އެމެރިކާގެ ހަނގުރާމަވެރި މަނަވަރަށް ޑްރޯން ހަމަލާތަކެއް ދޭން އުޅުނު ކަމަށް އެމެރިކާއިން ތުހުމަތު ކުރުމުން، މަނަވަރަށް ޑްރޯން ހަމަލާ ދިން ކަމަށް އެމެރިކާގެ ބުނާ ވަގުތުގެ ސެޓްލައިޓް ވީޑިއޯ ފޫޓޭޖްތަކެއް އިރާނުން އާންމުކޮށްފި އެވެ.
އިރާނުން އާންމުކުރި ވީޑިއޯގައި ފެންނަ ގޮތުން އެ ހިސާބުގައި ޑްރޯން އެއް ހަރަކާތްތެރިވެފައެއް ނުވެ އެވެ. އަދި އެމެރިކާގެ މަނަވަރުން ޑްރޯންތައް ވާއްޓާލަން ކަމެއް ކުރި މަންޒަރެއް ވެސް ނުފެނެ އެވެ.
އިއްޔެ ދަތުރު ކުރަމުން ދިޔަ މަނަވަރަށް އިރާނުން ޑްރޯން ހަަމަލާތަކެއް ދޭން މަސައްކަތް ކުރީ މަނަވަރާއި 1000 މީޓަރު ދުރުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ވިދާޅުވެފަ އެވެ. އަދި ފަހުން ޑްރޯންތަކަށް މަނަވަރުން ހަމަލާދީ ވައްޓާލާފައިވާ ކަމަށްވެސް ޓްރަމްޕު ވިދާޅުވެފައި ވެއެވެ.
އެއާ ގުޅިގެން އީރާނުން ވީޑިއޯ އާންމު ކުރުމުންވެސް ޓްރަމްޕު ވިދާޅުވީ، ޑްރޯންއިން ހަމަލާ ދޭން މަސައްކަތް ކުރި ކަމަށާއި، އެކަން ނާކާމިޔާބުވީ މަނަވަރުން ރައްދު ހަމަލާ ދިނުމުން ކަމަށެވެ.
އިރާނަށް ރައްދު ދެމުން، ޓްރަމްޕު ވިދާޅުވީ، އިރާނުން ޅަ އެއްޗެއް އަޅައިފިނަމަ އަގު އިރާނަށް އަދާ ނުކުރެވޭނެ ވަރުގެ ގެއްލުމެއް ދޭނެ ކަމަށެވެ.
"އިރާނުން ޅައެއްޗެއް އަޅާނެ ކަމަކަށް ހީއެއް ނުކުރަން، އެފަދަ ކަމެއް ކޮށްފި ނަމަ އިރާން އޮންނަހާ ހިމދަކު ޖެހޭނީ އަދާ ކުރަމުން ދާން" ޓްރަމްޕު ވިދާޅުވި އެވެ.
މަނަވަރަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތު އިރާނުން ވަނީ ތަކުރާރުކޮށް ދޮގު ކޮށްފަ އެވެ.
އިރާންގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އައްބާސް އާޗިގަރީ ވިދާޅުވީ، އެ ސަރަހައްދަށް އިރާންގެ އަސްކަރިއްޔާއިން ޑްރޯންތަކެއް ފޮނުވާފައި ނުވާ ކަމަށެވެ. އދ. ގެ ބައްދަލުވުމަކަށް ނިއުޔޯކުގައި ހުންނެވި އިރާން ފޮރިން މިނިސްޓަރު ޖަވާދް ޒާރިފް ވެސް ވަނީ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.