ތަހުގީގީ އިދާރާތަކަށް މައުލޫމާތު ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ޝަރީއަތުން ގޮތެއް ކަނޑައެޅެންދެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުންނަށް ފިޔަވަޅު އެޅުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެ ބޭންކުން ސިވިލް ކޯޓުގައި އެދިއްޖެ އެވެ.
ސިވިލް ކޯޓުގައި އެފަދަ އަމުރަކަށް ބީއެމްއެލްއިން އެދުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނާ ދެކޮޅަށް އެ ބޭންކުން ހުށަހަޅާފައިވާ މައްސަލާގެ ޑިސްޕިއުޓް މަރުހަލާގަ އެވެ. ބޭންކުން އެދިފައިވަނީ މައްސަލާގައި ގޮތެއް ކަނޑައަޅައި ނުނިމެނީސް މައުލޫމާތު ނުދީގެން އެއްވެސް މުވައްޒަފަކަށް ފިޔަވަޅު ނޭޅުމުގެ އަމަރެއް ނެދެިނުމަށެވެ.
މައްސަލާގެ ތެރެއަށް މިހާރު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވެސް ވަދެފަ އެވެ. ތަހުގީގަށް މައުލޫމާތު ނުދީގެން ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު އޭސީސީއާއެކު ކޮމިޝަނުންނާއި ފުލުހުން ބީއެމްއެލްއަށް ދީފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް ބީއެމްއެލްއިން އެ މައުލޫމާތު ނުދީ މަޑުކުރަނީ އެ ކޯޓުން ގަބޫލު ކުރާ ގޮތުގައި ކޯޓު އަމުރެއް ނެތި މިހާރު މައުލޫމާތު ނުދެވޭނެތީ އެވެ.
މީގެކުރިން ޖިނާއީ ތަހުގީގުކުރާ އިދާރާއަކުން އެދޭ އެފަދަ މައުލޫމާތު ދޫކުރުމަށް ބޭންކިންއާބެހޭ ގާނޫނުގެ 41 ވަނަ މާއްދާގައި ލާޒިމްކުރާ މިންވަރަށް، ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަސްޓަމަރުންގެ މައުލޫމާތު ބޭންކުން އައީ ތަހްގީގީ އިދާރާތަކާ ހިއްސާކުރަމުންނެވެ. އެކަން ހުއްޓާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓް ފްރީޒް ކުރި މައްސަލާގައި ހައިކޯޓުން ކުރި ހުކުމަށްފަހު އެވެ.
ހައިކޯޓުގެ ހުކުމުގައި ފާހަގަކުރީ އިސްތިސްނާ ހާލަތެއް ކަމުގައިވިޔަސް އެ އިސްތިސްނާއެއްގެ ބޭނުންކުރަންވާނީ ގާނޫނެއް ނުވަތަ ގަވައިދެއްގައި ކަނޑައަޅާފައިވާ އާއްމު އިޖުރާއަތުތައް ބޭނުންކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި އެކަށީގެންވާ ސަބަބުތަކަކާއިއެކު ކަމުގައި ކަމަށެވެ. އެ ހުކުމާއެކު ތަހުގީގީ އިދާރާތަކަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ބޭންކުން އަމަލުކުރަންޖެހޭ ކަމަށް ބޭންކަށް ގަބޫލުކުރެވޭ ގޮތާއި ތަހުގީގީ އިދާރާތަކުން ދެކޭ ގޮތާމެދު ފަރަގު އުފެދިފައިވާ ކަމަށް ބޭންކުން ބުނެ އެވެ.