މޫސުން

ބޯކޮށް ވާރޭވެހޭނެ، އުދަ އަރާނެ

Sep 3, 2020

ކުރިޔަށް އޮތް 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މެދު އަތޮޅުތަކާއި ދެކުނުގެ ބައެއް ރަށްތަކަށް އުދަ އަރާފާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

މޫސުމާބެހޭ އިދާރާގެ ފޯކާސްޓްތައް ދައްކާ ގޮތުން މިއަދު ހެނދުނު 10:00 އިން ފެށިގެން މާދަމާ ހެނދުނު 10:00 ޖެހުމާ ހަމައަށް ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ އެވެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ އެވެ. ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގައި ވައި ޖެހޭނެ އެވެ. އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އިރު ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ އެވެ. ރާއްޖޭގެ މެދު އަތޮޅުތަކަށް ވެސް ކަނޑު ދަ ވާނެ އެވެ.

މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފަ އެވެ. ސިފައިން ކޮށްފައިވާ އިލްތިމާސްގައި ބުނަނީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައި ވުމުން ކަނޑު ދަތުރުކުރާ ފަރާތްތައް އެކަމަށް ސަމާލުވާން އެދޭ ކަމަށެވެ.

އޮޑިވެރިންނާއި ކެޕްޓަނުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމަތު ސާފުކުރުމަށާއި ލައިފްޖެކެޓާއި މުވާސަލާތީ ވަސީލަތްތަކާއި ދިޔަ ހިއްކާ ޕަންޕު ފަދަ ނިޒާމުތައް ހުރީ ރަނގަޅަށްތޯ ޗެކު ކުރުމަށް ވެސް ސިފައިން އެދިފައި ވެއެވެ. އަދި މުދާ އުފުލާ އުޅަނދުފަހަރު، އަތޮޅުތެރެއިން ރޭގަނޑު ދަތުރުކުރާއިރު ސަމާލު ވުމަށާއި މުދާ ބަރުކުރުމުގައި ގަވާއިދު ތަކަށް އަމަލުކުރުމަށް ވެސް އެދެ އެވެ.

  • ކަނޑު ހާދިސާތަކަށް ގުޅޭ ނަމްބަރު: 191
  • ރާޅުގެ އުސްމިން: 4 ފޫޓާއި 6 ފޫޓުގައި
  • ކޮޅިގަނޑުގައި 45 މޭލަށް ވައި ގަދަވާނެ
  • ދެކުނާއި މެދު އަތޮޅުތަކުގައި އުދަ އަރާފާނެ
  • ކުރިޔަށް ދަނީ ހުޅަނގުގެ ފުރަ ނަކަތް

މޫސޫން ގޯސްވާނެ އިރު މިހާރު ހިނގަމުން ދަނީ ހުޅަނގު މޫސުމުގެ 11 ވަނަ ނަތް ކަމަށްވާ ފުރަ ނަކެވެ. މި ނަކަތް މި މަހުގެ ހަވަނަ ދުވަހާ ހަމައަށް އޮންނާނެ އެވެ. ފުރަ ނަކަތަކީ ހުޅަނގުގެ ވިއްސާރަ އަލި ކުރާން ފަށާއި އެކަމަކު ދުވަސް ރީތިކޮށް އޮވެފައި ކޮޅިގަނޑާއެކު ބޯކޮށް ވާރޭ ވެހޭ އަދި މަސްވެރި ކަމާއި އެންވެރިކަން ވެސް ރަނގަޅު ބާނި ގަދަ މޫސުމެކެވެ. ފުރައަށް ފަހުން ދެން ފަށާނީ އުތުރަ ނަކަތެވެ.

މިދިއަ އޯގަސްޓް މަހުގެ ތެރޭގައި ކަނޑުމަތީގެ ހާދިސާތަކެއް ހިނގާފައިވާއިރު ރޭވެސް އެފަދަ ހާދިސާއެއް ހިނގި އެވެ.