ކުޅިވަރު

ޖަލު ގޮޅިން ގައުމީ ޓީމަށް!

މޭޑޭ، 2015 ގައި މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހެއްގެ ގައިގައި ތަޅައިގަތުމުން، ގޯލްކީޕަރު އިބްރާހިމް ލަބާން ޝަރީފް ހައްޔަރު ކޮށްގެން ގެންދިޔައީ، އޭރު އޭނާ ކުޅެމުން ދިޔަ ކުލަބު އީގަލްސްގެ ޕްރެކްޓީހުގައި ހުއްޓަ އެވެ.

ކީޕަރު ޖޯޒީ ބާލުވައި، ގައިދީންގެ ޔުނީފޯމް ލައްވައިގެން މާލެ ގެނެސް ޝަރީއަތް ކުރިއަށް ގެންދިޔަ އެވެ. ކޯޓުން ކުރި އަމުރާއެކު ލަބާން ހައްޔަރުކޮށް ޖަލުގައި ބަންދުކުރި އެވެ.

އޭނާގެ މައްޗަށް ކުރި ފަސް އަހަރުގެ ޖަލު ހުކުމުގެ ތެރެއިން ތިން އަހަރު ތަންފީޒު ކުރުމަށް ފަހު މިދިޔަ އަހަރު ކޯޓުން އޭނާ މިނިވަން ކޮށް ދޫކޮށްލި އެވެ. އޭނާ އަޒުމަކަށް ބަދަލެއް ނާދެ އެވެ. ފުޓްބޯޅައާ އެކު ކުރިއަށް ދާނެ ކަމަށް ލަބާން އިއުާލާން ކުރި އެވެ.

"އެނގޭ ކުރީގެ ފޯމަށް އަލުން ދާން ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ ކަންވެސް،" މިދިޔަ އަހަރު އަވަސް އާ ވާހަކަ ދައްކަމުން ލަބާން، 23 ބުންޏެވެ. "އެހެން ނަމަވެސް މަސައްކަތް ކޮށްގެން އަލުން އަންގި ލައްވައިގެން ދަނޑަށް ނުކުތުމަކީ ވަރަށް ބޮޑު އުންމީދެއްް."

ޖަލުން މިނިވަން ވެގެން އައިއިރު، ލަބާންގެ ފިޓްނަސް ހުރީ ގެއްލިފަ އެވެ. އަލުން އަންގި އަޅައިގެން ދަނޑަށް ނުކުމެވެން އޮތީ ބުރަ މަސައްކަތެއް ކޮށްގެނެވެ. އޭނާ މިނިވަންވި ވަގަުތަކީ، މިދިޔަ އަހަރުގެ މެދުތެރޭ ޓްރާންސްފާ ޕީރިއަޑްގެ ކުރިއަށް ދިޔަ ވަގުތެވެ. ލަބާންގެ އަތުގައި ހިފީ، ކުލަބު ގުރީން ސްޓްރީޓުންނެވެ.

އޭނާ އަލުން ފިޓް ކުރަން ގްރީން ސްޓްރީޓް ކަނޑައެޅީ ދެ މަހުގެ ޕެލޭނެކެވެ. "ކުލަބުގެ އުންމީދަކީ އޯގަސްޓް މަހު ލީގް ބްރޭކްވެ ސެޕްޓެމްބަރު މެދު ތެރޭގައި އަލުން ލީގް ފަށާއިރު ލަބާންއަށް ދަނޑަށް ނިކުމެވޭނެ ވަރު ކުރުން." މިދިޔަ އަހަރު ގުރީންގެ ބޯޑް މެންބަރު މީކާއީލް ބުނެފައި ވެއެވެ. އެހެންނަމަވެސް ހީކުރި ވަރަށް ވުރެ އަވަހަށް އޭނާ ދަނޑަށް ނުކުތެވެ. އެއީވެސް އޭނާވީ ބޮޑު ގުރުބާނީ އެކެވެ.

ލަބާން ގުރީން ސްޓްރީޓަށް ސޮއި ކުރީ، މިދިޔަ އަހަރުގެ ޖޫން 25 ވަނަ ދުވަހު އެވެ. ޓީމުގެ ޕްރެކްޓިހަށް ނުކުތްތާ އެއް މަސް ނުވަނީސް ލަބާން ގުރީންގެ ޓީމުގައި ހިމެނިގެން ފުރަތަމަ މެޗަށް ނުކުތެވެ. މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގްގައި، ފ. ނިލަންދުއާ ދެކޮޅަށް ޖުލައި މަހު 16 ވަނަ ދުވަހު ނުކުތް މެޗުގަ އެވެ.

"ޕްރެކްޓިހުގައި އޭނާ ވަރަށް ރަނގަޅަށް މަސައްކަތް ކުރި، އަޅުގަނޑުމެން ހީކުރި ވަރަށް ވުރެ އަވަހަށް އޭނާ ދަނީ ކުރި އެރުން ހޯދަމުން، އެހެންވެ ކަންނޭންގެ ކޯޗް އޭނާ އަށް ފުރުސަތު ދޭން ނިންމީ." މީކާއީލް މިދިޔަ އަހަރު އަވަސް އަށް މައުލޫމާތު ދެމެުން ބުނެފައި ވެއެވެ.

ނޮވެމްބަރު މަހު ތިން ވަނަ ދުވަހު، ގައުމީ ޓީމު މެލޭޝިއާ ދެކޮޅަށް ކުޅެން އޮތް ދުވަހު، ލަބާން ގެންދިއުމަށް ގައުމީ ޓީމުގެ ކޯޗް މަސައްކަތް ކުރި އެވެ. އެއް ވަނަ ކީޕަރު ފައިސަލްއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާގެ ބަދަލުގަ އެވެ. އެހެންނަމަވެސް އޭނާއަށް މުބާރާތަށް ނުދެވުނީ ޕެރޯލްގައި ހުރުމުގެ ސަބަބުންނެވެ.

މި އަހަރު މާޗް މަހު ސައުދީ އަރަބިއްޔާގައި ބޭއްވި، އޭޝިއާގެ 23 އަހަރުން ދަށުގެ މުބާރާތުގެ ޓްރެއިނިން ކޭމްޕަށް، ޒުވާން ގައުމީ ޓީމާއެކު ފިލިޕީންސަށް ގެންދާ ސްކޮޑުގައި ލަބާން ހިމެނީވެސް އޭނާއަށް އިތުރު ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކަމަށް ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނެފައި ވެއެވެ.

"އަހަރެން ނުހިމަނާނަން ލަބޯ [ލަބާން] ރަނގަޅު ކީޕަރުންގެ ތެރެއަކު، އަހަރެން އޭނާ ހިމަނާނީ ވަރަށް މޮޅު ކީޕަރުންގެ ކެޓަގަރީގައި، އޭނާގެ ކިބައިން އެކަން ފެނޭ." ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ގައުމީ ޓީމުގެ ޕްރެކްޓިސް ޝެޝަނަކަށް ފަހު އަވަސްއަށް ދިން އިންޓަވިއުގައި ޝެގަޓް ވާހަކަ ދެއްކި އެވެ.

މިހާރު މޮރިޝަސްގައި ކުރިއަށްދާ މުބާރާތަކީ، ސީނިއާ ޓީމުގައި ލަބާންގެ ފުރަތަމަ މުބާރާތެވެ. އުނދަގޫ ހާލަތުގެ ތެރެއިން އައިސް މިވަގުތު އޭނާ ހުރީ ގައުމީ ޓީމު އަންގި ލައްވައިގެންނެވެ.

ގައުމީ ޓީމު މާލެއިން ފުރަން މާލޭގެ ބަސް ޓާމިނަލަށް ދިޔައިރު، ލަބާން ފުރުވަން އޭނާގެ މަންމަ އާއި ބައްޕަ އަދި އޭނާގެ އަންހެނުން ގޮސް ހުއްޓެވެ. އެއީ އެންމެ އުނދަގޫ ވަގުތުގައިވެސް އޭނާގެ އެންމެ ބޮޑު ސަޕޯޓަރުންނެވެ.

"ކަލޭގެ ދަރިފުޅަކީ މޮޅު ކީޕަރެއް އެކަންޏެއް ނޫން، އޭނާއަކީ ވަރަށް ރަނގަޅު ކެރެކްޓާއެއްވެސްމެ، އަހަރެން އާއާ މެދު ވަރަށް ޝައުގުވެރިވޭ." ލަބާންގެ އާއިލާއާއެކު ފޮޓޯއެއް ނަގަން ގޮސް، ޝެގަޓް ލަބާންގެ ބައްޕަ ގާތުގައި ބުންޏެވެ. ލަބާންގެ އާއިލާ، އޭނާއާ މެދު ކުރިން އުންމީދާއެކު، މިވަގުތު އޭނާ އެހުރީ ގައުމީ ޓީމު ތަމްސީލު ކުރަން ރާއްޖޭން ބޭރުގައެވެ.

"އަލްހަމްދުﷲ މިއީ އަހަރެންގެ ޕެޝަން އާއެކު ކުރިއަށް ދާން އަހަންނަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް،" އަވަސް އާ ވާހަކަ ދައްކަމުން ލަބާން ބުންޏެވެ. "އަހަރެން ވަރަށް މަސައްކަތް ކުރާނަނަށް އަހަރެންގެ އުންމީދުތައް ހާސިލު ކުރުމަށްޓަކައި، އަހަރެންގެ އެންމެ ރަނގަޅު ކުޅުން ދެއްކުމަށް އަހަންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތް ކުރާނަން."

"އަހަރެން ބޭނުން ޝުކުރު އަދާ ކުރަން އަހަރެންގެ މަންމަ އާއި ބައްޕަ އަދި އަހަރެންގެ އަންހެނުންނަށް އެއީ އެންމެ އުނދަގޫ ވަގުތުގައިވެސް އަހަނަށް އެންމެ ބޮޑު އެހީތެރިކަމެއް ދިން މީހުން، މަންމަ އާއި ބައްޕަ އަދި އަންހެނުންގެ ހިތްވަރުން ނޫނީ މިހިސާބަށް ނާދެވުނީސް."