ހަބަރު

ސީލައިފު ފްލެޓަށް ބަދަލުދޭން ނިންމުމުން އުފާ ފާޅުކޮށްފި

Jul 20, 2019
2

ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ބުކިން ފީގެ ގޮތުގައި ސީލައިފުން ފައިސާ ނެގުމަށް ފަހު މަސައްކަތް ކުރިއަށް ނުގެންދިއުމުން ގެއްލުންވި މީހުނަށް ސަރުކާރުން ބަދަލު ދޭތީ އުފާ ފާޅުކޮށްފި އެވެ.

ސީލައިފް ފްލެޓު ގަތް ގިނަ ބަޔަކާއެކު އެ މައްސަލާގައި އިސް ވަކީލެއްގެ ގޮތުގައި ހަރަކާތެރިވާ މަރިޔަމް ޝުނާނާ ވެސް ހިމެނޭ ގޮތަށް ބުރާސްފަތު ދުވަހުގެ ރޭ މާލޭގެ ސިޓްރޮންގައި ވަނީ ހަފުލާއެއް ބާއްވާފަ އެވެ. އެ ހަފުލާގައި ވަކީލް ސުނާނާ މަަސައްކަތުގެ އަގު ވަޒަންކޮށް ހަނދާނީ ފިލައެއްް ދީފައިވެސް ވެއެވެ.

ހުޅުމާލޭގައި ބޮޑު ސަރަހައްދެއްގައި ފްލެޓު އެޅުމުގެ މަޝްރޫއެއް ހިންގުމަށްޓަކައި ސީލައިފް ކުންފުނިން ވަނީ 203 މީހެއްގެ އަތުން ފައިސާ ނަގާފަ އެވެ. އެ ކުންފުނިން ގިނަ ބައެއްގެ އަތުން ބުކިން ފީގެ ގޮތުގައި 50،000ރ. ނަގާފައިވާއިރު، ބައެއް ފަރާތް ތަކުން ފްލެޓަށް ފުރަތަމަ ދައްކަން ޖެހޭ 20 ޕަސެންޓު (ގާތްގަނޑަކަށް 600،000ރ. ވަރު) ވެސް ނަގާފައި ވެ އެވެ. ނަމަވެސް އެ ކުންފުނިން ފްލެޓު އަޅާ ސަރަހައްދު ކޮނެލުން ފިޔަވައި އިތުރު މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.

މި މަސައްކަތް ކުރިއަށް ނުގޮސް ލަސްވަމުން ދަނިކޮށް، އެ މައްސަލަ ތަހުގީގު ކުރަން ފެށުމުން، ސީލައިފުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އައްމަޓީ) ވަނީ ފިލައިގެން ސްރީލަންކާއަށް ގޮސްފަ އެވެ. އަދި މަކަރާއި ހީލަތް ހެދި މައްސަލައިގައި އަންމަޓީ ހޯދަން ވަނީ އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރެފަ އެވެ.

ސީލައިފް ފްލެޓަށް ފައިސާ ދެއްކި މީހުން ކޯޓަށް ދިޔައީ އެ ކުންފުންޏާއި އެޗްޑީސީ އާއި އިކޮނޮމިކް މިނިސްޓްރީއާ ދެކޮޅަށް ދައުވާ އުފުލުމަށެވެ. އަންމަޓީ ހޯދަން ރެޑްނޯޓިސް ނެރެފައިވަނިކޮށް، ދައުވާ ކުރި 200 އަށްވުރެ ގިނަ މީހުންނަށް ބަދަލު ހޯދައިދޭން ކޯޓުން ބޭރުގައި މައްސަލަ ވަނީ ހައްލުކޮށްފަ އެވެ. ނަމަވެސް، ސީފައިލް ފްލެޓު ގަތް މީހުންނަށް ބަދަލު ދިނުން މަޑުޖައްސާލަން، އެސެޓް ރިކަވަރީ ކޮމިޝަނުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް މިހާރު ވަނީ އަންގާފަ އެވެ.

ބަދަލު ދެނީ ޕާފޯމަންސް ގެރެންޓީ އިން

މި ސަރުކާރުން ސީ ލައިފާއެކު އެއްބަސްވުމަކަށް އައުމުގެ ކުރިން އެޗްޑީސީން ބުނެފައިވާ ގޮތުގައި ފްލެޓު ގަތް މީހުންނަށް ދޭން ޖެހޭ ބަދަލުގެ އަދަދު 24 މިލިއަން ރުފިޔާ އަށް އަރާނެ އެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވި ގޮތުގައި ފްލެޓު ގަތް މީހުންނަށް ބަދަލު ދެނީ އެ މަޝްރޫއު ކުރިއަށް ގެންދަން ސީލައިފުން ޕާފޯމަންސް ގެރެންޓީގެ ގޮތުގައި ދެއްކި ފައިސާއިންނެވެ.

ސީލައިފުން ވަނީ އެޗްޑީސީ އަށް ފްލެޓުގެ އަޅަން ޕާފޯމަންޓް ގެރެންޓީގެ ގޮތުގައި އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ދައްކާފަ އެވެ.

ޒާހިރު ވިދާޅުވި ގޮތުގައި ސީލައިފް އެއްބަސްވުމުގެ ސަބަބުން ލިބުނު މާލީ ގޮތުން ލިބުނު ގެއްލުމުގެ ބަދަލު އެޗްޑީސީ އިން ހޯދައި މީހުންގެ އަތުން ފައިސާ ނެގި މައްސަލައިގައި ޖިނާއީ ތަހުގީގު ވެސް ކުރާނެ އެވެ.

ސީލައިފުން ވަނީ ފްލެޓު އެޅުމުގެ މަޝްރޫއެއް 2008 ވަނަ އަހަރު އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު ވެސް ހިންގަން ހަވާލުކޮށްފަ އެވެ. ނަމަވެސް އެ ފަހަރު ވެސް ފްލެޓު އެޅޭ ގޮތެއް ނުވި އެވެ. އެ ފަހަރު 80 ހައުސިން ޔުނިޓް އަޅަން ސީލައިފާއެކު ހެދި އެއްބަސްވުން 2011 ގައި އުވާލިއިރު، 12 މިލިއަން ޑޮލަރުގެ ސެޓެލްމަންޓް އެއްބަސްވުމެއް ސަރުކާރުން ހަދައި، އެ ފައިސާ ނުދިން ކަމަށް ބުނެ ވަނީ ދައުވާކޮށްފަ އެވެ.