ހަބަރު

އެމްޓީސީސީއިން މިދިޔަ އަހަރު 15 މިލިއަން މީހުން އުފުލައިދިން

އެމްޓީސީސީ އިން ދެމުން ގެންދާ ދަތުރުފަތުރުގެ ނިޒާމު މެދުވެރިކޮށް މިދިޔަ އަހަރު 15 މިލިއަން މީހުން އުފުލާދެވިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޓީސީސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސެއިން ވިދާޅުވީ، އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޕަސެންޖަރުންގެ ގޮތުގައި ގާތްގަނޑަކަށް 15 މިލިއަން މީހުން ފްލީޓްގައި ދަތުރުފަތުރު ކޮށްފައިވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ، އެންމެ ގިނަ އިން ފެރީގެ ހިދުމަތް ބޭނުން ކުރަނީ ވިލިނގިލި ދާއިރާ އަށް ކަމަށާއި އެ ދާއިރާ އިން ގާތްގަނޑަކަށް 15،000 އާއި 16،000 އާ ދެމެދުގެ ޕަސެންޖަރުން ދުވާލަކަށް ދަތުރުކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ، ދަތުރުފަތުރު ތަކުގެ އާންމުދަނީ އަށް މިދިޔަ އަހަރު 137 މިލިއަން ރުފިޔާ ލިބުނު ކަމަށާއި މިއަހަރުގެ މިހާތަނަށް 50 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އާންމުދަނީ ލިބެމުންދަނީ ޓާގެޓާއި އެއްގޮތަށް ކަމަށެވެ. ނަމަވެސް ހަރަދުތައް ހުރީ ތަންކޮޅެއް ބޮޑުކޮށް ކަމަށާއި އެކަންކަން ހައްލު ކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީއަކީ މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ގިނަ އަތޮޅުތަކެއްގައި ދަތުރުފަތުރުގެ ހިދުމަތް ދޭ ކުންފުންޏެކެވެ.

އެމްޓީސީސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޓްރާސްޕޯޓް ޑިޕާޓްމެންޓްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު މުހައްމަދު ނާޒިމް ވިދާޅުވީ، އެކުންފުނިން ދަތުރުފަތުރުގެ ނިޒާމްގެ ހިދުމަތް މިހާރު 169 ރަށަށް ފޯރުކޮށްދެމުންދާ ކަމަށާއި އެއަދަދު ކުރިއަށް އޮތް ތަނުގައި އިތުރުވެގެންދާނެ ކަމަށެވެ. ނަމަވެސް އެ ކުންފުނިން ދެމުން ގެންދާ ދަތުރުފަތުރުގެ ނިޒާމުން މިހާރު މަހެއްގެ މައްޗަށް ފަސް މިލިއަން ރުފިޔާގެ ގެއްލުންވާ ކަމަށާ، ނަމަވެސް އެ ގެއްލުން ކުޑަކުރަން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ، ހުޅުމާލެ އަށް ކުރަމުންދާ ދަތުރުތައް ވަރަށް ބޮޑަށް ދައްވެފައިވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 80 ޕަސެންޓްގެ ވެއްޓުމެއް ކަމަށެވެ.

އޭނާ ވިދާޅުވީ، ބްރިޖް ހުޅުވުމުގެ ކުރީގައި ފެރީތަކުގައި ދުވާލަކަށް 20،000 ހާސް ޕަސެންޖަރުން ދަތުރުކުރި ކަމަށެވެ. ނަމަވެސް ބްރިޖް ހުޅުވުމުން އެއަދަދު މިހާރު ވަނީ 4000 އާއި 5000އާ ދެމެދުގެ އަދަދަކަށް ދަށްވެފައި ކަމަށެވެ.

"އާންމުދަނީގެ ގޮތުން ބަލާނަމަ ފުދޭވަރަށް ބޮޑު ގެއްލުމެއްގައި މިހާރު އަޅުގަނޑުމެން އޮޕަރޭޓް ކުރަމުން މިދަނީ، ޓްރާންސްޕޯޓުން ބަލާނަމަ މަހެއްގެ މައްޗަށް ފަސް މިލިއަން ރުފިޔާގެ ގެއްލުމެއްގައި އަޅުގަނޑުމެން މިއުޅެނީ،" ނާޒިމް ވިދާޅުވި އެވެ.

އެމްޓީސީސި އިން ވަނީ ދަތުރުފަތުރުން ލިބޭ ގެއްލުން ކުޑަ ކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފަ އެވެ. އަދި މި ދާއިރާ އިން ލިބޭ ގެއްލުން ކުޑަ ކުރުމުގެ ގޮތުން ސަރުކާރުން ސަބްސިޑީ ދޭން ތައްޔާރު ވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ.