ހަބަރު

ބޭންކުން މައުލޫމާތު ހޯދަން ކޮމިޝަނަށް ކޯޓު އަމުރު ބޭނުން ނުވޭ: ހުކުމް

ރިޔާސީ ކޮމިޝަންތަކާއި އެހެން ތަހުގީގީ އިދާރާތަކުން ވެސް ބޭންކުން މައުލޫމާތު ހޯދުމަށް ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމަށާއި ލިޔުމުން އެދުމުން ބޭންކުތަކުން އެ މައުލޫމާތެއް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ކަނޑައަޅައި މިއަދު ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން މިގޮތަށް ހުކުމް ކުރީ ބީއެމްއެލްގެ ފަރާތުން ކޮރަޕްޝަންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނަށް ދެކޮޅަށް ހުށަހަޅާފައިވާ މައްސަލާގަ އެވެ.

މައްސަލައަކީ އެ ކޮމިޝަނުން އެދޭ މައުލޫމާތުތައް ކޯޓު އަމުރެއް ނެތި ފޯރުކޮށްދެވެން ނެތް ކަމަށް ކަނޑައެޅުމަށް ބީއެމްއެލްއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

މީގެކުރިން ޖިނާއީ ތަހުގީގުކުރާ އިދާރާއަކުން އެދޭ އެފަދަ މައުލޫމާތު ދޫކުރުމަށް ބޭންކިންއާބެހޭ ގާނޫނުގެ 41 ވަނަ މާއްދާގައި ލާޒިމްކުރާ މިންވަރަށް، ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަސްޓަމަރުންގެ މައުލޫމާތު ބޭންކުން އައީ ތަހްގީގީ އިދާރާތަކާ ހިއްސާކުރަމުންނެވެ. އެކަން ހުއްޓާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓް ފްރީޒް ކުރި މައްސަލާގައި ހައިކޯޓުން ކުރި ހުކުމަށްފަހު އެވެ. އެ ހުކުމުގައިވާ ގޮތުން ކަސްޓަމަރުންގެ މައުލޫމާތު ދެވޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ހ)ގައިވާ އިޖުރާއަތްތައް ފުރިހަމަކޮށްގެންނެވެ. މާނައަކީ ކޯޓު އަމުރެއް ލިބިގެންނެވެ. ހަމައެކަނި ލިޔުމެއް ނުފެދެ އެވެ.

އެ ހުކުމާއެކު ތަހުގީގީ އިދާރާތަކަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ބޭންކުން އަމަލުކުރަންޖެހޭ ކަމަށް ބޭންކަށް ގަބޫލުކުރެވޭ ގޮތާއި ތަހުގީގީ އިދާރާތަކުން ދެކޭ ގޮތާމެދު ވަނީ ފަރަގު އުފެދިފަ އެވެ.

މިއަދު ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ އިއްވެވި ހުކުމްގައި ބާރު ދެއްވީ މައްސަލާގައި ދައުލަތުން ވަކާލާތުކުރި ނުކުތާތަކަށެވެ. އެގޮތުން ހުކުމްގައި ބުނި ގޮތުގައި ހައިކޯޓުގެ ހުކުމަކީ އެކައުންޓެއް ފްރީޒުކުރި މައްސަލައެއްގައި، އެ ފްރީޒުކުރި އަމުރު ނެރުމުގައި އިޖުރާއަތްތަކާ ހިލާފުވި ކަމަށް ކަނޑައެޅި ހުކުމެކެވެ. އޭގައި ބޭންކުން މައުލޫމާތު ދިނުމުގައި ގޯހެއް ހަދާފައިވާ ކަމަށް ނުވަތަ ނުބައި އިޖުރާއަތެއް އޮތް ކަމަށް ކަނޑައަޅާފައިނުވާ ކަމަށެވެ.

ހުކުމްގައި ވަނީ ބޭންކިން ގާނޫނުގައި މައުލޫމާތު ދިނުމުގައި އަމަލު ކުރަން ޖެހޭ ގޮތްތައް ބަޔާންކޮށްފައިވާކަން ފާހަގަކޮށްފަ އެވެ. އެގޮތުން އެ ގާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުން ޖިނާއީ ކުށްތައް ތަހްގީގުކުރުމުގެ ގާނޫނީ ބާރު ލިބިފައިވާ ފަރާތަކުން ލިޔުމަކުން އެދިއްޖެ ހިނދެއްގައި އެ މައުލޫމާތެއް ފޯރުކޮށްދޭން ޖެހޭނެ އެވެ. ގާނޫނުގައި ބުނާ ހާލަތްތަކުގެ ތެރޭގައި އެކަން އޮތްއިރު އެ ލިޔުމާއެކު ކޯޓު އަމުރެއް ބޭނުންވާނެ ކަމަކަށް ނޯވެ އެވެ.

އޭގެއިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ބ)ގައި ބޭންކިން ގާނޫނުގެ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން، ޖިނާއީ ކުށްތައް ތަހުގީގުކުރުމުގެ ގާނޫނީ ބާރު ލިބިފައިވާ ފަރާތަކުން ލިޔުމަކުން އެދިގެން، ބޭންކުގެ ކަސްޓަމަރުންގެ އެކައުންޓްތަކާއި، ޑިޕޮސިޓްތަކާއި، ޓްރަސްޓްތަކާއި، ސޭފް ޑިޕޮސިޓް ބޮކްސްތަކުގެ މައުލޫމާތުތައް ހޯދުމަކަށް ހުރަސް ނާޅާ ކަމަށް ބުނެފައިވާކަން ވެސް ހުކުމްގައި ފާހަގަކުރި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަންއަކީ ތަހުގީގީ އިދާރާއެއްގެ ބާރުތައް ދީފައިވާ ކޮމިޝަނެކެވެ. މި މައްސަލާގެ ތެރެއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވެސް ވަނެވެ. އެއީ ބީއެމްއެލްއިން އެ ކޮމިޝަނަށް ވެސް މައުލޫމާތު ދިނުން ހުއްޓާލާފައިވާތީ އެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ބުނީ ބީއެމްއެލްއިން މައްސަލާގައި އެދުނު ގޮތަށް ކޯޓު އަމުރެއް ނެތީސް މައުލޫމާތު ފޯރުކޮށްދެވެން ނެތް ކަމަށް ކަނޑައަޅައި އެކަން ކޮމިޝަނަށް އެންގޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށެވެ. އެހެންވެ، ގާނޫނުގައި ބުނާ ގޮތަށް ކޮމިޝަނުން ލިޔުން އަންގާ މައުލޫމާތުތަކަކީ ބޭންކުން ގާނޫނީ ގޮތުން ދޭން ލާޒިމް ވާނެ މައުލޫމާތުތަކެއްގެ ގޮތުގައި ކަނޑައެޅި އެވެ.

މި މައްސަލާގައި ބީއެމްއެލްއިން ތަމްސީލް ކުރެއްވީ މަދަނީ މައްސަލަތަކުގައި މަޝްހޫރު ދެ ވަކީލުން ކަމަށްވާ ޝާހީން ހަމީދާއި މަޒްލާން ރަޝީދެވެ.