ކޮލަމް

ހިޔާނާތު ފައިސާ ބޭންކުން ހޯދައިގެން ވަގުން ސަލާމަތްވަނީތަ؟

Jul 18, 2019
4

އެމްއެމްޕީއަރްސީގެ ތެރެއިން ރާއްޖޭގެ އެތައް ފަޅުރަށްތަކާއި ފަޅުތަކާއި ފަރުތައް އެކި ފަރާތްތަކަށް ވިއްކައިގެން ހިންގި ޖަރީމާއަކީ ރާއްޖޭގެ ތާރީހު ދުށް އެންމެ ބޮޑު ހިޔާނަތުގެ އަމަލެވެ. އާންމުންނާ ހަމަޔަށް މީގެ ތަފުސީލެއް ހާމަވެ އައީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުރެ އެހެން ބަޔަކާ ގުޅިގެން ހިންގި މި ހިޔާނާތުގެ އަމަލުތަކުގައި ދައުލަތަށް ލިބެން ޖެހޭ 1.2 ބިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ ރިޕޯޓެއް ޝާއިއު ވުމުންނެވެ.

މި ފައިސާ ހޯދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބުނަމުން ދިޔައެވެ. އަދި އޭގެ ފަހަށް އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެސް ވައުދެކެވެ.

މިހާރު އެ ފައިސާއަށް ވީ ގޮތާއި އެކަމުގައި އިހުމާލުވާ ބަޔަކު ހޯދަން ރައްޔިތުންގެ މަޖިލީހުން ކުރާ މަސައްކަތަށް ވެސް ވަނީ ވަރަށް ބޮޑު ހަލުވިކަމެއް ގެނެސްފަ އެވެ. އެކި މުއައްސަސާތައް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވަނީ ހާޒިރު ކުރަން ފަށާފަ އެވެ. ކޮމެޓީތަކުގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު އެތަކެއް އާ ވާހަކަތައް ވެސް ވަނީ ތިލަވާން ފަށާފަ އެވެ.

އެމްއެމްޕީއާރުސީ އަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ބޮޑު ބައެއް އެސްއޯއެފްގެ އެކައުންޓަކަށް ޖަމާކުރުމުގައި ބީއެމްއެލްގެ 38 މުވައްޒަފަކުގެ ބައިވެރިވުން އޮވެދާނެ ކަމަށް ބަލައި ތަހުގީގު ކުރަމުންދާ ވަހަކަ އިވުނީ ވެސް މި ކޮމިޓީ އަށް އޭސީސީ ކޮމެޓީއަށް ގެންދިއުމުންނެވެ.

ބީއެމްއެލްގެ އިތުރުން މި ޚިޔާނާތުގައި އެމްއެމްއޭގެ އިހުމާލު އޮތް ކަމަށް ވެސް އޭސީސީން ކޮމެޓީގައި ފާހަގަ ކޮށްފައި ވެއެވެ. މަނީ ލޯންޑަރިންގެ އަމަލެއްކަމަށް ޝައްކު ކުރެވޭ މުއާމަލާތްތައް ބީއެމްއެލް އިން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހެޅުމުން ވެސް، އެކަން އެނގިތިބެ ވެސް އަޅާނުލީ ކަމަށް އޭސީސީގެ ރިޕޯޓުގައި އޮވެ އެވެ.

އަނެއްކޮޅުން އޭސީސީގެ އެ ވާހަކަތައް ދޮގުކޮށް ބީއެމްއެލް އިން ވެސް ބަޔާނެއް ނެރުނެވެ. އެ ބަޔާން ބުނާ ގޮތުން އެ ބޭންކް ހިންގަނީ ގާނޫނާއި ގަވާއިދުތަކާއި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށެވެ. އެމްއެމްޕީއާރުސީގެ ނަމުގައި އެކި ފަރާތްތަކުން ދޫކޮށްފައިވާ ޗެކްތައް އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ އެ ޗެކްތައް އެންޑޯސްކޮށް، އެސްއޯއެފް ގެ އެކައުންޓަށް ޖަމާކުރުމަށް ބޭންކަށް ހުށަހެޅުމުންނެވެ. ޗެކްތައް ޖަމާކުރުމުގައި ބޭންކުން އަމަލުކޮށްފައި ވަނީ ފައިސާ އަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާއި ބެހޭ ގާނޫނާ އެއްގޮތަށް އެހެން ކުންފުނިތަކުގެ ޗެކްތައްވެސް އެންޑޯސް ކުރާ އުސޫލުން އެއްވެސް ތަފާތު ކުރުމެއް ނެތި އެވެ. ޒަމާނުއްސުރެ ބީއެމްއެލް އިންނާއި އެހެނިހެން ބޭންކުތަކުން އަމަލު ކުރަމުން އައީ ވެސް އެގޮތަށެވެ.

ނަމަވެސް މަޖިލީހުގެ ކޮމެޓީގައި ދެކެވުނު ވާހަކަތަކަށް ބަލާއިރު މަޖްލިސް މެންބަރުން އެކަން ގަބޫލު ކުރައްވާ ހެނެއް ހީއެއް ނުވެއެވެ. ގާއިމުވެސް ބަލައި ނުގަންނަ ކަމަށް ބުންޏެވެ. ބޭންކުން ދައްކާ ވާހަކަތައް ގާނޫނާ އެއްގޮތްކަމަށް ވިޔަސް ބޭންކުގެ ޒިންމާ އޮތްކަމަށް ބަލައި އެ ބެންކު މިކަމުގައި ކުށްވެރިވާ ކަމަށް ބައެއް މެންބަރުން ދެކެ ވަޑައިގަންނަވަ އެވެ.

ބޭންކު ގޯސްވާނަމަ ފައިސާ އަނބުރާ ހޯދުމުގެ މަގުވެސް އޮތީ ވަރަށް ފަސޭހަކޮށެވެ. ސަބަބަކީ ބޭންކުގައި ފައިސާ އެބަހުއްޓެވެ. ދެތިން އަހަރުން މި ފައިސާ އެއްކޮށް ދައުލަތަށް ހޯދިދާނެ އެވެ.

އޭގެ ބަދަލުގައި މިހާރު ފެންނަނީ ބީއެމްއެލްގެ މައްސަލަ ސިޔާސީ ވެގެން ގޮސްފައިވާ ތަނެވެ، ބީއެމްއެލްގެ މި މައްސަލައާއެކު މިކަން ސިޔާސީ ކޯޅުމަކަށް ބަދަލުވެއްޖެ ނަމަ، އިޔާދަ ނުކުރެވޭނަ ގެއްލުމެއް ގައުމީ ބޭންކަށާއި ރާއްޖެގެ ވިޔަފާރިއަށް ދިމާވުމަކީ ވަރަށް ކައިރި ކަމެކެވެ. މީގެ އަސަރު ރާއްޖޭގެ އިގްތިސޯދަށް ކުރާނެ އެވެ.

ނަމަވެސް ވައުދު ފުއްދެން އޮތް ގޮތެއް ކަމަށް މިފެންނަނީ މި ގޮތެވެ. އެ މަލުކުރި މީހުން ދޫވެގެން ދާ މަންޒަރު މިހާރު ފެންނަ ކަހަލަ އެވެ. ފައިސާ ހޯދަން މިދުވެނީ ބޭންކު ފަހަ އެވެ. ސަރުކާރުގެ އެއް ކުންފުނިން ނަގާ އަނެއް ކުންފުންޏަށް ފައިސާ ދިނުމަކުން ދައުލަތުން ގެއްލުނު ފައިސާ ހޯދުނީ ކަމަށް ބަލާނެ ގޮތަކީ ކޮބައި ހެއްޔެވެ؟