(16 ޖުލައި 2019 އާ ގުޅޭ)
"އެމީހުންގެ އަދަދު.... އަށާރަ...، ދަރޮވާނުންނާއި އެތަނުގައި ތިބި ފާރަވެރިން ޚަބަރު ހުސްވެގެން ވެއްޓިއްޖެ، ވީގޮތެއް ނޭނގޭ... އެމީހުން ކުރިކަމެއް ވެސް ނޭނގޭ... އެއްވެސް އެހީއަކާނުލާ ގަނޑުވަރުގެ މައިދޮރު އެމީހުން ހުޅުވައި ގަނޑުވަރަށް ވަދެއްޖެ... މިވަރުކަމެއް ދުވަހަކުވެސް ނުދެކެން... ދުވަހަކުވެސް ނުދެކެން..." ހާސްވެފައި ހުރެ ވަޒީރު ބުންޏެވެ.
"ކަލޭ ހަމަޖެހިބަލަ..." ޚަބަރު ހިފައިގެން އައި ވަޒީރަށް ލާވީ ބުންޏެވެ. އުސް ތަޚުތުގެ ކައިރިން ލާވީ ތިރިއަށް ފޭބިއެވެ. ވަޒީރުގެ ކުރިމައްޗަށް އޭނާ އައެވެ.
"އެއީ ކިހާ ހިސާބަކުން އައި ބައެއްކަން އެނގޭތަ؟... އެމީހުންގެ ލަޝްކަރު ފެންނަން އެބައޮތްތަ؟... އެންމެ އަށާރަ ޖިންނިއެއްނޫންކަން އެނގޭ އައީ" ވަޒީރުގެ ގާތުން އިތުރަށް އޮޅުން ފިލާތޯ ލާވީ ބެލިއެވެ.
"އެއީ މީގެ ކުރީން ދުވަހަކުވެސް ނުދެކޭ ފަދަ ދަހަނާގެ ހެދުންކޮޅުތަކެއް، ހުދު ހެދުންތަކެއް... މޫނުތައް އަލި އިސްކޮޅުން ދިގު ވަރުގަދަ ބޮޑެތި ބިޔަ ބައެއް... މަޢާފުކުރައްވާ... އަޅުގަނޑަށް އެތާ ހުންނަން ނުކެރިގެން މިއައީ، ރަސްގެފާނަށް ދަންނަވަން، އެބައިމީހުންނާ ކުރިމަތިލައިފިނަމަ ވާނޭ ގޮތެއް ވެސް ނޭނގޭ، ލާވީ!... ދަންނަވާބަލަ... ރަސްގެފާނަށް ނިކަން ދަންނަވާބަލަ އެބައިމީހުން ހުއްޓުވަން، އަޅުގަނޑުމެންގެ ނިމުން އަތުވެއްޖެ... އަޅުގަނޑު މިތަނުން ދިއުމުގެ ހުއްދަދެއްވާ" ވަޒީރު ބިރުގެންފައި ހުރިވަރު އޭނާ ދައްކާވާހަކައިން ލާވީ ދެނެގަތެވެ.
"ކަލޭ ފިލާ ރައްކާވާން ގަސްދުކުރަނީތަ؟" ލާވީ އެއްސެވެ. އެއާއެކު ވަޒީރު އިސްޖަހާލިއެވެ.
"މިތާ މަޑުކުރޭ" އެއްފަރާތަކަށް އިޝާރާތްކޮށްލަމުން ލާވީ ބުންޏެވެ. އަދި އޭނާ ދަރުބާރުގެ ތެރެއަށް ޖަމާވެފައި އޮތް ސިފައިންނަށް ގޮވާލިއެވެ. ބޭރީތު ރައްކާތެރިކުރުމަށް ތަޚުތުގެ ވަށައިގެން ސަފުތަކަށް އެތުރި ތިބުމަށް ލާވީ އިރުޝާދުދިނެވެ. އެވަގުތު ހަލުވިކަމާއެކު ދަރުބާރަށް އައިސް ވަންތަން ފެނުނީ ކަސްދިޔާއެވެ. އެންމެންގެ ސަމާލުކަން އެދިމާއަށް ހުއްޓުނެވެ.
"މަންމާ..." ޒަގަން ހާސްކަމާއެކު ގޮވާލިއެވެ. ބޭރީތަށް ވެސް އިންތަނުން ތެދުވެވުނެވެ.
"ދަރިފުޅާއި ފިރިމީހާ ދޫކޮށްލާފައި އަމިއްލަ ޖާނު ސަލާމަތްކުރާކަށް ބޭނުމެއްނޫން" ބޭރީތުގެ ގާތަށް އައި ކަސްދިޔާ ބުންޏެވެ. އޭނާ ދިއްކޮށްލައިގެން ހުރި އަތުގައި ކުރިއަށް ޖެހިލައި ބޭރީތު ހިފިއެވެ. އަދި އަނބިމީހާގެ ގެނެސް ގަޔާ ކައިރިކޮށްލިއެވެ.
"އެމީހުން ގަނޑުވަރަށް ވަދެއްޖެ" ކަސްދިޔާއާ ނަޒަރު ސީދާކޮށްލަމުން ބޭރީތު ބުންޏެވެ. ކަސްދިޔާ ބޯޖަހާލީ އޭނާއަށް ވެސް އެކަން އެނގޭ ބުނާ ފަދައިންނެވެ.
އިށީނދެ އިނުން ފަސޭހަނުވެގެން ބޭރީތު ހުރީ ތަޚުތުގެ ކައިރީ ކޮޅަށެވެ. އޭނާގެ ގާތުގައި ވައަތްފަރާތުން ޒަގަން ހުރިއިރު އަނެއްފަރާތުގައި ހުރީ ކަސްދިޔާއެވެ. ލާވީ ހުރީ އެމީހުންނަށްވުރެ ކުރިއަށް ނުކުމެއެވެ. އިސް ކޮމާންޑަރު ހުރީ ތަޚުތުން ފައިބަން ހުރި ހަރުފަތްތަކުގެ އެންމެ މަތީގައި ހުއްޓިލައިގެންނެވެ. އެމީހުންގެ ވަށައިގެން ދެންތިބީ ޙަކީމުންނާއި ސިހުރުވެރީންނެވެ. އެ އެންމެންގެ ބޭރަށް ވަށައިގެން ހަނގުރާމަވެރީންގެ ހަތް ސަފު ވިއެވެ.
"ހަންސާ" ކަސްދިޔާ ގޮވާލީ ސިހުރުވެރީންގެ އިސް މީހާއަށެވެ. އެއީ އަންހެނެކެވެ. އެމީހުންގެ ތެރޭގައި ބާރަ ސިހުރުވެރީން ވިއެވެ. ތޭރަވަނަ މީހަކީ އެމީހުންގެ ވެރިމީހާ ހަންސާއެވެ. އެންދެރިފަދަ ކަޅު ހަންގަނޑެއް ލިބިފައިވާ ކުރު އަންހެނެކެވެ. ހަތަރު ލޯ އޭނާގެ ވެއެވެ. ދެއަތްތިލައިން ކޮންމެ އަތެއްގައި ހައިނގިލި ހުރެއެވެ. ހިނގައިއުޅެނީ އެންމެ ފަޔަކުންނެވެ. ގިނައިން ފެންނާނީ އޭނާގެ އަޅުންގެ ބުރަކަށީމަތީ އުފުލައި އުޅޭތަނެވެ. އޭނާގެ އަޅުންގެ އަދަދު އެނގޭ އެކަކު ވެސް ނެތެވެ. ހަންސާއަކީ ރަސްރަސްކަލުންނަށް ސިހުރުގެ މަސައްކަތްކޮށްދޭ މަޝްހޫރު ޖިންނިއެކެވެ. އޭނާގެ މަސައްކަތަކީ މުޖައްރިބު ކަމެކެވެ. އޭނާގެ މަޤުބޫލުކުރަން އިތުރުވެފައިވަނީ އެހެންވެއެވެ. މިހާތަނަށް އޭނާއަށް ނުވެފައޮތް ކަމެއް ނެތެވެ. ކޮންމެ ގޮތަކުން ވިޔަސް އޭނާއާ ހަވާލުކުރެވޭ ކަމެއްކޮށް ނިންމާނެއެވެ. ނަމަވެސް ބޭރީތުގެ ގަނޑުވަރު ރައްކާތެރިއެއް އޭނާއަކަށް ނުކުރެވުނެވެ. ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭ އޭނާގެ ތިންސަތޭކަ އަޅުންގެ ފުރާނަ ވަކިވެގެން ހިނގައްޖެއެވެ.
"އެ ވަންނަނީ... އެމީހުންގެ ވަށައިގެން ރައްކާތެރިކަމުގެ ފަށަލައެއްވާފަދަ، އަހަރެންނަށް އެ ފޫއަޅުވައެއްނުލެވުނު، ނެތިގެން ގޮސްފައިވާ ޤަދީމީ ޢިލްމެއްގެ ވާހަކަ އަހަރެންގެ އަޅަކު ބުނި، އެކަމަކު އިތުރު އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އޭނާގެ ފުރާނަ ވަކިވއްޖެ... ކަސްދިޔާ... އެއީ ބާރުގަދަ ބައެއް، އަހަރެން މިނުނީ ނުބުނަން މިހެން... ތައްޔާރުވޭ... އެ އަންނަނީ އެމީހުން" ހަންސާ ބުންޏެވެ. އޭނާ ވެސް ވަނީ ދުވަހަކަ ހާސްނުވާ ވަރަށް ހާސްވެފައެވެ.
އެންމެންގެ ސަމާލުކަން ދަރުބާރުގެ ދޮރުން ވަދެގެން އަންނަ މީހުންނަށް ހުއްޓުނެވެ. އެމީހުން ފެނި އެންމެން ވެސް ބަސްހުއްޓުނެވެ. އެމީހުންގެ މޫނުތައްވަނީ ދަރުބާރުގައި ތިބި އެންމެންނަށް ވަންހަނާވެފައެވެ. ސިފަ ނޭނގޭތީ އެއީ ކޮންބައެއްކަން ދެނެގަންނަން އުނދަގޫވިއެވެ. އެވަގުތު ޒާތެއްގެ ހަޅޭއެއް ހަންސާ ލަވައިގަތެވެ. އޭނާ އަރިއަޅާލައިގެން ވެއްޓެން ދިޔަ ހިނދު ހިފެހެއްޓީ އޭނާގެ ގާތުގައި ތިބި ސިހުރުވެރީންނެވެ.
"ތިން... އެއީ... ތިން... ތާޖުގެ.... އަހަރެން މިތާ ހުރިއްޔާ އަހަރެންގެ ފުރާނަ ސަލާމަތެއްނުވާނެ... ކަސްދިޔާ، ކަލޭމެންގެ މަރު އެހުރީ އައިސް" ބިރުން ހަލާކުވެފައި ހުރި މީހަކު ފަދައިން ހަންސާ ވާހަކަދެއްކިއެވެ. ހަންސާއަކީ ބާރުގަދަ ސިހުރުވެރިއެކެވެ. ތިން ތާޖުގެ ޖިންނިއާ ބެހޭ ވާހަކަތައް ހަންސާ ވަނީ އަޑު އަހާފައެވެ. އެކި ނަސްލުގެ ތެރޭ އެ ވާހަކަ ދައްކަމުން އަންނަނީ އެކި ގޮތަށެވެ. އެންމެން ވެސް އެއްބަސްވާކަމަކީ އޭނާއަކީ ސިއްރުތަކުގެ ތެރެއިން ހުޅުވޭ ދޮރެއްކަމެވެ. އަދި ބާރު ބޭނުންވާ މީހަކު ހޯދަންވީ ތިން ތާޖުގެ ވެރި ޖިންނިކަމެވެ. ހަންސާވަނީ މީގެ އެތައް އަހަރެއްކުރީން އެ މަސައްކަތް ފަށާފައެވެ. އެންމެ ބާރުގަދަ ސިހުރުވެރިޔާއަށް ވުމަށް އޭނާ ތިންތާޖުގެ ވެރި ޖިންނި އުޅޭތަނެއްގެ މަޢުލޫމާތު ހޯދުމަށް ޚާއްޞަ އަޅުންތަކެއްވަނީ ފޮނުވާފައެވެ. ތުންތުންމަތިން ދެކެވޭ ވާހަކައެއް ފިޔަވައި އިތުރު އެއްވެސް އެއްޗެއް އޭނާގެ އަޅުންނަށް ވެސް މިހާތަނަށް އެނގިފައެއްނެތެވެ. ނަމަވެސް މިވަގުތު އޭނާއަށް ފެންނަން އެ ހުރީ އެބުނާ ތިން ތާޖުގެ ވެރި ޖިންނިކަން ޔަގީންވެއެވެ. ނަސީބު އަތުގައި ހިފީކަމުގައި ހަންސާއަށް ޤަބޫލުކުރެވުނެވެ. އޭނާއާ ދުޝްމަންކަމެއް އޮންނާކަށް ނޭދެއެވެ. އެ ބާރަށް ހަންސާވަނީ ބޭނުންވެފައެވެ. އޭނާ އުޅޭ ގޮތް ފެނި ކަސްދިޔާއަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. ބޭރީތު ވެސް ހުރީ އަޖައިބުވެފައި ހުރި މީހަކު ފަދައިންނެވެ.
"ހަ..ން..ސާ..." ކަސްދިޔާއަށް ލިބުނު ހައިރާންކަމާއެކު ގޮވާލެވުނެވެ. އެމީހުން ބަލަބަލާ ހުއްޓާ ހަންސާ ނުކުމެގެން ގޮސް ތިން ތާޖުގެ ވެރިޔާގެ ކުރިމަތީ ސަޖިދަ ޖަހައިފިއެވެ. އޭނާގެ ފަހަތުން ދެން ތިބި ބާރަ ސިހުރުވެރީން ވެސް އެފަދައިން ކަންތައްކޮށްފިއެވެ. މި ޢަމަލުގެ ސަބަބުން ބޭރީތު ކަންބޮޑުވިއެވެ. ހަންސާ އޭނާ ހުރި ކޮޅު ބަދަލުކޮށްލީއެވެ. ބޭރީތަށް އެއްވެސް އެއްބާރުލުމެއް ނުދޭނެކަން އޭނާގެ ޢަމަލުތަކުން ފާޅުކުރީއެވެ.
"ތި ސިހުރުވެރީން ގެނައުމުގެ ނަތީޖާ ފެނިއްޖެއެއްނު... ދުޝްމަނުންނާ އެއްބައިވެ މިގަނޑުވަރަށް ވަނުމަށް އެމީހުންނަށް އެހީތެރިވި ބަޔަކީ އެއީ" ސިހުރުވެރީންނާމެދު ފުރަތަމަ ވެސް ހިތްހަމަނުޖެހިފައި ހުރި ޒަގަން ބުންޏެވެ. ބޭރީތު ބަލާލީ ކަސްދިޔާއަށެވެ. އޭނާ ހުރީ އަޖައިބުވެ ބަސްހުއްޓިފައެވެ. ހަންސާގެ ނިންމުން ބަލައިގަންނަން ބޭރީތަށް އުނދަގޫވިއެވެ. އޭނާގެ މޫނުގެ ކުލަވަރު އެތަނުގައި ހުރި އިސް ކޮމާންޑަރަށް ފެނި ހަންސާއާއި އޭނާގެ ބައިވެރީންނަން ނިމުން ގެނައުމަށް ގޮވާލިއެވެ. ބޭރީތަށް ހަރާންކޯރުވީ ބައެއްގެ ގޮތުގައި ހަންސާއާއި އޭނާގެ ބައިވެރީންވާކަން އިޢުލާން ކުރިއެވެ.
ހަންސާއަށް އެއްބާރުލުން ދިނުމަށް އޭނާ ވައިސިންނީގެ ގާތުން އެދެމުންދިޔައެވެ. ވައިސިންނީއާ ދިމާއަށް ހަންސާ އަތްދިކުކުރި ނަމަވެސް އޭނާއަށް ވައިސިންނީގެ ގަޔަކު އަތެއްނުލެވުނެވެ. އޭނާގެ އަތް ނުފޯރަނީއެވެ. ކިތަންމެ ވަރަކަށް އެއަތް އޭނާ ދިއްކުރި ނަމަވެސް ވައިސިންނީއާ ގާތެއް ނުވެވުނެވެ. ބޭރީތުގެ ސިފައިންގެ ތެރެއިން ބަޔަކު ނުކުމެ ހަންސާއާއި އޭނާގެ ބައިވެރީން ހައްޔަރުކުރަން އުޅެން ފެށުމުން ދަރުބާރުގެ ތެރޭ އަޑުފަށްގަނޑު ގަދަވިއެވެ. ހަންސާ ސަޖިދަޖެހުމުން ވެސް އޭނާ ސަލާމަތްކުރަން ނޫޅެ ވައިސިންނީ ހުންނާތީ ހައިރާންވިއެވެ. ބޭރީތުގެ ސިފައިން ހަންސާއާއި އޭނާގެ ބައިވެރިން ގޮވައިގެން ދަރުބާރުގެ އެއްފަރާތަށް އަނިޔާވެރިކަމާއެކު ގެންދަމުން ދިޔަ ހިނދު ވައިސިންނީއަށް ހަންސާ ގޮވަންފެށިއެވެ.
"ކަލޭތީ ކާކު؟ އަހަރެން ކަލެއާ އެއްބައިވެދާނޭ ހީކުރުންތީ ކަލޭގެ މޮޔަކަން، އަހަރެންގެ ސާހިބާއާ އަޅާބަލާއިރު ކަލޭތީ އެއްވެސް މީހެއްނޫން" ވައިސިންނީ ބުންޏެވެ. އީޝަލް ބޯއަރިކޮށްލުމާއެކު ވަގުތުން ވައިސިންނީ ހިމޭންވެއްޖެއެވެ. އެހިނދު ހަންސާގެ ލޯތަށް ތަންމިނަށް ހުޅުވި ބިރުވެރިކަން އޭނާގެ ނަފްސަށް އަތްގަދަކުރިއެވެ. ބޭރީތަށްވުރެ ކުރީން އޭނާގެ ނިމުން އަތުވެއްޖެކަމުގެ އިޙްސާސް ކުރެވި ބަސްހުއްޓުނީއެވެ. ނަމަވެސް ހަންސާގެ ބައިވެރީން ހަނގުރާމަވެރީންނަށް ސިހުރުން ހަމަލާދީ އެތަނުން ފިލައި ރައްކާވާން ގަސްދުކުރިއެވެ. އެކަން އެހެން ނުވެގެންއުޅެނިކޮށް ދެން ފެނުނީ ބުރައިގެން ދިޔަ އަލިފާން ކަނިތަކާއެކު ހަންސާއާއި އޭނާގެ ބައިވެރީންނަށް ބޭރީތުގެ ހަނގުރާމަވެރީންގެ ތެރެއިން ނުކުމެ ތިބި ބައެއް ނިމުން ގެނައި ތަނެވެ.
"ކަލޭމެންނާ އެއްބައިވުމުގެ ނަތީޖާ ފެނިޖެއެއްނު... ކަލޭމެންގެ ނިމުން ވެސް ވަނީ އެފަދައިން" ޒަގަން ހަޅޭލައިގަތެވެ. އޭނާ ކުރިއަށް ޖެހިލި ހިނދު އޭނާގެ މުލައްދަނޑީގައި ބޭރީތު ހިފައި ހުއްޓުވިއެވެ. އެވަގުތު ވައިސިންނީގެ މަލާމާތުގެ ހިނިގަނޑުން ދަރުބާރުގެ ތެރެ ގުގުމާލައިފިއެވެ. އަދި އެމީހުންގެ މޫނުތައް ކަޝްފްވެއްޖެއެވެ. ހީވީ ބޭރީތާއި އެތަނުގައި ތިބި އޭނާގެ އަހުލުވެރީންގެ ލޯތަކުން ފުސްކަމެއް ނެތި މަންޒަރު ސާފުވެގެން ދިޔަހެނެވެ. އެހިނދު އެމީހުންނަށް ކުރިން ނުފެނުނު ހައިވާނެއް އެތަނުގައި ހުރީތީ ފެނުނެވެ.
"ޒިޔަޒެލް... ރާވިން..." ހާސްވެފައި ހުރި ލާވީއަށް ބުނެލެވުނެވެ. އަދި ފަސްއެނބުރި ބޭރީތަށް ބަލާލެވުނެވެ.
"ހަތޯރު... ދަރިފުޅު..." ހައިރާންކަމާއެކު ކަސްދިޔާއަށް ބުނެވުނެވެ. ޒަގަންއަށް ހީވީ އޭނާގެ މޫނުގައި ބާރު އެތިފަހަރެއް މީހަކު ވީލައިލީހެނެވެ. ރުޅިވެރިކަމުގެ މޫނުން ހިނދުކޮޅަކަށް ވިޔަސް ކަންބޮޑުވުމުގެ އަސަރު ފާޅުވެލިއެވެ. ބޭރީތު ހުރީ ބުނާނޭ އެއްޗެއް ނޭނގިފައެވެ. އައިސް އެ ތިބީ އީޝަލްގެ އަހުލުންކަން ބޭރީތަށް ޔަގީންވެއްޖެއެވެ. އެމީހުންގެ ތެރޭގައި ރާވިން ހުރުމުން އޭނާ ގެންދިޔައީ ވެސް އީޝަލްގެ އަހުލުންކަމުގައި ބޭރީތަށް ޤަބޫލުކުރެވުނެވެ. އެއާއެކު އޭނާ އިންތިހާއަށް ކަންބޮޑުވެ ހާސްވެއްޖެއެވެ. ހީކުރިވަރަށްވުރެ އީޝަލްގެ އަހުލުންނަކީ ބާރުގަދަ ކުޅަދާނަ ބައެއްކަމުގައި ބޭރީތުގެ ޟަމީރު އޭނާގެ ބުއްދިއަށް ވިސްނައިދޭން ފެށިއެވެ.
"އީޝަލް..." އަޅާފައިހުރި ދިގު "ކްލޯކް"ގެ ސަބަބުން މުޅި މީހާ ނިވާވެފައި ހުއްޓެއްކަމަކު ކުރިއަށް ނުކުމެ އެ ހުރީ އީޝަލްއޭ ބޭރީތުގެ ހިތް ބުންޏެވެ. ހާސްވެފައި ހުރެ ވެސް ބޭރީތު ގޮވާލީ އެހެންވެއެވެ. އަދި އީޝަލްއާ ވާހަކަދައްކަން ގަސްދުކޮށެވެ. ނަމަވެސް އޭނާއަށް އެއްވެސް ޖަވާބެއް ނައެވެ. ދެވަނަ ފަހަރަށް ގޮވާލިތަނާ ވައިސިންނީ ވާހަކަދައްކަން ފެށިއެވެ.
"ކަލެއަކަށް ޖަވާބެއްނުދޭނެ، އަހަރެންގެ ސާހިބާ އޭނާގެ ފިރިމީހާއާ ވާހަކަދައްކަނީ، ދެން ގިނައިރެއްނުވާނެ... އޭނާ ވެސް މިތަނަށް އެބައާދޭ" ވައިސިންނީ ބުންޏެވެ. އޭނާގެ ވާހަކައިން އިތުރު ސުވާލުތަކެއް ބޭރީތުގެ އުފެދުނެވެ.
"އީޝަލް... ރައުލްއާ!... ރައުލް!... ކިހިނެއް؟... އޭނާ މިތަނަށް އަންނާނީ ކިހިނެއް؟" ބޭރީތަށް ބުނެވުނެވެ.
"އަހަރެން ބަލާނުދަނީސް އަމިއްލައަށް އަހަރެންގެ ގާތަށް ތިއައީ ދޯ... ކަލޭގެ ފިރިއަކު މިހާރު ނުހުންނާނެ، ދެންވާން ހުރި ފިރިއަކީ އަހަރެން... ކަލޭގެ މިލްކުވެރިއަކީ އަހަރެން... މިތަނުން އެނބުރިއެއް ދެން ނުދެވޭނެ" ހާސްކަން ހިނިތުންވުމަކުން ފޮރުވާލަމުން ޒަގަން ވާހަކަދެއްކިއެވެ. އޭނާއަށް އެމީހުންގެ ތެރެއިން ލުގަލްބަންދާ ފެނުމުން ހުރީ ހިސާބަކަށް ޖެހިލުން ވެސް ވެފައެވެ. އަދި އެންމެ ބޮޑު ސަމާލުކަމެއް އޭނާ ދީގެން ހުރީ ލުގަލްބަންދާއަށެވެ.
"ޒަގަން... އެހުރީ ކަލޭގެ ކޮއްކޮއެއްނޫންތަ؟ މަރުވެއްޖެކަމަށް ބުނި ކޮއްކޮއެއްނޫންތަ؟ މި ފެންނަނީ ސިހުރުގެ އާލާމާތެއްތަ؟ އެމީހުން އަހަރެމެންގެ ލޯތަކަށް އޮޅުވާލަނީތަ؟" ޖަޒުބާތުގައި ޖެހިފައި ހުރި ކަސްދިޔާ ވާހަކަދެއްކިއެވެ. ޒަގަން ވަކި އެއްޗެއް ނުބުންޏެވެ.
"އެމީހުން ބަލިކަށިވީ ކޮންގޮތަކުން؟ ލާވީ... މިފެންނަނީ ކޮންކަންތައްގަނޑެއްތަ؟ ކަލޭގެ ރާވިން އެ ހުރީ އެމީހުންނާއެކު" ބޭރީތަށް ވެސް އޭނާގެ ލޯ ކުރިމަތިން ފެންނަމުންދާ ކަންކަން ދެނެގަތުން ފަސޭހަކަމަކަށްނުވިއެވެ. ލާވީއަށް މަޑުމަޑުން ދެފަރާތައް ބޯހޫރުވާލެވުނެވެ.
"ބޭރީތު... އެއީ ހަމަ އެ ބޭރީތު... އަހަރެންގެ ޢާއިލާ ޤަތުލުކުރި ނުބައި އަނިޔާވެރިޔާ" އައިޒަންއާއެކު ހުރި ބިންޏާމީން ބުނެލިއެވެ. އޭނާގެ މޫނުން ހީވަނީ ކެތްކުރަން ދަތިވެފައި ހުރި ހެނެވެ. އެވަގުތު އޭނާގެ ކޮނޑުގައި އައިޒަން އަތްތިލަ ޖައްސާލިއެވެ.
"ކަލޭގެ ހިތްދަތިކަމުގެ މައްޗަށް ރުޅި އިސްވިޔަ ނުދީ، އީޝަލްގެ ނިންމުންތަކަށް އަހަރެމެންގެ ފުށުން ހުރަސްއެޅޭފަދަ ކަމެއްކޮށްގެންނުވާނެ، ކެތްތެރިވޭ ބިންޏާމީން" އައިޒަން ސިއްރުން ބުންޏެވެ. އެވަގުތު އޭނާގެ ފަހަތުން ޖޫދާ ވެސް ބިންޏާމީނަށް ގޮވާލައި ކެތްތެރިވުމަށް އެދެފިއެވެ. އެ އެންމެންނަށް ވެސް ފެނުނު ކަންތައްތަކުގެ ސަބަބުން އީޝަލްއަށް އެމީހުންގެ އެހީތެރިކަމެއް ބޭނުންނުވާކަން ޔަގީންކުރެވިއްޖެއެވެ. އެމީހުން ވެސް އެވަނީ އީޝަލްގެ ރައްކާތެރިކަމުގައެވެ. ކޮންމެ ގޮތަކަށް ކަންތައް ހިނގި ނަމަވެސް އެކަންތައްތައް ދުށުމަށާއި އެކަމަށް ހެކިވާނޭ ބަޔަކުކަމުގައި އެމީހުންވާނޭކަން އެނގެއެވެ.
ދަރުބާރުގެ ކަނާއަތްފަރާތުން ގަނޑުވަރުގެ ތެރެއާ ގުޅިފައި ހުރި ދޮރުހުޅުވުނެވެ. އެންމެންނަށް ބަލާލެވުނީ އެ ދިމާއަށެވެ. މަދުރާއާއިއެކު ރައުލް ދަރުބާރުގެ ތެރެއަށް ވަންތަން ފެނުނެވެ. އޭނާގެ ފަހަތުން އިކަރޯސް އެވެ. އޭނާގެ ދެއަތުގެ ތެރޭ ފޮތިގަނޑަކަށްލައި ނިވާކޮށްލެވިފައި ޒޮރައިދާ އޮތެވެ.
"ރަ...އު...ލް..." އަޖައިބުވެ އަންތަރީސްވެފައިވާ މީހަކު ފަދައިން ބޭރީތަށް ރައުލްގެ ނަން މަޑުމަޑުން ކިޔާލެވުނީ ބޭއިޚްތިޔާރުގައެވެ. ޒަގަންއަށް ވެސް ލިބުނީ ސިހުމެކެވެ.
އީޝަލްއާއެކު ތިބި އެންމެންގެ މޫނުމަތިން އުފާވެރިކަން ފާޅުވިއެވެ. ޚާއްޞަކޮށް ރާވިންއާއި އޭނާއާއެކު ތިބި ބައިވެރީންގެ ފަރާތުންނެވެ. ބިންޏާމީންއާއި ޖޫދާއަށް ބަލަން ތިބެވުނީއެވެ. ޒިޔަޒެލް އުފާވެރިކަމުގެ ޝުޢޫރެއް ފާޅުކޮށްލިއެވެ. ރައުލްގެ ހިތްވަރަށް އޭނާ ސާބަސްދިނެވެ. އެ އެންމެންނަށް ރައުލްގެ ގާތުން ނުކުތް ސިއްތާއާއި ޠަލަބް ފެނުނީ އެމީހުން ގޮވާލުމުންނެވެ. އީޝަލްގެ ހެދުމުގެ ބޭރުން އަޅާފައި ހުރި "ކްލޯކް"ގެ ބޯ ފަހަތަށް ދޫކޮށްލުމާއެކު އޭނާގެ ނަޒަރު ރައުލްއަށް ހުއްޓުނެވެ. އީޝަލްގެ މޫނު ބޭރީތުގެ މީހުންނަށް ފެނުނީ ދެނެވެ.
"އޭނާ މަރެއްނުވޭތަ؟" ކަސްދިޔާގެ އަޑު ގަދަވިއެވެ. ބޭރީތުގެ އަތްފޮޅުވާލައި ޒަގަން ކުރިއަށް ޖެހިލިއެވެ.
"އީޝަލް..." ރައުލްގެ ހިތުގެ އަޑިން ނުހަނު ލޯތްބާއެކު ގޮވާލި ފަދައެވެ. އީޝަލްއާ ހަތަރުކަޅި ހަމަވެފައި ރައުލް ހުރިއިރު އޭނާގެ ތުންފަތަށްވަނީ ލުއި ހިނިތުންވުމެއް ވެރިވެފައެވެ. އޭނާ ލަސްލަހުން ބޯޖަހާލާ ގޮތުން އޭނާއާ އަދިވެސް އީޝަލް ވާހަކަދައްކަނީކަން ގައިމެވެ. ރޯންނުރޯން އުޅޭކަހަލަ އަސަރުތަކެއް އީޝަލްގެ ދެ ލޮލުން ފާޅުވޭވޭ ހުއްޓެވެ. ރައުލް އެނބުރިލައި ބޯތިރިކޮށް ސަލާމްކުރީ އީޝަލްގެ ގާތުގައި ހުރި ލުގަލްބަންދާއަށެވެ. އިސްއުފުލާލިއިރު އޭނާގެ ތުންފަތުގައިވި ހިނިތުންވުން ފުޅާވެލައިފިއެވެ.
މިވަނީ ކިހިނެއްކަން ނޭނގޭތީ ޒަގަން ކަންބޮޑުވިއެވެ. ބޭރީތާއި ލާވީ ތިބީ އަޖައިބުވެފައެވެ. މަރުވެއްޖެކަމުގައި ބުނި އެތައްބައެއް އެމީހުންގެ ކުރިމަތިން ފާޅުވެއްޖެއެވެ. ގަދަވެ ސަލާމަތުން ތިއްބައެވެ. ރައުލް ފެނުމުން ތަފާތު އިޙްސާސެއް ބޭރީތަށް ކުރެވުނެވެ. ވިސްނާލެވުނީ އޭނާގެ ހިތް ޒަގަންއާ އެއްބަސްނުވި ސަބަބާމެދުއެވެ. ރައުލް މަރުވިކަމަށް އޭނާގެ ހިތް އެއްބަސްނުވީއެވެ. އެހެންއެވީ ކީއްވެކަން މިއެނގުނީ އަދިކިރިޔާއެވެ.
"އޭނާ މަރާލާ... ކަލޭމެން ތި ތިބެނީ ކިހިނެއްވެފަތަ؟" ކަސްދިޔާ ހަޅޭލަވައިގަތެވެ. ބޭރީތާއި ދެންތިބި މީހުންގެ ސަމާލުކަން އެ އަޑަށް ދެވުނެވެ.
"ކަސްދިޔާ" ބޭރީތު ގޮވާލިއެވެ. އެހެންނަމަވެސް އޭނާ ހީވަނީ މޮޔަވެފައި ހުރި މީހަކު ހެންނެވެ. ރައުލް ފެނުމުން އޭނާ ހަމައިން ނެއްޓީއެވެ.
"ކަލޭގެ ދަރިއަކަށް ވިޔަސް ހެޔޮ، މީ ކަލޭ ވެސް ބޭނުންވިގޮތެއްނު... އޭނާ މަރާލާ... އެހެންނޫނީ އަހަރެން މިދަނީ އޭނާ މަރާލަން، މިތަނުން އޭނާގެ ފުރާނަ ސަލާމަތްވިޔަކަނުދޭނަން... ޒަގަން!... އޭނާ މަރާލާ" ކަސްދިޔާ ބުނަމުންދިޔައެވެ. އޭނާގެ ގައިގާ ވަގުތުން ބޭރީތު ހިފެހެއްޓިއެވެ. ވިސްނުމެއްނެތި ދޭ ކުއްލި ހަމަލާއެއްގައި އެމީހުންނަށް ލިބޭ ގެއްލުން ބޮޑުވެދާނޭކަން ވިސްނައިދޭން ބޭރީތު މަސައްކަތް ކުރިއެވެ. ނަމަވެސް އެ އަޑު ކަސްދިޔާ އަހާކަށް ބޭނުމެއްނުވިއެވެ. އޭނާވަނީ ރައުލްގެ ފުރާނައަށް ދަހިވެތިވެފައެވެ. އެވަގުތު ޒަގަންގެ ގޮވާލުމަށް ދަރުބާރުގެ ތެރެއަށް ބޭރުން އައި ހަނގުރާމަވެރީން ޖަމާވާން ފަށައިފިއެވެ.
"އޭނާއާ އެއްބައިވީތީ އެ ހުރި މަދުރާ ވެސް މަރާލާ" ރުޅިއައިސް ރަތްވެފައި ހުރި ކަސްދިޔާ ގޮވިއެވެ.
އީޝަލްގެ ވައިސިންނީއާއި ޔޫރާއަށް ގޮވާލިއެވެ. އެހިނދު އީޝަލްގެ ކަނާއަތުގެ ޝަހާދަތް އިނގިލިން ފެށިގެން ޤަދީމީ ލިޔުމަކުން އަކުރުތަކެއް ލިޔެވެމުންދިޔައެވެ. ކަޅުދެލީގެ ކުލަ ފާޅުވަމުންނެވެ. މުލައްދަނޑި އެކުގައި ވަށައިގެން ލިޔެވި ނިމުމާއެކު ޔޫރާ ބޯޖަހާލިއެވެ. ދެން ފެނުނީ ވައިސިންނީގެ ތިންތާޖު އެއްވެ އެންމެ ތާޖަކަށް ބަދަލުވިތަނެވެ. މަޑުމަޑުން އޭތި އައިސް އީޝަލްގެ ކަނާތު ކުޑަހުޅުގައި ރަނުގެ އުޅާގަނޑެއް ފަދައިން އޮޅުނެވެ. އެވަގުތު ބޭރީތުގެ ހަނގުރާމަވެރީންގެ ބަޔަކު ކަސްދިޔާގެ ގޮވާލުމަށް ރައުލްއާ ދިމާކުރަން އުޅުނެވެ.
"ލުގަލް..." އީޝަލް ގޮވާލިއެވެ. އަދި އެ ދެމީހުންގެ ނަޒަރު ސީދާވެ އެކަކުއަނެކަކަށް ބޯޖަހާލިއެވެ. އަލިރޮނގެއް ފަދައިން ލުގަލްބަންދާ ދިޔަތަން ފެނުނެވެ. އީޝަލް ދެން ގޮވާލީ ރައުލްއަށެވެ.
ރައުލްގެ ގާތުގައި މަޑުކޮށްލި ލުގަލްބަންދާ އޮލަ ދުންގަނޑަކަށް ބަދަލުވިއެވެ. އޭނާގެ އެ ސިފަ ރައުލްއަށް ފެނުނު މީ ފުރަތަމަ ފަހަރަށްވާތީ އޭނާ ހުރީ އަޖައިބުވެފައެވެ. ދެވަނަފަހަރަށް އީޝަލްއާ ދިމާއަށް ބަލާލެވުނީ އެހެންވެއެވެ. އީޝަލް ބޯޖަހާލުމުން އޭނާ އެ އެދެނީ ކޮންކަމަކަށްކަން ރައުލް ދެނެގަތެވެ. ޖަވާބުގައި ރައުލް ވެސް ބޯޖަހާލީއެވެ.
"އަހަރެންނަށް ހުރިހާކަމެއް ދޫކޮށްލާ، ރައުލް!... އީޝަލްއަށް އެމީހުންނާ ކުރިމަތިލެވޭނީ ކަލޭ ފުރިހަމަ ރައްކާތެރިކުރުމަށްފަހު، އެހެންވީމަ ކަލޭގެ އަނބިމީހާއަށް އިތުބާރުކުރޭ، އެއީ ކަލޭ ވަކިވިއިރުގެ އީޝަލްއެއްނޫން، އެކަން މިހާރު ކޮންމެވެސް ވަރަކަށް ކަލެއަށް އެނގޭނެކަންނޭނގެ... އަހަރެންނަށް ހުއްދަދީ... މިކަމުން ކަލޭގެ ބުއްދިއަށް އެއްވެސް އަސަރެއްނުކުރާނެ" ލުގަލްބަންދާ ވާހަކަދެއްކީ ހަމައެކަނި ރައުލްއާއެވެ. ޖެހިލުންވެފައި ހުރެ ވެސް ރައުލް ބޯޖަހާލީ ލުގަލްބަންދާއަށް ހުއްދަދެމުންނެވެ. ދެންފެނުނީ ރައުލްގެ ގައިތެރެއަށް ލުގަލްބަންދާ ވަންތަނެވެ.
(ނުނިމޭ)