ހަބަރު

ކުޑަކުދިންގެ މަލްޓިމީޑާ ލައިބްރަރީ އަލުން ހުޅުވައިފި

ކުޑަކުދިންގެ މަލްޓިމީޑިއާ ލަައިބްރަރީ އަލުން ތަރައްގީކޮށް ހުޅުވައިފި އެވެ.

އާ ހިދުމަތްތަކާއެކު ލައިބްރަރީ ހުޅުވާފައިވަނީ، ކަނބާ އައިސާ ރަނި ހިނގުމުގައި ހުންނަ ސިޓީ ކައުންސިލް އޮފީހުގެ ބިއްދޮށުގައި ހުންނަ މަގުގަ އެވެ.

މިއަދު ހަވީރު ލައިބްރަރީ ރަސްމީކޮށް ހުޅުއްވައިދެއްވީ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނެވެ. މިއަދަށް ފަހު 13 އަހަރުން ދަށުގެ ކުޑަކުދިން ކުރިއެކޭ އެއްގޮތަށް ރަޖިސްޓްރީ ކޮށް ގެއަށް ފޮތް ގެންދެވޭނެ އެވެ.

ކުޑަކުދިންގެ ލައިބްރަރީ ހުޅުވި އިރު، ކުޑަކުދިން ކުޅޭނެ ވަކި ސަރަހަައްދަކާއި މަލްޓިމީޑީއާ ސްކްރީނުގެ އެހީގައި ކުޑަކުދިންނަށް ވާހަކަ ކިޔައިދޭނެ ކޮޓަރިއެއް ވެސް ވަނީ ހަދާފަ އެވެ. މީގެ އިތުރުން ބޯޑް ގޭމްސް އާއި ހޯމްވޯކް ހެދުމަށް ކޮޓަރިއެއްވެސް ވަނީ ހާއްސަ ކޮށްފަ އެވެ.

ރަސްމިއްޔާތުގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވަނީ ކުޑަކުދިންނަށް ފޮތް ކިޔުމުގެ އާދަ އަށަގަންނަވަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި، އެންމެ ތުއްތު އިރުގައި ފޮތް ކިޔުމަށް ބާރު އަޅާ ނަމަ އުމުރު ދުވަހުވެސް އެ އާދަ ހަރުލާނެ ކަމަށް ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ކުދިންނަށް ފޮތް ކިޔައިދިނުމަކީ މައިންބަފައިންނާއި ޓީޗަރުންގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު ވާޖިބެއް ކަމަށެވެ.

ކުޑަކުދިންގެ މަލްޓިމީޑާ ލައިބްރަރީ އަލުން ހުޅުވީ ކުތުބުހާނާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މި އަހަރު ހިންގަން ހަމަޖެހިފައިވާ ހަރަކާތްތަކުގެ ދަށުންނެވެ.