އެއާއޭޝިއާގެ މަތިންދާބޯޓެއް ވެއްޓި 162 މީހެއްގެ ފުރާނަ ގެއްލިގެން ދިޔަ ހާދިސާއާ އެކު އެ އެއާލައިނާ މެދު ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. އެކަމަކު އެއީ ސަލާމަތީ ކަންކަމުގެ ވަރަށް ފުރިހަމަ ރެކޯޑެއް އޮތް އަދި ބަޖެޓް އެއާލައިންތަކުގެ ތެރެއިން އެންމެ ރަނގަޅު އެއާލައިންގެ ގޮތުގައި ޖެހިޖެހިގެން ހަ އަހަރު ހޮވިފައިވާ އެއާލައިނެވެ. މިއީ މަލްޓި ބިލިއަން ޑޮލަރުުގެ ކުންފުންޏަކަށް ވެފައި ވަނީ ބަޔަކު ބޮޑު ރިސްކެއް ނަގައި، 40 މިލިއަން ޑޮލަރުގެ ދަރަންޏަކާ އެކު ބަޔަކު އެ ކުންފުނި ގަނެގެން ކުރި މަސައްކަތުންނެވެ.
އެއާއޭޝިއާ އަކީ 1994 ވަނަ އަހަރު މެލޭޝިއާ ސަރުކާރުގެ ކުންފުންޏަކުން އުފެއްދި އެއާލައިނެކެވެ. އެއާލައިންގެ އޮޕަރޭޝަންތައް ފެށީ 1996 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. ނަމަވެސް ވިޔަފާރީގައި ކުރިއެރުމެއް ނުލިބި އެއާލައިން ވިއްކާލީ 2 ޑިސެމްބަރު 2001 ގަ އެވެ.
ބިލިއަނަރު ރިޗަޑްބްރެންސަންގެ ވާޖިން ކޮމިއުނިކޭޝަންސްގައި ވަޒީފާ އަދާކޮށް އަދި ފަހުން ވޯނާ މިއުޒިކް އިންޓަނޭޝަނަލްގެ އިސް މަގާމުތައް ވެސް އަދާކުރި ޓޯނީ ފެނާންޑެޒް އެއާއޭޝިއާ ގަނެފައި ވަނީ އެންމެ 29 ސެންޓަށެވެ. އެއީ 40 މިލިއަން ޑޮލަރުުގެ ދަރަންޏާ އެކުގަ އެވެ. އޭރު އެ އެއާލައިންގައި އޮތީ ބާވެފައި އޮތް ބޯއިން 737 ގެ ދެ ޖެޓެވެ. ގާތްގަނޑަކަށް 250 މުވައްޒަފުންނާ އެކު ހިންގި އެއާލައިން ދަތުރުކުރީ އެންމެ މަންޒިލަކަށެވެ.
އެހެންވެ އެއާލައިންގެ މިހާރުގެ ސީއީއޯ ފެނާންޑެޒް، 37، އެއާލައިން ގަތް އިރު އެއީ ކުންފުންޏަކަށް ވެސް ނުފުދެ އެވެ. އެއީ އެހެން އޮތް ތަނެކެވެ.
ފެނާންޑެޒް އުފަންވީ މެލޭޝިއާގަ އެވެ. ތައުލީމް ހާސިލްކޮށްފައި ވަނީ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އިންނެވެ. މަސައްކަތުގެ މާހައުލަށް ނިކުތީ ބިލިއަނަރު، ރިޗަޑް ބްރެންސަންގެ ވިޔަފާރީގެ ތެރެއިންނެވެ. އޭނާ ފުރަތަމަ 1980ގެ މެދުތެރޭގައި ގުޅުނީ ވާޖިން ކޮމިއުނިކޭޝަންސްއާ އެވެ. އަދި ފަހުން މަގާމު މަތިވެ ވޯނާ މިއުޒިކް އިންޓަނޭޝަނަލްގެ ލަންޑަން ކުންފުންޏަށް 1989 ވަނަ އަހަރު ބަދަލުވި އެވެ. އަދި ފަހުން އޭނާ ވަނީ އެ ކުންފުނީގެ މުޅި ދެކުނު އިރުމަތީ އޭޝިއާގެ އޮޕަރޭޝަންސްއާ ހަވާލުވެފަ އެވެ. މިއުޒިކް އެގްޒެކަޓިވްއެއްގެ ގޮތުގައި ކެެރިއަރު ބިނާކުރި ފެނާންޑެޒް އަކީ ވައިގެ ދަތުރުފަތުރުގެ ވިޔަފާރީގައި އޭރު އެއްވެސް ތަޖުރިބާއެއް ހުރި މީހެއް ނޫނެވެ.
ކާމިޔާބީގެ ސިއްރެއްގެ ގޮތުގައި ބެލެވިފައި ވަނީ އޭޝިއާ ސަރަހައްދުގައި މެދުމިނުގެ އާމްދަނީ ލިބޭ މީހުންގެ އަދަދު ގިނަވަމުން ދިޔައިރު އެ މީހުންނަށް އެއާލައިން ބައްޓަންކުރުމެވެ. ސިންގަޕޫރު، ތައި އަދި މެލޭޝިއާ އެއާލައިންސުން ހިސާރުކޮށްފައި އޮތް އޭޝިއާގެ ވައިގެ ދަތުރުފަތުގެ ވިޔަފާރީގެ ތެރެއިން އެއާއޭޝިއާ މައްޗަށް އެރީ އަގު ހެޔޮކޮށް ދަތުރުކޮށްދިނުމަކުން އެކަންޏެއް ނޫނެވެ. ސަރަހައްދުގެ ކަސްޓަމަރުންނަށް ހާއްސަ ހިދުމަތްތަކާ އެކު ތަފާތުކަމެއް ދައްކައިގެންނެވެ.
އިހަށް ދުވަހު ބޯޓު ވެއްޓުމާ އެކު އެއާއޭޝިއާގެ ހިއްސާގެ އަގުތައް 13 ޕަސެންޓަށް ވުރެ ދަށަށް ދިޔަ އެވެ. އެކަމަކު މިއީ މި ހާދިސާގެ ކުރިން އޭވިއޭޝަން އެކްސްޕާޓުންގެ 28 ތަޖުރިބާކާރުންގެ ތެރެއިން 24 ފަރާތަކުން އެ އެއާލައިނެއްގެ ހިއްސާ ގަތުމަށް އެ ވިޔަފާރީގައި އުޅޭ މީހުންނަށް ލަފާ ދީފައިވާ އެއާލައިނެކެވެ. އަދިވެސް އެކަމަށް ބޮޑު ބަދަލެއް ނާދެ އެވެ.