ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން އެދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ހުށަހަޅުއްވައިފި އެވެ.
ހެލްތް މިނިސްޓަރު އަމީން ހާޒިރުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ފޮނުވި ސިޓީގައިވާ ގޮތުން، މިނިސްޓަރާ ސުވާލު ކުރަން އޭނާ ހުށަހަޅުއްވާފައި ވަނީ ދެ މަޝްރޫއަކާ ގުޅޭ ގޮތުން ސުވާލު ކުރުމަށެވެ.
އެ ގޮތުން ފުރަތަމަ މަޝްރޫއަކީ މަޑުއްވަރީގެ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަޝްރޫއެވެ. އެ އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް މި އަހަރު ފެށޭނެތޯއާއި އިމާރާތް ނިމި އެ ތަނުގެ ހިދުމަތް ދޭން ފެށޭނެ އަހަރަކީ ކޮބައިތޯ ސުވާލު ކުރަން އާދަމް ޝަރީފު ހުށަހެޅުއްވި އެވެ.
ދެން ސުވާލު ކުރަން ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގައި ހިމެނޭ ރ. މީދޫގައި ހުންނަ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަޝްރޫއާ ގުޅޭ ގޮތުންނެވެ. އެ ގޮތުން އެ މަސައްކަތް މިހާރު ގޮސްފައިވާ މިންވަރާއި އެ ކަމަށް ބޭނުންވާ ރައްކާތެރިކުރެވިފައިވޭތޯއާއި ހޮސްޕިޓަލަކަށް ބަދަލުކޮށް ހިދުމަތް ދޭން ފެށޭނެ އަހަރަކާ މެދު ސުވާލު ކުރަން އޭނާ ހުށަހެޅުއްވި އެވެ.
މީގެ ކުރިން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވަނީ މަޝްރޫއުތަކާ ގުޅޭ ގޮތުން ސުވާލު ކުރަން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްފަ އެވެ. މިނިސްޓަރު އަސްލަމް ހާޒިރު ކުރަން އެ ފަހަރު ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ.