ފިނިޕޭޖް

"މާމުއި"ގެ ފޮނި ކަމަކީ ވަރުޖީނާ!

Jul 18, 2019
4

އޮލިމްޕަހުގައި މިހާރު އަޅުވާފައި އޮތް "މާމުއި" ވަނީ ހިޓަކަށްވެފަ އެވެ. ވަދާއީ ޝޯތަކާ ހަމައަށް ވެސް އައިސްފައި ވަނީ ބާރުބޮޑު ހައުސްފުލް ގިނަ ޝޯތަކަކަށްފަހު އެވެ. މިއީ މިފަހުން މިހާ ބޮޑު މަގުބޫލު ކަމެއް ހޯދި ދިވެހި ފިލްމެވެ. "މާމުއި" ގެ މަގުބޫލު ކަމާއެކު، ޝޯގެ ވަރުގަދަ ކެރެކްޓާއެއް ވެސް ވަނީ ގިނަ ބައެއްގެ ފޭވަރިޓަކަށްވެފަ އެވެ. އެއީ ވަރުޖީނާ އެވެ.

"މާމުއި" އެންމެ ފޮނި ކަމަކީ ވަރުޖީނާ އެވެ. ފިލްމްގައި ވަރުޖީނާއަކީ ސެލޫނެއް ހިންގާ އެކަނިވެރި މަންމައެކެވެ. ދިރި އުޅެނީ ދަރިފުޅު ސަލްމާން އާއި ޅީދަރި ހައިފާއާއެކު އެވެ. ސަލްމާން ބޮޑުވެ މީހަކާ އިނދެގެން އުޅުނަސް ވަރުޖީނާއަށް އެއީ ތުއްތު ކުއްޖެކެވެ. ހެނދުނުގެ ނާސްތާއަށް ކޮޓަރިއަށް ގޮވަން ގޮސް ގަރުދިޔަ ބޯ ކައްކައި ދެނީ އެހާ ލޯބިންނެވެ. އެކަން ބޮލު ރިހުމަކަށްވީ ހައިފާއަށެވެ.

ވަރުޖީނާގެ "ފޮނިކަން" ފިލްމްގައި ގަދަ ކަމަށް ބުނަން ޖެހޭ އެތައް ސަބަބެއް އެބަ އޮތެވެ. "ޝީލާ ދޯ،" އޯޑިއަންސް ތެރެއިން އިރުއިރުކޮޅާ ގޮވާލާ އަޑު އިވެނީ މިހެނެވެ. ވަރުޖީނާގެ ވަރުގަދަ ރޯލް ކުޅިފައިވަނީ ޝީލާ ނަޖީބެވެ. މި ފިލްމަކީ ޝީލާގެ އާދަޔާ ހިލާފު އެކްޓިންއެއް ދައްކާލި ފިލްމެކެވެ. ފިލްމް ބަލާފައި ނުކުންނަ ގިނަ މީހުންނަށް އެންމެ ހަނދާނުގައި ހުރީ ވަރުޖީނާގެ މަންޒަރުތަކެެވެ. "އައި ޓޯކް ބެޑް ޝީޓް" އިން ފެށިގެން ރޮޒީއާއެކު ހިންދީ ލަވައަށް ކަރޯކޭ ޖެއްސުން ވިޔަސް ވަރުޖީނާ ވަރެއް ނެތެވެ. ސަލްމާން ކައިރީ އިމޯޝަނަލް ޑްރާމާ ޖައްސާލައި، ހައިފާއަށް ޒީލަގަދަ މޫނު ދައްކާލަން ވެސް އެވަރެއް ނެތެވެ.

އާންމުކޮށް މަޑުމައިތިރި ނޫނީ ލޯބީގެ ރޯލުތަކުން ޝީލާ މީގެ ކުރިން ފެނިގެން ދިޔަ ނަމަވެސް މިފަހުން އޭނާ ދަނީ ތަފާތު ރޯލްތަކެއް ކުޅެމުންނެވެ. ވަރުޖީނާގެ މި ރޯލަކީ އޭނާ މިހާތަނަށް ދައްކާލި އެންމެ ތަފާތު އެއް އެކްޓިންނެވެ. ސޯޝަލް މީޑިއާގައި ވެސް ޝީލާއަށް ވަރަށް ބޮޑަށް ތައުރީފް ވަނީ ލިބިފަ އެވެ. "މާމުއި" ބާރަަށް ހިނގަމުންދާއިރު ޝިލާ އެހާ ބޮޑަށް ތައުރީފު ލިބިގެން ދިޔުމުގެ އެންމެ ބޮޑު ސަބަބަކީ ވަރުޖީނާގެ ނެޗްރަލް ކަމެވެ. މަޖާ، ސީރިއަސް، ރުޅިގަދަ، ހުރިހާ މޫނެއް ޝީލާ މި ފިލްމްގައި ދައްކާލި އެވެ. ލޯބީގެ މަންޒަރުތަކެއް ވެސް ދޭތެރެއަކުން ފެނިލި އެވެ.

ޝީލާއަށް ލިބެމުން ދިޔަ ތައުރީފުތަކާމެދު ހިތްހަމަޖެހިގެން ހުރި ފިލްމްގެ އެއް ޕްރޮޑިއުސަރު ކަމަށްވާ މޮގާ ބުނި ގޮތުގައި ޝީލާއަކީ ރާއްޖޭގެ އެންމެ ވަސެޓައިލް، އެންމެ މޮޅު އެކްޓްރެސް އެވެ. ކޮންމެ ރޯލެއް ދިނަސް ޝީލާ އެ ރޯލެއް ވަރަށް ފުރިހަމަކޮށް ގެނެސްދޭނެ އެވެ. ހާއްސަކޮށް ޝީލާއަކީ ވަރަށް ޕޮޒިޓިވް އަދި ވަރަށް ޕްރޮފެޝަނަލް ތަރިއެއް ކަމަށް އޭނާ ބުންޏެވެ.

"ޝީލާ އެއީ ދެވަނައެއް ނެތް ވަން އެންޑް އޮންލީ ބިއުޓީ ކްއީން،" ޝީލާއަށް ވަރަށް ތާއީދު ކުރާ މޮގާ ބުންޏެވެ. މޮގާގެ ޑާކްރެއިންގެ ކުރީގެ ގިނަ ފިލްމްތަކެއްގައި ވެސް ޝީލާ މަސައްކަތް ކުރި އެވެ.

"މާމުއި"ގެ ކުރިން ޝީލާ ދެން އެންމެ ބޮޑަށް ތައުރީފު ލިބުނީ އޭނާ ނަހުލާގެ ޒުލޭހާ އާއި 4426 ގައި ދެއްކި އެކްޓިންއަށެވެ. ބިރުވެރި ފިލްމެއް ކަމަށްވާ 4426 ގައި ވެސް ގިނަ ތަރިންތަކެއް މަސައްކަތްކުރި އެންމެ އަޑު ގަދަވީ ޝީލާގެ ނަމެވެ. ބިރުވެރި ފިލްމްގެ ތެރެއިން ހީލުމަށް ލިބުނީ ޝީލާގެ ކެރެކްޓާގެ ސަބަބުންނެވެ.

މިހާރު "ބައިސްކޯފް" އިން ދައްކަން ފަށާފައިވާ "އެހެނަސް" ވެބް ސީރީޒްގައި ވެސް ޝީލާގެ މުހިންމު ރޯލެއް ހިމެނެ އެވެ. ސީރިސްގެ ލީޑް އެކްޓަރުގެ މަންމަގެ ރޯލުން ޝީލާ ފެންނައިރު މިއީ ވެސް ޝީލާގެ ތަފާތު ކެރެކްޓާއެއް ފެނިގެންދާ ސީރިސްއެކެވެ. ސީރިސް ބެލި އެންމެން ވެސް ވަނީ ޝީލާގެ ނަން ފާހަގަ ކޮށްފަ އެވެ.