ހަބަރު

އެބޯލާ ރޯގާ ރާއްޖެއަށް އައުމުގެ ފުރުސަތު ކުޑަ: އެޗްޕީއޭ

ޑިމޮކްރަޓިލް ރިޕަބްލިކް އޮފް ކޮންގޯ (ޑީ.އާރް.ސީ) ގައި މިހާރު ފެތުރެމުންދާ އެބޯލާ ރޯގާ، ރާއްޖެއާ ހަމައަށް ފެތުރުމުގެ ފުރުސަތު އަދި ކުޑަ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖެއަށް ބަލި އައުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމަށް މިހާރު ހެދިފައިވާ ރިސްކް އެސެސްމެންޓަށް ބަލާއިރު ރާއްޖެއަށް ބަލި އައުމުގެ ފުރުސަތު އަދި ކުޑަ ކަމަށް ފާހަގަކުރެވޭ ކަމަށެވެ.

ނަމަވެސް އެއީ އެމަޖެންސީއެއް ކަމަށް ދުނިޔޭގެ ސިއްހަރު ޖަމިއްޔާއިން ކަނޑައެޅުމުން މިފަދަ ހާލަތެއްގައި ކަން ކުރާނެ ގޮތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރެސްޕޮންސް ޕްލޭނެއް އެކްޓިވޭޓް ކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި ބުނީ އެ ބަލިން ރައްކާތެރިކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކަމާ ގުޅޭ މުއައްސަސާތަކާ ގުޅިގެން މިހާރު ފަށާފައިވާ ކަމަށެވެ.

އެ ގޮތުން ސިއްހީ ދާއިރާގެ ހެލްތް އިމަޖެންސީ ކޯޑިނޭޝަން ކޮމިޓީގައި ސިއްހީ ދާއިރާއިން ވާންވީ ތައްޔާރީތަކާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި އެކި ދާއިރާތައް ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ އިންޓަނޭޝަނަލް ހެލްތް ރެގިއުލޭޝަން (އައިއެޗްއާރް) ކޮމިޓީއާ ބައްދަލުކޮށް ވާން ޖެހޭ ތަރައްގީތަކާއި އަޅަން ޖެހޭ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާ ކޮށްފައި ވާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މީގެ އިތުރުން ރާއްޖޭގައި މީހަކު އެ ބައްޔަށް ޝައްކު ކުރެވިއްޖެނަމަ އަމަލު ކުރާނެ އުސޫލުތައް މުރާޖައާކޮށް، ކަމާ ގުޅޭ ފަރާތްތައް އެ އުސޫލުތަކަށް އަހުލުވެރި ކުރުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި ބައްޔާ ބެހޭ ގޮތުން ކުރިއަށް ގެންދާ މަސައްކަތްތަކާއި ހާލަތު ގާތުން މޮނިޓާ ކުރަމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.