ކުޅިވަރު

ޗެމްޕިއަން ރީޔޫނިއަން އަތުން ރާއްޖެ ބަލި ވެއްޖެ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފުޓްބޯޅަ އިވެންޓްގެ ގުރޫޕް ބީ ގެ ފުރަތަމަ މެޗުގައ، އެންމެ ފަހުގެ ޗެމްޕިއަން ރުނިއަން އަތުން 4-0 ން ރާއްޖެ ބަލި ވެއްޖެ އެވެ.

ރީޔޫނިއަންއިން ވަނީ ކޮންމެ ހާފެއްގައި ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ދިވެހި ކުޅުންތެރިންނަށް ވުރެ، ފިޒިކަލީ ވަރުގަދަ އިސްކޮޅުން ދިގު ކުޅުންތެރިން ހިމެނޭ ޓީމެއް ކަމަށް ވުމުން ރީޔޫނިއަން އިން ވަނީ މެޗުގައި އެ ފައިދާ ވަރަށް ރަނގަޅަށް ނަގާފަ އެވެ.

އެ ޓީމުން ރާއްޖެ ކޮޅަށް ޖެހި ހަތަރު ލަނޑުގެ ތެރެއިން، ތިން ލަނޑަކީ އެ ޓީމު ކުޅުންތެރިންގެ އިސްކޮޅުގެ ފައިދާ ނަގައި ބޮލުން ކާމިޔާބު ކުރި ލަނޑުތަކެކެވެ.

ރީޔޫނިއަންގެ ޖީން މައިކަލް ފޮންޓެއިން ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އަނެއް ދެ ލަނޑު ކާމިޔާބު ކުރީ ސޭޕެޑޮން މެތިއު އަދި އަންޖީ ވާޑަޕިން އެވެ.

މެޗުގެ ފަހު ކޮޅުގައި، ދިވެހި ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނެވެ. މުބާރާތަށް ރާއްޖޭގެ ޓީމު ފަރިތަ ކުރުން ބޭއްވީ ފަސް ދުވަހު އެވެ.