ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް މޫސުން ގޯސްވާނެ ކަމަށާއި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.
މެޓް އޮފީހުން މިއަދު ބުނީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާކޮށް ގުގުރުން އެކަށީގެންވާ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ބުންޏެވެ.
އެ އޮފީހުން ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ހުޅަނގު ދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ހަތް މޭލާއި 17 މޭލު ބާރު މިނުގައި ވައި ޖެހޭނެ އެވެ. އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރު މިނަކަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ވަނީ އުތުރުގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ. އެ ގޮތުން ހއ. އަތޮޅާއި ޅ. އަތޮޅާ ދެމެދުގެ ސަރަހައްދަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނި ގޮތުގައި މިއަދުގެ މިހާތަނަށް ގެއްލުން ލިބިގެން ރިޕޯޓްކޮށްފައި ވަނީ ދެ ރަށަކުންނެވެ. އެއީ ހދ. ކުޅުދުއްފުށީ ގެއެއްގެ ބަދީގޭގެ ފުރާޅު އެއްލާލައިގެންނާއި ހދ. ހިރިމަރަދޫގެ ގެއެއްގެ ފުރާޅު އެއްލާލައިގެންނެވެ. މި ދެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިންގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ.