި ފޯރުކޮށްދެވެން ނެތް ކަމަށް ކަނޑައެޅުމަށް ބީއެމްއެލްއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

މީގެކުރިން ޖިނާއީ ތަހުގީގުކުރާ އިދާރާއަކުން އެދޭ އެފަދަ މައުލޫމާތު ދޫކުރުމަށް ބޭންކިންއާބެހޭ ގާނޫނުގެ 41 ވަނަ މާއްދާގައި ލާޒިމްކުރާ މިންވަރަށް، ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަސްޓަމަރުންގެ މައުލޫމާތު ބޭންކުން އައީ ތަހްގީގީ އިދާރާތަކާ ހިއްސާކުރަމުންނެވެ. އެކަން ހުއްޓާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓް ފްރީޒް ކުރި މައްސަލާގައި ހައިކޯޓުން ކުރި ހުކުމަށްފަހު އެވެ. އެ ހުކުމުގައިވާ ގޮތުން ކަސްޓަމަރުންގެ މައުލޫމާތު ދެވޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ހ)ގައިވާ އިޖުރާއަތްތައް ފުރިހަމަކޮށްގެންނެވެ. މާނައަކީ ކޯޓު އަމުރެއް ލިބިގެންނެވެ. ހަމައެކަނި ލިޔުމެއް ނުފެދެ އެވެ.

އެ ހުކުމާއެކު ތަހުގީގީ އިދާރާތަކަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ބޭންކުން އަމަލުކުރަންޖެހޭ ކަމަށް ބޭންކަށް ގަބޫލުކުރެވޭ ގޮތާއި ތަހުގީގީ އިދާރާތަކުން ދެކޭ ގޮތާމެދު ފަރަގު އުފެދުނެވެ.

އެ މައްސަލާގައި މިއަދު ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ އިއްވެވި ހުކުމްގައި ބުނީ ބޭންކިންއާ ބެހޭ ގާނޫނުގެ 41 ވަނަ މާއްދާގައި ލާޒިމްކުރާ މިންވަރަށް، ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަސްޓަމަރުންގެ މައުލޫމާތު ރިޔާސީ ކޮމިޝަންތަކާއި އަދިވެސް އެހެން ތަހުގީގީ އިދާރާތަކުން ވެސް ބޭންކުން މައުލޫމާތު ހޯދުމަށް ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމަށެވެ. އަދި ލިޔުމުން އެދުމުން ބޭންކުތަކުން އެ މައުލޫމާތެއް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.

މީގެއިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ބ)ގައި ބޭންކިން ގާނޫނުގެ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން، ޖިނާއީ ކުށްތައް ތަހުގީގުކުރުމުގެ ގާނޫނީ ބާރު ލިބިފައިވާ ފަރާތަކުން ލިޔުމަކުން އެދިގެން، ބޭންކުގެ ކަސްޓަމަރުންގެ އެކައުންޓްތަކާއި، ޑިޕޮސިޓްތަކާއި، ޓްރަސްޓްތަކާއި، ސޭފް ޑިޕޮސިޓް ބޮކްސްތަކުގެ މައުލޫމާތުތައް ހޯދުމަކަށް ހުރަސް ނާޅާ ކަމަށްވެސް ކޯޓު ހުކުމްގައިވެ އެވެ.

އެ ހުކުމާ ގުޅިގެން ބީއެމްއެލްއިން ނެރުނު ނޫސް ބަޔާނުގައި ބުނީ ކޯޓު ހުކުމާ އެއްގޮތަށް އަމަލުކުރުމުގެ ސަބަބުން ބޭންކާމެދު ވެސް އަދި ބޭންކުގެ މުވައްޒަފަކާ މެދުވެސް އެއްވެސް ފަރާތަކަށް ޝަރުއީ މައްސަލައެއް ހުށަނޭޅޭކަން ކަނޑައެޅިފައިވާ ކަމަށެވެ. އެއީ ބޭންކުން ސިވިލް ކޯޓަށް މި މައްސަލަ ހުށަހަޅަން ޖެހުނު މައިގަނޑު ސަބަބުވެސްމެ ކަމަށެވެ. އަދި ސިވިލް ކޯޓުން މިގޮތަށް ކަނޑަ އެޅުމާއެކު މި މައްސަލައަކީ މި ބޭންކުން މަތީ ކޯޓެއްގައި އިސްތިއުނާފްކުރަން ބޭނުންނުވާ މައްސަލައެއް ކަމަށެވެ.

ބީއެމްއެލްއިން ބޭންކިންއާ ބެހޭ ގާނޫނާއި ގަވާއިދުތަކާއި ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ތަހުގީގީ އިދާރާތަކަށް ފުރިހަމަ އެއްބާރުލުން ދެމުންދާނެކަމުގެ ޔަގީންކަން އަރުވާ ކަމަށް ބަޔާނުގައިވެ އެވެ.

މި މައްސަލާގައި ބީއެމްއެލްއިން ތަމްސީލް ކުރެއްވީ މަދަނީ މައްސަލަތަކުގައި މަޝްހޫރު ދެ ވަކީލުން ކަމަށްވާ ޝާހީން ހަމީދާއި މަޒްލާން ރަޝީދެވެ.