ކާނާ

މީރީ ބަނބުކޭލު ބަތްތަ؟ ފަޅޮލު ބަތްތަ؟

ދިވެހިންގެ ކެއުމުގައި ބަންބުކެޔޮ މިއީ ކުރީގައި ވަރަށް އާއްމު ބާވަތެކެވެ. މިހާރުގެ ލައިފްސްޓައިލް ހުންނަ ގޮތުން ކޮންމެވެސް އެއް ހޮޓަލަކުން ނުވަތަ ކެފޭއަކުން އެންމެ އަވަހަށް ލިބެން ހުންނަ އެއްޗެއް ކާލަނީ އެވެ. ނަމަވެސް ބަނބުކެޔޮ ލީ ބަތާއި ބޮނޑި ބަތާއި ތެލުލި ބަނބުކޭލާކީ ވަރަށް ގިނަ މީހުންގެ ފެވަރިޓެކެވެ.

ދިވެހި ކެއުމަކީ ވަރަށް ގަޔާވެގެން ކާ ކެއުމެކެވެ. ލުނބޯ ފިޔާ، ލޮނުމިރުހާއި އަސާރައާއެކު ގަރުދިޔަ އަޅައިގެން ބަތްތައްޓެއް މޮޑެލައިގެން ކާލަން އިށީންނަނީ ވަރަށް ހަމަޖެހިލައި ގަޔާވެގެެނެވެ. ބަނބުކެޔޮލީ ބަތް، މިގޮތަށް މޮޑެލައި ބަތްތަށްޓަކާއިއެކު ކެއުން އަދި މާ ފައްކަލެވެ.

ބަނބުކެޔޮ ލީ ބަތް ކައްކަން މާ ބޮޑުގޮތްތަކެއް ހަދާކަށް ނުޖެހެ އެވެ. އަދި މާ އުނދަގުލެއް ވެސް ނޫނެވެ ބަތްކައްކަން ހަނޑޫ އުދާއިރު ބަނބުކެޔޮ ވެސް ލައިގެން ކައްކާލަނީ އެވެ.

ބަނބުކެޔޮ އަޅައިކާށިކިރު އަޅައިގެން ކައްކާލާ އިރު ބަނބުކެޔޮގެ މަޑުވެ ބަތްތަށި އިތުރަށް މީރުކޮށްދެ އެވެ. ބަނބުކެޔޮ ލީ ބަތް ކެއްކުމަށް ބައެއް މީހުން ބަނބުކެޔޮ ކުދިކުދިކޮށް ކޮށައިގެން ކައްކަ އެވެ. އަނެއްބަޔަކު ބަނބުކެޔޮ ބަހައްޓަނީ ފޮތި ފޮއްޗަށް ބޮޑެތިކޮށެވެ.

ބަނބުކެޔޮ ބަތް ތައްޔާރު ކުރާނެ ގޮތް

ފުޑްބްލޮގް ޗިލީސް އެންޑް ލައިމް އިން ޕޯސްޓްކޮށްފައިވާ ބަނބުކެޔޮ ލީ ބަތުގެ ރެސިޕީއެއް

ބަނބުކެޔޮ ބަތަކީ ބަތް ކެެއްކުމަށް ބޭނުންކޮށް އުޅުނު ތަފާތު ގޮތެކެވެ. ދެން މިއޮތީ ފަޅޯލީ ބަތެވެ. ފަޅޯލީ ބަތް އެހާ އާއްމެއް ނޫނެވެ. އަދި މިހާރުގެ ޒުވާނުންނަށް މިއީ ކައި އުޅުނު ގޮތެއް ކަންވެސް ނޭގިދާނެ އެވެ. ނަމަވެސް ބަނބުކެޔޮ ލީ ބަތް ގޮތަށް ފަޅޯ އަޅައިގެން ބަަތްކައްކާ އުޅުނެވެ. މިގޮތަށް ބަތްކައްކަން ހޯދަނީ ކުޑަ ފޮނިކަމެއް ހުންނަ ރިއްސެޔޮ ލާފަ ހުންނަ ފަޅޮލެވެ. ފަޅޯ ލީ ބަތުގައި ބަނުބުކެޔޮ ބަތާ ހިލާފަށް ފޮނި ކަމެއް ހުރެއެވެ. އަދި ކާ އިރު އަނގައިގަ ބަނބުކޭލުން ގެންނަ ތަތް ކަމެއް ނުހުރެއެވެ. މިއީ މި ބަތަށް ގިނަ މީހުން ގަޔާވާ ކަމެކެވެ.

ބަނބުކޭލުން ހަދާ ފޮނި އެއްޗެއްސެކޭ އެއްގޮތަށް ފަަޅޮލަށް ވެސް ހަކުރު އަޅައިގެން ހަދާ ބޯކުރި ފަޅޯގެ އިތުރުން ޅަފަޅޯ އަޅައިގެން ހަދާ މަޖަލަކީ ވެސް ފަޅޮލުން ހަދާ ދިވެހިވަންތަ އެއްޗެެކެވެ. މިވެސް ވަރަށް ގިނަ މީހުންގެ ފެވަރިޓް ދިވެހި އުފެއްދުންތަކެވެ. ފަޅޮލާއި ބަނބުކެޔޮ ކަހަލަ މޭވާ ކޮންމެ ގޮތަކަށް ހެދިޔަސް މީރުވެފައި ކަމުދަނީ އެވެ.